Roadha Mihaaru
ދައުލަތުން ދިން ގެރެންޓީ 13 ބިލިއަނަށް އަރައިފި

ދައުލަތުން ދިން ގެރެންޓީ 13 ބިލިއަނަށް އަރައިފި

13 ޖޫން 2019

ސަރުކާރުން ލޯނު ގެރެންޓީ ދިން އަދަދު 13 ބިލިއަން ރުފިޔާ އަށް އަރައިފ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ލޯނު ގެރެންޓީ ދިން އަދަދު 13 ބިލިއަން ރުފިޔާ އަށް އަރައިފ އެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން އާންމުކުރާ ރިޕޯޓުގައިވާ ގޮތުން މިދިޔަ މާޗުގެ ނިޔަލަށް ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުތައް 11 ބިލިއަން ރުފިޔާގެ ގެރެންޓީ ދީފައި ވެ އެވެ. އަދި ރާއްޖޭގެ ބޭންކްތަކުން ނަގާފައިވާ ލޯނުތަކަށް ދެ ބިލިއަން ރުފިޔާގެ ގެރެންޓީ ދީފައި ވެ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ގެރެންޓީ ދިން ޖުމްލަ ލޯނުގެ އަދަދު 11 ބިލިއަންގައި ހުރި އިރު ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކުގެ އަދަދު އުޅެނީ 10 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވަނީ އިތުރު ދެ ބިލިއަން ރުފިޔާގެ ގެރެންޓީ ދީފަ އެވެ. ދައުލަތުގެ އުފެއްދުންތެރި ކަމުގެ ނިސްބަތަށް ބަލާއިރު ލޯނު ގެރެންޓީއަކީ 14 ޕަސެންޓެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ ދަރަނި 49 ބިލިއަނަށް ވަނީ އަރައިފަ އެވެ. އެހެންކަމުން ލޯނު ގެރެންޓީއާ އެކު ދައުލަތުގެ ދަރަނި 62.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 70 ޕަސެންޓްގަ އެވެ.

ދައުލަތުން ލޯނު ގެރެންޓީ އެންމެ ގިނައިން ދެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. ވޭތުވެދިޔަ ދެ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޝްރޫއުތައް ހިންގުމަށް ލޯނު ގެރެންޓީ ދިން ވަރު 200 ޕަސެންޓް އިތުރުވެފައިވެ އެވެ.

ދައުލަތުގެ ދަރަނި އިންތިހާ އަށް މައްޗަށް ދާތީ ބައިނަލްއަގްވާމީ މާލީ އިދާރާތައް ކަމަށްވާ އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން އަންނަނީ، ދަރަނި މެނޭޖްކުރުމަށް ރަނގަޅު އުސޫލުތަކެއް ސަރުކާރުން ގެންގުޅެން ޖެހޭ ކަން ފާހަގަކުރަމުންނެވެ.