Roadha Mihaaru
ގެދޮރު އަޅަން 12 އަހަރު ތެރޭގައި 20 ބިލިއަން!

ގެދޮރު އަޅަން 12 އަހަރުގެ ތެރޭގައި 20 ބިލިއަން ރުފިޔާ ހޭދަކޮށްފި: ވޯލްޑް ބޭންކް

13 ސެޕްޓެމްބަރ 2022

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މިދިޔަ 12 އަހަރު ދައުލަތުން 1.3 ބިލިއަން ޑޮލަރު (20 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މިދިޔަ 12 އަހަރު ދައުލަތުން 1.3 ބިލިއަން ޑޮލަރު (20 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކްގެ އެކްސްޕެންޑިޗާ ރިވިއުގައި ސަރުކާރުން 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް ނެގި ލޯނުތަކުގެ ތަފުސީލް ވަނީ އާންމުކޮށްފަ އެވެ.

ފްލެޓްތައް އިމާރާތްކުރަން އެންމެ ގިނަ އަދަދެއްގެ ލޯނު ނަގާފައިވަނީ އެ ރިވިއު އިން ދައްކާ ގޮތުން ޗައިނާއިންނެވެ. އެ ގައުމުން ނެގި ލޯނުގެ އަދަދު 503 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. ދެވަނަ އަށް އެންމެ ގިނަ ލޯނު ނަގާފައިވަނީ އިންޑިއާއިންނެވެ. އެ އަދަދު 390 މިލިއަން ޑޮލަރު (6 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ފްލެޓު އިމާރާތް ކުރުމާއި ގެދޮރުގެ މަސައްކަތްތަކަށް 270 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ގެދޮރު އެޅުމަށް ހޭދަކޮށްފައި ވަނީ 776 މިލިއަން ޑޮލަރު (11.9 ބިލިއަން ރުފިޔާ) އެވެ.

ގެދޮރު އަޅަން ސަރުކާރުން ބޮޑު ހޭދައެއް ކުރާއިރު ވެސް އެ މައްސަލައަށް ހައްލެއް ނުލިބެނީ، އެކަށީގެންވާ ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތް ނުކުރާތީ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

ސަރުކާރުން މިހާރު ވެސް އަންނަނީ 14،200 ހައުސިން ޔުނިޓް ރާއްޖޭގެ އެކި ސަރަހައްދުތަކުގައ އިމާރާތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 6،200 ފްލެޓް ހަދަނީ ހުޅުމާލޭގަ އެވެ. އެއީ ދެ ކޮޓަރީގެ 2،100 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 4،100 އެޕާޓްމެންޓެވެ.

ސަރުކާރުން އިމާރާތްކުރަން މަސައްކަތް ކުރާ 14،200 ހައުސިން ޔުނިޓްގެ ތެރެއިން މިހާތަނަށް ފައިނޭންސް ހަމަނުޖެހޭ ޕްރޮޖެކްޓްތައް ވެސް އެބަހުއްޓެވެ. އެ އަދަދަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފްލެޓް އިމާރާތްކުރުމަށް ދައުލަތަށް ގާތްގަނޑަކަށް 670 މިލިއަން ޑޮލަރު (10.3 ބިލިއަން ރުފިޔާ) އަދިވެސް ބޭނުންވާނެ އެވެ.

ގެދޮރުގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ގިނަ އަދަދެއްގެ ލޯނު ނަގަމުން އަންނަ އިރު ދައުލަތުގެ ދަރަނި ވެސް އެއް އަހަރުން އަނެއް އަހަރަށް ވަނީ އިތުރެވެ. ރާއްޖޭގެ ދަރަނި މިހާރު ހުރީ 100 ބިލިއަން ރުފިޔާ އަށް ވުރެ މަތީގަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 110 ޕަސެންޓެވެ.