Roadha Mihaaru
އެސްޑީއެފްގައި 7.4 ބިލިއަން ރުފިޔާ

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 7.4 ބިލިއަން ރުފިޔާ

03 ނޮވެމްބަރ 2023

ސަރުކާރުން ނަގާ ލޯނުތައް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ކުރީގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގެ ޖުމްލަ އަދަދު 7.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ނަގާ ލޯނުތައް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ކުރީގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގެ ޖުމްލަ އަދަދު 7.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަަލަށް އެސްޑީއެފަށް އެއާޕޯޓް ޑިވަޕޮލްމެންޓް ފީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ވަދެފައިވެ އެވެ. އަދި ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކުން 1.4 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތް ގޮތުން ދެ ބިލިއަން ރުފިޔާ ޖަމާކުރި އެވެ.

އެސްޑީއެފްގައި ހުރި ފައިސާގެ ތެރެއިން 5.7 ބިލިއަން ރުފިޔާ ހުރީ ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ. އަދި އެހެނިހެން އިންވެސްޓްމެންޓްތަކުގައި 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިދިޔަ އަހަރު ނިމުނު އިރު އެސްޑީއެފްގައި ހުރީ 6.4 ބިލިއަން ރުފިޔާ އެވެ. ބަޖެޓު ފޮތުގައިވާ ގޮތުން މިއަހަރު ނިމޭ އިރު އެސްޑީއެފްއަށް 2.3 ބިލިއަން ރުފިޔާ ޖަމާކުރާނެ އެވެ. އަދި އަންނަ އަހަރު އެސްޑީއެފްއަށް 1.2 ބިލިއަން ރުފިޔާ ޖަމާކުރާނެ އެވެ.

އެސްޑީއެފްގެ 50 ޕަސެންޓް 2025 ގައި ބޭނުން ކުރާނެ

ބަޖެޓު ފޮތުގައިވާ ގޮތުން ސޮވެރިން ޑިވަލޮޕްމެންޓަށް ޖަމާކުރާ ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ބޭނުން ކުރާނެ އެވެ.

ދަރަނި އަދާކުރަން ސީދާގޮތުން 2025 ވަނަ އަހަރު 8.2 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެސްޑީއެފްގެ އިތުރުން ދެން ދަރަނި އަދާކުރަން ބޭރުން ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކުމަށް އެ އަހަރު ހުޅުވާލާނެ އެވެ. އޭގެ އިތުރުން 2026 ވަނަ އަހަރުގެ ބޮޑު ދަރަނީގެ ގޮތުގައި ސީދާ ގޮތުން 9.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު އެސްޑީއެފް އިން ބޭނުން ދަރަނި ދެއްކުމަށް ނަގާ 3.8 ބިލިއަން ރުފިޔާގެ އިތުރުން އެ އަހަރު ވެސް އިތުރު ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން، ދަރަނި ރީފައިނޭންސް ކުރަން ވަނީ ނިންމައިފަ އެވެ.

ދައުލަތުގެ ދަރަނި އަދާކުރަން 2017 ވަނަ އަހަރު އުފެއްްދި އެސްޑީއެފްގައި ހުރި ފައިސާގެ ތެރެއިން ޑޮލަރުގެ ގޮތުގައި ހުރީ 125 މިލިއަނެވެ. އެއީ މުޅި ފަންޑުގެ ގާތްގަނޑަކަށް 25 ޕަސެންޓެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމޭ އިރު އެ ފަންޑުގައި 9.7 ބިލިއަން ރުފިޔާ ހުރުމެވެ.

ދަރަނި އަދާކުރަން އެސްޑީއެފްގެ ބޮޑު ބައި 2025 އާއި 2026ގައި ބޭނުން ކުރާ އިރު މިވަގުތު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގަ އެވެ.