Roadha Mihaaru
ރޯދަ މަހު ބާޒާރުމަތި ބެލެހެއްޓުން ވަރުގަދަ ކުރަނީ

ރޯދަ މަހު ބާޒާރުމަތި ބެލެހެއްޓުން ވަރުގަދަ ކުރަނީ

04 މެއި 2019

ކުރިއަށް އޮތް ރޯދަ މަހު ބާޒާރުމަތީގެ ޓްރެފިކް ހަމައަކަށް އެޅުވުމަށް ވަކި ގަޑިތަކެއްގައި އެ ސަރަހައްދު ބަންދު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިއަށް އޮތް ރޯދަ މަހު ބާޒާރުމަތީގެ ޓްރެފިކް ހަމައަކަށް އެޅުވުމަށް ވަކި ގަޑިތަކެއްގައި އެ ސަރަހައްދު ބަންދު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ޔުނިޓް މުހައްމަދު ލުތުފީ ވިދާޅުވީ ރޯދަ މަހު ބާޒާރުމަތީގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން ފުލުހުން ބަލަހައްޓާނީ އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

ރޯދަ މަހު 12:30 އިން ފެށިގެން 18:30 އާ ހަމައަށް އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް އާންމު ދަތުރުފަތުރު ކުރަން ވެހިކަލްތައް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަކު، މުދާ އެރުވުމަށާއި މުދާ ބޭލުމަށް ބޭނުންވާ ވެހިކަލްތަކަށް އެ ސަރަހައްދު ބޭނުން ކުރެވޭ އިރު، ބާޒާރުމަތި ބޭނުން ކުރަން އަންނަ ވެހިކަލްތަކަށް އެ ސަރަހައްދުގައި އުޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"(ރޯދަ މަހު) 12:30 އިން ފެށިގެން ނޯމަލް ޓްރެފިކިންގެ އެއްވެސް އެއްޗަކަށް ފުރުސަތެއް ނުދޭނަން. ހަމައެކަނި އެ ސަރަހައްދަށް ލޯޑިން ނުވަތަ އަންލޯޑިން ވެހިކަލްތަކަށް ވަދެވޭނެ. ނޫނީ ބާޒަރުމަތި ބޭނުން ކުރަން އަންނަ ވެހިކަލްތަކަށް ނޫނީ ފުރުސަތެއް ނުދޭނަން،" މުހައްމަދު ވިދާޅުވި އެވެ.

ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާ ތަންތަން

- މުހައްމަދު އިސްމާއިލް ދީދީ ގޯޅި.

- މުހައްމަދު އިބްރާހިމް ދީދީ ގޯޅި.

- ހުސްނީ ގޯޅި އާއި ކެނދިގަސް ހިނގުން.

- އާ ބުރުޒު ހިނގުމުން ފެށިގެން ފާރުކެނޑި ހިނގުމާ ހަމައަށް.

މުހައްމަދު ވިދާޅުވި ގޮތުގައި ރޯދަ ފުލުހުން ހާއްސަ ސަމާލުކަމެއް ދޭ މަގުތަކަކީ ކަސްޓަމްސް ފުރަގަހުގައި އޮންނަ ހަވީރީ ހިނގުމުން ފެށިގެން ބާޒާރުމައްޗަށް ނުކުމެވެން ހުންނަ ގޯޅިތަކަށާއި ބޮޑުތަކުރުފާނު މަގުން ހަވީރީ ހިނގުމާ ހަމައަށް ނުކުންނަން ހުންނަ ގޯޅިތަކެވެ.

މީގެއިތުރުން ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ބާޒާރު ސަރަހައްދުގައި ހުރި ހުރިހާ ޕާކިން ލައިންތައް އާކޮށް، ޕާކިން ޒޯނަށް ވަކި ހާއްސަ ދިމާތަކެއް ކަނޑައަޅާފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އެގޮތުން ސައިކަލާއި 350 ޓަނުން ދަށުގެ ޕިކަޕް ޕާކް ކުރަން ވަކި ޒޯނެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުދާ ބޭލުމަށާއި މުދާ އެރުވުމަށް މީރުބަހުރު ބަނދަރުން ފެށިގެން އެމްއެމްއޭ ސަރަހައްދާ ހަމައަށް 11 ޕޮއިންޓެއް ކަނޑައަޅާފައިވެ އެވެ.

"އެ ނޫން އެއްވެސް ދިމާލެއްގައި އަޅުގަނޑު ފާހަގަކޮށްލި ވަގުތު، ލޯޑިން، އަންލޯޑިން އަށް ޓްރެފިކް ފުލުހުން ފުރުސަތު ނުދޭނެ،" މުހައްމަދު ވިދާޅުވި އެވެ.

ބާޒާރުމަތީ ސަރަހައްދުތަކުގައި ކަނޑައަޅާފައި ހުންނަ ޕާކިން ޒޯންތަކުގައި ގިނަ އެއްޗެހި ބަހައްޓާފައި ހުންނަ ކަން ފާހަގަ ކުރައްވައި މުހައްމަދު ވިދާޅުވީ މިރޭ 12 އިން ފެށިގެން ޕާކިން ޒޯންތަކުގައި އެއްވެސް އެއްޗެއް ބަހައްޓާފައި ހުރި ނަމަ، އެ އެއްޗެއް ނަގާނެ ކަމަށެވެ.

ފާއިތުވެދިޔަ ރޯދަ މަސްތަކަށް ބަލާއިރު، ރޯދަ ވީއްލުމަށާއި ހާރު ކެއުމަށް ބޭނުންވާ ސާމާނު ގަތުމަށް ގިނަ ބަޔަކު ދަނީ ބާޒާރުމައްޗަށެވެ. މަސްމާރުކޭޓާއި ވަޅޯ މާސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހުންނަ އެ ސަރަހައްދަކީ ކޮންމެ ރޯދަ މަހެއްގައި ވެސް ކާރޫބާރު ބޮޑު ސަރަހައްދެކެވެ.