Roadha Mihaaru
ދަރަނި ލުއިކުރަން މަޝްވަރާގެ ވިސްނުމެއް ނެތް: އަމީރު

ދަރަންޏަށް ލުއި ހޯދަން ބަޔަކާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް: އަމީރު

07 ސެޕްޓެމްބަރ 2022

ދަރަންޏަށް ލުއި ހޯދަން ބަޔަކާ މަޝްވަރާ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދަރަންޏަށް ލުއި ހޯދަން ބަޔަކާ މަޝްވަރާ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ރާއްޖެއަކީ ދަރަނި ދެއްކުމަށް އަބަދުވެސް ކަނޑައެޅިފައިވާ މުއްދަތުގައި ދަރަނި އަދާކުރަމުން އަންނަ ގައުމެއް ކަމަށެވެ. އަދި މިހާރު ވެސް ދަރަނި ދެއްކުމުގައި އެފަދަ އެއްވެސް އުނދަގެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ޒަމާނުއްސުރެ ބަރާބަރަށް ޑެޓް ސާވިސް ކުރަމުން އަންނަ ގައުމެއް. އެއްވެސް އިރެއްގައި ޑީފޯލްޓް ވެފައެއް ނެތް. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ޑީފޯލްޑްވާނެ ހާލަތެއް އަދި އަންނާނެ ކަމަކަށް އަންދާޒާއެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައުލަތުގެ ދަރަނި ހުރީ 100 ބިލިއަން ރުފިޔާގަ އެވެ. މިއަހަރުގެ މިހާތަަނަށް ދަރަނި އަދާކުރަން 2.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ދަރަނި އަދާކުރަން މިއަހަރު ޖުމްލަ 2.9 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

ދައުލަތުގެ ދަރަނި މިއަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެވެ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމްއެމްއޭ އިން ކަނޑައެޅި އަދަދަށް ވުރެ ދައުލަތުގެ ދަރަނި އިތުރަށް އުފުލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.