Roadha Mihaaru
2026 ގައި ރެކޯޑު އަދަދަކަށް ދަރަނި ދައްކަން ޖެހޭ

2026 ގައި ރާއްޖެ އިން ރެކޯޑު އަދަދަކަށް ދަރަނި ދައްކަން ޖެހޭ: އަމީރު

26 މެއި 2022

ދައުލަތުން މިހާތަނަށް އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން އޮތީ 2026 ވަނަ އަހަރު ކަމަށާއި އެއީ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުން މިހާތަނަށް އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން އޮތީ 2026 ވަނަ އަހަރު ކަމަށާއި އެއީ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ކޮމިޓީގައި އަމީރު ވިދާޅުވީ، މިދިޔަ އަހަރު ސަރުކާރުން ނެގި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ދައްކަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ. އަދި ކުރީ ސަރުކާރުން އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް ފަންޑު (އޭޑީއެފްޑީ) އިން ނެގި 100 މިލިއަން (1.5 ބިލިއަން ރުފިޔާ) ގެ ލޯނު ތިން އަހަރަށް އަނބުރާ ދެއްކުން ފަސް ކުރުމާ ގުޅިގެން އެ ލޯނަށް ދައްކަން ޖެހޭ ފައިސާ ވެސް 2026 ވަނަ އަހަރު ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ދަރަނި އަދާކުރުމަށް ކުރިއަރާލައި ރޭވުންތަކެއް ރާވަން ޖެހޭނެ ކަމަށެވެ.

"ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް ހައިކްވެގެން ދާނީ 2026 ވަނަ އަހަރު. އެއަށް ވުރެ ކުރިން ޖެހޭނެ ލައިބިލިޓީ މެނޭޖްމެންޓް އެކްސަސައިޒެއް ހިންގައިގެން ދަރަނި މެނޭޖްކުރުމަށްޓަކައި މަސައްކަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ ކޮމިޓީގައި މެންބަރުން މިނިސްޓަރު އަމީރާއި ސުވާލު ކުރައްވަނީ.

އިގްތިސާދީ ކޮމިޓީގައި މެންބަރުން މިނިސްޓަރު އަމީރާއި ސުވާލު ކުރައްވަނީ.

ސުކޫކުގެ ދަރަނި އަދާކުރަން 2026ގައި ޖެހޭ އިރު މިދިޔަ އަހަރު ނެގި 7.7 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ހޭދަކުރީ 2017 ވަނަ އަހަރު ދައުލަތުން ނެގި "ސަނީ ސައިޑް" ބޮންޑުގެ ފައިސާ އަނބުރާ ދެއްކުމަށެވެ. އެ ބޮންޑުގެ ބާކީ ނުދައްކައި އޮތް 62 މިލިއަން ޑޮލަރު (950 މިލިއަން ރުފިޔާ) އަންނަ މަހު ދައުލަތުން ދައްކަން ޖެހޭނެ އެވެ. އަމީރު ވިދާޅުވީ، އެ ދަރަނި އަދާ ކުރާނެ ފައިސާ ސަރުކާރުގައި އެބަހުރި ކަމަށެވެ.

ދަރަނި އަދާކުރަން މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން 7.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެހެން ނަމަވެސް މި އަހަރު ދަރަނި އަދާކުރަން ހޭދަކުރަނީ 5.7 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓް ދަށް އަދަދެކެވެ. ރާއްޖޭގެ ތާރީހުގައި ވެސް ރެކޯޑު އަދަދަކަށް 2026 ގައި ދަރަނި ދައްކަން ޖެހޭ އިރު އެއީ މި އަހަރާ އަޅާ ބަލާއިރު އެއީ 60 ޕަސެންޓުގެ އިތުރުވުމެކެވެ.

އަމީރު ވިދާޅުވީ، 2026 ވަނަ އަހަރު ބޮޑު ދަރަންޏެއް އަދާކުރަން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދަރަނި ދެއްކުމުގައި އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ.

ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ.