Roadha Mihaaru
މާލެ އަށް ސަޅީ ހަރުކަށިވުން!

މާލެ އަށް ސަޅީ ހަރުކަށިވުން!

13 ފެބުރުއަރީ 2019

މާލޭގައި ރޭ ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރަން އުޅުނު އަންހެނެއްގެ ގައިގައި ކާރަކުން ޖެހި އޭނާގެ ހާލު ސީރިއަސް ވެ ކޯމާއަކަށް ވަނީ ގޮސްފަ އެވެ. މި ހިތާމަވެރި އެކްސިޑެންޓަށް ފަހު، ނަތީޖާ އަކީ ކަފިހި ހުރަސްތައް ކައިރީގައި އެއް ދުވަސް ނުވަތަ ދެ ދުވަސް ވަންދެން ފުލުހުން ޑިއުޓީ އަދާކުރާ ގޮތަށް ނިންމުން ކަމަށް ބުންޏަސް ހައިރާނެއް ނުވާނަމެވެ. ސަބަބަކީ މިފަދަ ކަންކަމަކީ މާލޭގައި އާންމު ކަންކަން ކަމަށް ވާތީ އެވެ. ކަމެއް ހިނގާތާ ފުރަތަމަ ދެ ތިން ދުވަހު ކަމާ ގުޅޭ އިދާރާތަކުން ވަރަށް ކަންތައް ކުރާނެ އެވެ. އޭގެ ފަހުން ދާނީ ހަމަ ޗޮކުންނެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މާލޭގައި ރޭ ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރަން އުޅުނު އަންހެނެއްގެ ގައިގައި ކާރަކުން ޖެހި އޭނާގެ ހާލު ސީރިއަސް ވެ ކޯމާއަކަށް ވަނީ ގޮސްފަ އެވެ. މި ހިތާމަވެރި އެކްސިޑެންޓަށް ފަހު، ނަތީޖާ އަކީ ކަފިހި ހުރަސްތައް ކައިރީގައި އެއް ދުވަސް ނުވަތަ ދެ ދުވަސް ވަންދެން ފުލުހުން ޑިއުޓީ އަދާކުރާ ގޮތަށް ނިންމުން ކަމަށް ބުންޏަސް ހައިރާނެއް ނުވާނަމެވެ. ސަބަބަކީ މިފަދަ ކަންކަމަކީ މާލޭގައި އާންމު ކަންކަން ކަމަށް ވާތީ އެވެ. ކަމެއް ހިނގާތާ ފުރަތަމަ ދެ ތިން ދުވަހު ކަމާ ގުޅޭ އިދާރާތަކުން ވަރަށް ކަންތައް ކުރާނެ އެވެ. އޭގެ ފަހުން ދާނީ ހަމަ ޗޮކުންނެވެ.

ފަހަރެއްގައި މާލޭގެ ހުރިހާ ކަފިހި ހުރަސްތައް ކައިރީގައި ޖެކެޓު ލާފައި ތިބޭ ފުލުހުން މިރެއިން ފެށިގެން ހަރަކާތްތެރިވާން ފަށައިފާނެ އެވެ. މަގު ހުރަސްކުރާ މީހުންނަށް އެހީތެރިވެދީ، އެ ހިސާބުން ދާ ދުއްވާ އެއްޗެހި ހުއްޓަން ވެސް އަންގަފާނެ އެވެ. އަނެއްހެން އެއީ މާ ބޮޑު ކަމެއް ނޫނެވެ. އެއް ދުވަސް ފަހުން އެކަން ނިމުނީ އެވެ. އޭގެ ހަފުތާއެއް ފަހުން އަނެއްކާވެސް ބޮޑު އެކްސިޑެންޓެއް ހިނގުމުން، ކޯނާއި ބެރިކޭޑު ޖަހައިގެން ތިބެ ޓްރެފިކް އޮޕަރޭޝަނެއް ހިންގަފާނެ އެވެ.

މާލޭގައި ބޮއްސުންލާފައިވާ ޓްރެފިކްގެ މައްސަލަ ހައްލު ކުރަން އެއްވެސް ސަރުކާރަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާ ތަނެއް އަޅުގަނޑަކަށް ނުފެނެ އެވެ. އަދި މަގުތަކުގެ ޓްރެފިކް މެނޭޖު ކުރުން ވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި އެހާމެ ފަރުވާކުޑަ އެވެ. ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ.

މަޖީދީ މަގާއި ސޯސަންމަ ގާ ގުޅޭ ޖަންކްޝަންގެ ކަފިހި ހުރަސްމަތިން ހުރަސް ކުރަން ޖެހޭ ހާލަތު ދައްކުވައިދޭ ވީޑިއޯ

މަޖީދީ މަގާއި ސޯސަން މަގާ ގުޅޭ ޖަންކްޝަންގެ މަގުމަތީގައި ކުރަހާފައިވާ ކަފިހި ހުރަސް ހަމަ ގައިމު ވެސް އެންމެންނަށް ފެންނާނެ އެވެ. އެ ކުރެހުންތައް އެހާ ޗާލެވެ. އެހާ ބޮޑަށް އަޅައިގަނެ އެވެ. އެކަމަކު، އެ ސަރަހައްދުން ރޭގަނޑުގެ އެންމެ ކާރޫބާރޫ ބޮޑު ވަގުތުގައި މީހުން މަގު ހުރަސް ކުރުމާއި ދުއްވަން އުޅެނީ ހާދަ ހާލަކުންނެވެ. މަގު ހުރަސް ކުރާ މީހުންނަށް ބަލާނެ މީހަކު ނެތެވެ. މަގު ހުރަސް ކުރާ މީހާ ދުއްވާ އެއްޗިއްސަށް ބެލުމެއް ނެތެވެ. އެ ޖަންކްޝަން ސަރަހައްދުގައި އެންމެ ބާރު ބޮޑު ވަގުތު ފެންނާނީ އެ މީހަކާ އެމީހަކަށް އުޅޭ ތަނެވެ. ކިތަންމެ މަޑުން ދުއްވާފައި ދިޔަސް އެ ތަނުން ދާން ޖެހެނީ އެކްސިޑެންޓެއް ވެދާނެ ކަމަށް ބަލައިގެންނެވެ. އެއް ވެހިކަލާއި އަނެއް ވެހިކަލް ކިރިޔާ ނުޖެހި ދަނީ އެވެ. އެހާ ގޯހެވެ. އެ މަންޒަރު އެންމެ ރީއްޗަށް ފެންނާނީ ރާއްޖޭގެ ތަޖުރިބާކާރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) މީގެ ދުވަސްކޮޅެއް ކުރިން، އޭނާގެ ގޭގެ މަތިން ނަގާފައިވާ ވީޑިއޯ އިންނެވެ.

އެކަމަކު އެ މަންޒަރު ކަމާ ބެހޭ އިދާރާތަކަށް އަދި ފުލުހުންނަށް މާ ބޮޑު ކަމަކަށް ވެގެންނެއް ނޫޅެ އެވެ.

މާލޭގެ މަގެއްގެ ހާލަތު: މާލޭގެ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައެޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭގެ މަގެއްގެ ހާލަތު: މާލޭގެ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައެޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ސަރަހައްދުން ރޭ ވެސް ފެނުނު އެންމެ ބޮޑު ހައިރާންކަމަކީ ދުއްވާ ތަކެތި ހަތަރު ފަރާތަށް އަޅާއިރު، ޓްރެފިކް ބޮއްސުން ލައި، ހަމައެއްލަމައެއް ނެތި ދިޔައިރު ވެސް ޓްރެފިކް ބަހަލައްޓަން ހުރި ފުލުހުންގެ މީހާގެ ހަރަކާތް ހުއްޓިފައިވާ ތަނެވެ. އަޅުގަނޑުގެ ހިތަށް ވެސް އެރީ، މިއީ ކީއްކުރާ ފުލުހެއް ބާވަ އެވެ؟ އިބްރާހީމީ މިސްކިތް ކައިރިން މަޖީދީ މަގުގެ މެދުގައި ހުރުމުން އެ ފުލުހުންގެ މީހާގެ ހުރިހާ ޒިންމާއެއް އަދާކުރުވެނު ކަހަލަ އެވެ. ދުއްވާފައި އަދި ހިނގާފައި ދިޔަ މީހުންނަށް ފަސޭހަވާނެ ކަމެއް އެހާ ބޮޑަށް ކުރެވުނު ތަނެއް ނުފެނުނެވެ. މަޖީދީ މަގާއި ސޯސަން މަގުގެ ޖަންކްޝަން ސަރަހައްދަށް ރޭގަނޑު އެންމެ ބާރު ބޮޑުވާ ގަޑީގައި އެ ސަރަހައްދުގެ ޓްރެފިކް މެނޭޖު ކުރުން އެ އަށް ވުރެ ރަނގަޅުވާން ޖެހެ އެވެ. އެންމެ ފުލުހެއް ބަހައްޓައިގެން މިކަން ވާނެހެން ހިއެއް ނުވެ އެވެ. މި އަށް ވުރެ ދުރަށް ވިސްނައިގެން މިފަދަ ކަންކަން ކޮށްގެން ނޫނިއްޔާ މާލޭގެ ޓްރެފިކް މައްސަލަ އަށް ހައްލެއް ނެތެވެ.

މާލޭގެ ޓްރެފިކް މައްސަލަ އަށް ހައްލެއް ގެނެވޭތޯ މި ސަރުކާރުން ވެސް ހޭވައްލާ ކިޔާފައި ފެށި މަސައްކަތްތަކަށް މަރުހަބާ އެވެ. ކޮންމެ ސަރުކާރަކުން ވެސް ޓްރެފިކްގެ މައްސަލަ ހައްލު ކުރުމަށް ކޮންމެވެސް ކަންތައްތަކެއް ކުރަން ޖެހޭތީ އެ ބީދައިން ފަށާފައިވާ އެ ކަންކަމަށް ހަމަ ސާބަސް ދެމެވެ. މިދިޔަ ސަރުކާރުން މައިގަނޑު ގޮތެއްގައި ކުރި ކަމަކީ ޓްރެފިލް ފްލޯ އަށް ދޭތެރެދޭތެރެއިން ބަދަލު ގެނައުމާއި ނުގަވައިދުން ޕާކް ކޮށްފައިވާ ވެހިކަލްތަކުގައި ޖަހާފައިވާ ސްޓިކާ ފީ މާފުކޮށްދިނުމާއި މުދާ އުފުލޭ ގަޑިތަކަށް ބަދަލު ގެނައުމެވެ. ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ޖެހުނީ ހަމަ އެއް ތާކު އެވެ. ޓްރެފިކްގެ މައްސަލަ އަށް އައި ވަކި ހައްލެއް ނެތެވެ.

މި ސަރުކާރު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރި މޮޅު ކަމަކީ، ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓާލީ އެވެ. ޕާކް ކުރާނެ ތަނެއް ނުދައްކައި، ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ކެމްޕެއިން ތެރޭގައި ކުރި ވައުދު ފުއްދަން ޖެހޭނެތާ އެވެ. ފަހުން މީހުންނަށް ވާނެ އުނދަގުލަކަށް ވިސްނާކަށް ބޭނުމެއް ނުވި އެވެ. ފެނުނު މަންޒަރު ވަރަށް ރީއްޗެވެ. ހަމައެއްލަމައެއް ނެތި ވެހިކަލްތައް ޕާކްކުރަން ފަށައިފި އެވެ. ކުރިއަށް ވުރެ ހާލު ވީ ބޮޑެވެ. ހިނގާފައި ދާ މީހުންނަށް ޕޭވްމަންޓަށް އެރޭކަށް، ފައިބާކަށް ޖާގައެއް ނެތެވެ. ގޯޅިގޯޅި ކަންމަތީގައި ބަރިބަރި އަށް ސައިކަލްތައް ޕާކް ކުރަނީ އެވެ. ހިނގާ މީހުން ހުރަސް ކުރަން ހާއްސަކޮށް، ކުރަހާފައިވާ ތަނުގެ މަތީގައި ވެސް އެއްވެސް ޖެހިލުމެއް ނެތި ޕާކް ކުރުން މިހާރު އާންމެވެ. މިއީ، ކަނޑައެޅިގެން ގަވައިދާ ޚިލާފަށް މީހުން އުޅެން ނުސީދާކޮށް ހިތްވަރު ދިނުން ނޫން ވަކި ކޮން ކަމެއް ހެއްޔެވެ؟

އަޖުމަ ބެލުމަށް އުސްކޮށް ހެދި ރޭމްޕްމަތީގައި ސައިކަލް ޕާކްކުރި މީހާ އަށް ވެސް ހަރުކަށި އަދަބު ދެވެން ޖެހޭނެ އެވެ. އެ ފޮޓޯ ސޯޝަލް މީޑިއާ އަށް ފަތުރައި އެ ވާހަކަ ދެއްކިޔަކަސް އަދި ހައްލެއް ނުވެ އެވެ. ދުއްވާފައި ދާއިރު ފަހަތް ބަލަން ވެހިކަލްގައި ހަރުކޮށްފައި ހުންނަން ޖެހޭ ލޯގަނޑު ހަމައަށް ހުރިތޯ ބަލަން ފުލުހުންނަށް ޖެހެނީ ސިނަމާލެ ބްރިޖުގައި އެކަންޏެއް ނޫނެވެ. ކޮންމެ މަގެއް ގައި ވެސް ގަވައިދު ވާން ޖެހޭނީ ގަވައިދަށެވެ. ސައިކަލްގެ ލޯގަނޑު ހަމަނުކޮށް އެއްވެސް މަގެއްގައި ދުއްވަން ފުލުހުން ފުރުސަތު ދީގެން ނުވާނެ އެވެ.

ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުގެ ބަދަލުގައި ފުލުހުން މިހާރު ފެށި ކަމަކީ އެފަދަ ވެހިކަލްތައް ބައެއް ހާލަތުތަކުގައި ނެގުމެވެ. އާންމުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ގޮތަށް ޕާކް ކޮށްފައި ހުންނަ ވެހިކަލްތައް ފުލުހުން ޓޯ ކުރެ އެވެ. އެގޮތަށް ޓޯ ކުރުމާއި ގަވައިދާ ޚިލާފަށް ޕާކް ކޮށްފައިވާ ވެހިކަލްތައް ނަގައިގެން ގެންދިއުމަކީ ބޮޑު އަދި އުނދަގޫ ކަމެކެވެ. އެ އަށް ވުރެ ބޮޑަށް ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން ނަމަވެސް މައްސަލަ ހައްލު ކުރެވެންދެން ގަވައިދު ހަމަޔަކަށް އަޅުވަން ޖެހެ އެވެ.

ގަވައިދާ އެއްގޮތަށް ކަންކަން ގެންދިއުމަށްޓަކައި ކުރިން ކުރަމުން އައި ކަމެއް ހުއްޓާލާއިރު، އެ ކަމަކުން ދެން އާންމުންނަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ ގޮތަކަށް ކަންކަން ފަހި ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ސްޓިކާ ޖެހުން ހުއްޓާލާފައި މިހާ ގިނަ ދުވަސް ވަންދެން ދެ އަތް އުރާލައިގެން ތިބޭއިރު، ވެހިކަލްތައް ޕާކް ކުރެވޭނެ ހަރުދަނާ ނިޒާމެއް ވެސް އޮންނަން ޖެހޭނީ ފަހިވެފަ އެވެ. މި ކުޑަކުޑަ މާލޭގައި ޕާކް ކުރެވޭނެ އެކަށީގެންވާ ތަންތަން ދުވަހަކު ވެސް ހޯދައި ދެވިދާނެ ކަމަކަށް އަޅުގަނޑުގެ ހިތެއް ނުބުނެ އެވެ. އިމާރާތް ކުރާއިރު، އެ އިމާރާތުގެ ތެރެއިން ޕާކިން އަށް ހާއްސަ ތަނެއް ހުންނަން ވާނެ ކަމަށް ބުންޏަސް އެއީ ކިހާ ޖާގައެއް ހެއްޔެވެ؟ ކުދިކުދި ބިންތަކުގައި ހަދާ އުސް އިމާރާތްތަކުން ޕާކިންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ވިސްނާ ނަމަ އެ ވެސް ގޯހެވެ. އެއީ ޕްލޭން ކޮށްގެން ހަދާ ސިޓީތަކުގައި ކުރާ އިމާރާތްތަކަށް ޚާއްސަ ކޮންސެޕްޓެއް ނަމަ ރަނގަޅެވެ. އެކަމަކު މި މާލޭގެ ހާލަތު ވަރަށް ތަފާތެވެ. މާލޭގައި ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގޭ އިމާރާތުގެ ތިރި ވެސް ޚާއްސަ ކޮށްފައި ވަނީ ޕާކިން އަށެވެ. އެތަނުގައި ކިތައް ސައިކަލް ޕާކް ކުރޭތޯ ބަލައިލާށެވެ. އެހެންވީމާ، ދިވެހިންނަކީ ވައްޓަފާޅި ވަރަށް ތަފާތު ބައެކެވެ. ގޭދޮރުމަތީގައި ނުވަތަ އޮފީހުގެ ކުރިމަތީގައި ނޫނިއްޔާ ސައިކަލް ޕާކް ކޮށްގެން ނުވާނެ ކަމުގެ ވިސްނުން ގެންގުޅޭ ބައެކެވެ. އެހެންވީމާ، މި ތަނަށް ފައްތަން ޖެހެނީ ހަރުކަށި ގަވައިދުތަކެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރަން ބޭނުން ކުރަންވީ ކަމަކީ، ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުމާއި ސްޓިކާ ފީ ކެމްޕެއިން ދުވަސްވަރާ ދިމާކޮށް މާފުކޮށް ދިނުމެއް ނޫނެވެ. ހަރުދަނާ ގަވައިދުތަކާ އެކު، ހަރުކަށި ވާންވީ އެވެ. އަޖުމަ ބެލުމަށް އުސްކޮށް ހެދި ރޭމްޕްމަތީގައި ސައިކަލް ޕާކްކުރި މީހާ އަށް ވެސް އަދަބު ދެވެން ޖެހޭނެ އެވެ. އެ ފޮޓޯ ސޯޝަލް މީޑިއާ އަށް ފަތުރައި އެ ވާހަކަ ދެއްކިޔަކަސް އަދި ހައްލެއް ނުވެ އެވެ. ދުއްވާފައި ދާއިރު ފަހަތް ބަލަން ވެހިކަލްގައި ހަރުކޮށްފައި ހުންނަން ޖެހޭ ލޯގަނޑު ހަމައަށް ހުރިތޯ ބަލަން ފުލުހުންނަށް ޖެހެނީ ސިނަމާލެ ބްރިޖުގައި އެކަންޏެއް ނޫނެވެ. ކޮންމެ މަގެއްގައި ވެސް ގަވައިދު ވާން ޖެހޭނީ ގަވައިދަށެވެ. ސައިކަލްގެ ލޯގަނޑު ހަމަނުކޮށް އެއްވެސް މަގެއްގައި ދުއްވަން ފުލުހުން ފުރުސަތު ދީގެން ނުވާނެ އެވެ.

ވަކި ކޮންޑިޝަނެއްގެ ވެހިކަލްތައް މާލޭގެ މަގުމައްޗަށް ނުނެރެވޭ ގޮތް ހަދަންވީ އެވެ. އެކަން ވެސް ބެލޭނެ ނިޒާމެއް ގާއިމްކުރަން ވީ އެވެ. މާލޭގައި ވެހިކަލްތައް ދުއްވަން ހުއްދަ ދޭނެ އަދަދަކާ މެދު ވިސްނައިލުން ރަނގަޅެވެ. މާލެ އަށް އެންމެ އެކަށީގެންވަނީ ކިހާ އަދަދެއްގެ ވެހިކަލްތައްތޯ ބަލައިލުން ހަމަ ރަނގަޅެވެ. ރަނގަޅު ވާހަކައެކެވެ؛ ރާއްޖެ ކަހަލަ ހުޅުވިފައިވާ ވިޔަފާރިތަކުގައި ކޮންޓްރޯލެއް ނޯންނާނެ އެވެ. އެކަމަކު، ވެހިކަލްތައް މަދު ކުރުމުގެ ވާހަކަ ވެސް ވަކި ހިސާބަކުން ދައްކަން ޖެހޭ ކަމަށް އަޅުގަނޑަށް ފެނެ އެވެ.

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވަރަށް "ސަޅި" އެވެ. ޓްރެފިކާ ގުޅޭ ބައެއް ކަންކަމުގައި ކުރު މުއްދަތެއްގައި އެތައް ބައެއްގެ ހިތް އަތުލައިފި އެވެ. ޚާއްސަކޮށް، ސިނަމާލެ ބްރިޖުމަތީގައި ހެލްމެޓު އަޅަން މަޖުބޫރުކޮށް، ޓެކްސީތަކުގައި މީޓަރު ހަރުކުރަން ނިންމެވުމާ އެކު އާއިޝާ އަށް ލިބުނު ތައުރީފު ވަކިން ބޮޑެވެ. ޓްރެފިކަށް އާންމުން ހޭލުންތެރިކުރުމަށް ހިންގާ ސޯޝަލް މީޑިއާ ކެމްޕެއިން ވެސް ސަޅި އެވެ. އެކަމަކު، ހަގީގީ ސަޅި ކަމަކީ، އަޅުގަނޑުގެ ވިސްނުމުގައި، ހެދިފައި ހުރި ގަވައިދުތަކަށް އަމަލު ކުރުން ހުއްޓާނުލައި ކުރިއަށް ވަޑައިގަތުމެވެ. ކެމްޕެއިން ކައިރިވުމުން ވަކި ބަޔަކަށް މަންފާ ކުރާނެ ފަދަ ކަންތައްތައް ނުކުރެއްވުމެވެ.