Roadha Mihaaru
ލޯނު ދައްކާ ފަންޑުން 400 މިލިއަންގެ ޓީބިލް ގަނެފި

ލޯނު ދައްކާ ފަންޑުން 400 މިލިއަން ރުފިޔާގެ ޓީބިލް ގަނެފި

07 ފެބުރުއަރީ 2022

ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ރައްކާ ކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި މިހާރު ބާކީ ހުރީ 700 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ރައްކާ ކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި މިހާރު ބާކީ ހުރީ 700 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު އެސްޑީއެފް ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުއްޓެވެ. ނަމަވެސް މަހެއްގެ ތެރޭގައި އެ ފަންޑުގެ ބެލެންސުން 400 މިލިއަން ރުފިޔާ ވަނީ މަދުވެފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ފަންޑުން ފައިސާ ނަގާފައި ވަނީ އިންވެސްޓް ކުރަން ކަމަށެވެ.

އެ ފަންޑުން އާންމުކޮށް އިންވެސްޓްކުރަނީ ސަރުކާރުން ވިއްކާ ޓީބިލަށެވެ. އެހެންވެ އެއިން ބޮޑު ބައި ހޭދަ ވަނީ ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަށެވެ.

އެސްޑީއެފް ފަންޑު އުފެއްދީ 2017 ވަނަ އަހަރު އެވެ. އެ ފަންޑަށް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ ޖަމާކޮށްފައި ވެ އެވެ. ފަންޑުގައި މި ވަގުތު ބޭނުން ކުރެވެން ހުރީ ފަންޑަށް ޖަމާކުރި ފައިސާގެ 18 ޕަސެންޓެވެ.

އެސްޑީއެފް އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ދައުލަތުގެ ދަރަނި އަދާކުރަން ފައިސާ ރައްކާކުރާ ފަންޑެއްގެ ގޮތުގަ އެވެ. އެއީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން މެނޭޖްކުރާ ގޮތަށެވެ.

އެސްޑީއެފް ފަންޑަށް ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން ނަގާ ފީ އެވެ. މިއީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ 12 ޑޮލަރާއި ބިދޭސީންގެ އަތުން ނަގާ 30 ޑޮލަރެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން 60 ޑޮލަރު، ފަސްޓް ކްލާހުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުތަކުން ދަތުރުކުރާ ފަސިންޖަރުން 120 ޑޮލަރު ދައްކަން ޖެހޭނެ އެވެ.

އެމްއެމްއޭ އިން ވަނީ އެސްޑީއެފް ފަންޑު އުފެއްދުމުގެ މަގުސަދު ހާސިލުކުރަން ކުރިއަށް އޮތް ތަނުގައި ބޮންޑާއި ސްކޫކަށް ފައިސާ ދެއްކޭ ވަރަށް އެ ފަންޑަށް ފައިސާ ޖަމާކުރުން މުހިއްމު ކަމަށް ދައުލަތަށް ލަފާ ދީފަ އެވެ. އެސްޑީއެފް ފަންޑު އޮތް ނަމަވެސް މިދިޔަ އަހަރު ސަރުކާރުން "ސަނީ ސައިޑް" ބޮންޑަށް 2.9 މިލިއަން ރުފިޔާ އަނބުރާ ފައިސާ ދެއްކީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެން ވިއްކި ސުކޫކުންނެވެ.