Roadha Mihaaru
ނުގަވައިދުން ޕާކްކޮށްގެން މިދިޔަ ހަފުތާގަ 776 ސްޓިކާ

ގަވައިދާ ހިލާފަށް ޕާކްކޮށްގެން މިދިޔަ ހަފުތާގައި 700 އަށް ވުރެ ގިނަ ސްޓިކާ ޖެހި

12 މެއި 2019

ގަވައިދާ ހިލާފަށް ޕާކް ކުރި ވެހިކަލްތަކުގައި މިދިޔަ ހަފުތާގައި 700 އަށް ވުރެ ގިނަ ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގަވައިދާ ހިލާފަށް ޕާކް ކުރި ވެހިކަލްތަކުގައި މިދިޔަ ހަފުތާގައި 700 އަށް ވުރެ ގިނަ ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކުރި މިދިޔަ ހަފުުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމަ އަށް، ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން 776 ސްޓިކާ ޖަހާފައިވެ އެވެ. އަދި 23 ސައިކަލާއި، ހަތަރު ފުރޮޅުލީ 13 ވެހިކަލެއް ވެސް އެ މުއްދަތުގައި ޓޯކޮށްފައިވެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި 56 އެކްސިޑެންޓެއް ހިނގިއިރު، އޭގެ ތެރެއިން 11 އެކްސިޑެންޓެއްގައި މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވެ އެވެ. އެ މުއްދަތުގައި ހިނގި އެކްސިޑެންޓްތަކާ ގުޅިގެން 16 މީހެއްގެ ލައިސަންސް ހިފެހެއްޓި ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި 417 އުޅަނދެއް ބަލައި ފާސް ކުރިއިރު، އެންމެ ގިނައިން ފާހަގަވީ ލައިސަންސް ނެތި ދުއްވުމުގެ މައްސަލަތަކެވެ. ލައިސަންސް ނެތި ދުއްވުމުގެ 99 މައްސަލައެއް ފާހަގަވިއިރު، ލައިސަންސް ކާޑު އަތުގައި ނެތި ދުއްވުމުގެ 57 މައްސަލައެއް ފާހަގަވެފައިވެ އެވެ.

މީގެ އިތުރުން އަހަރީ ފީ ނުދައްކާ އުޅަނދު ދުއްވުމުގެ 34 މައްސަލައަކާއި، ރޯޑް ވާދިނަސް ނަހަދާ ދުއްވުމުގެ 33 މައްސަލައެއް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ 28 މައްސަލައެއް ވެސް ފާހަގަވި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މި ކަންކަމުގެ އިތުރުން، ހެލްމެޓް ނާޅާ ދުއްވުމާއި ފޯނު ނުވަތަ ހެޑް ސެޓް ޖަހައިގެން ދުއްވުމާއި ގަވާއިދަ ޚިލާފަށް އުޅަނދުތަކުގައި މުދާ އުފުލުމުގެ މައްސަލަތަކާއި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދުއްވުމުގެ ބައެއް މައްސަލަތައް ވެސް މިދިޔަ ހަފުތާގައި އެބަހުއްޓެވެ.