Roadha Mihaaru
ބާރުބޮޑީ 15 ސަރަހައްދެއް، ހައްލު ކުރާނަން: ފުލުހުން

މާލޭގައި ބާރުބޮޑީ 15 ސަރަހައްދެއް، ހައްލު ކުރާނަން: ފުލުހުން

04 މެއި 2019

މާލޭގައި ބާރުބޮޑީ 15 ސަރަހައްދެއް ކަމަށާއި އަންނަ ހޯމަ ދުވަހު ފަށާ މި އަހަރުގެ ރޯދަ މަހުގައި އެ ތަންތަނުގެ ޓްރެފިކް މައްސަލަތައް ހައްލު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި ބާރުބޮޑީ 15 ސަރަހައްދެއް ކަމަށާއި އަންނަ ހޯމަ ދުވަހު ފަށާ މި އަހަރުގެ ރޯދަ މަހުގައި އެ ތަންތަނުގެ ޓްރެފިކް މައްސަލަތައް ހައްލު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ޔުނިޓް މުހައްމަދު ލުތުފީ ވިދާޅުވީ އެންމެ ބާރުބޮޑު ކަމަށް ފުލުހުންނަށް ފާހަގަ ކުރެވިފައި ވަނީ ބާޒާރުމައްޗާއި މަޖީދީ މަގުގެ އެކި ހިސާބުތަކާއި ސޯސަން މަގު ކަމަށެވެ.

އެހެންވެ، ބާރުބޮޑުވާ ހިސާބުތައް ބަލަހައްޓަން ޓްރެފިކް ފުލުހުންނާއި އެހެން ޑިޕާޓްމަންޓުތަކުގެ ފުލުހުން މަގުތަކަށް ނެރޭނެ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ. ހާއްސަކޮށް ނަމާދު ގަޑިތަކުގައި މިސްކިތްތައް ކައިރީގައި ފުލުހުން ހަރަކާތްތެރިވުން މިފަހަރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަސޭހައެއް ނުވާނެ ކޮންމެ ކޯނެއް ކައިރީ ފުލުހުން ތިބޭކަށް. ކޮންމެ ކަންމައްޗެއްގައި ފުލުހުން ތިބޭކަށް. އެއީ ފަސޭހަ ކަމެއް ނޫން،" -- މުހައްމަދު

މުހައްމަދު ވިދާޅުވި ގޮތުގައި ސޯސަން މަގަކީ ވެސް ބާރުބޮޑު މަގެކެވެ. އެއީ، ދެކޮޅަށް ދުއްވޭ މަގަކަށް ވެފައި، އެ މަގުގައި ބޭކަރީއެއް ހުންނާތީ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާލޭ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށް ފަހު ފުލުހުން ވަނީ، ހެންވޭރު ސަހަރާގެ ހުޅަނގަށް އޮންނަ ބިން ޕާކިން ޒޯނަކަށް ހަދައިފަ އެވެ. އެއީ ގާތްގަނޑަކަށް 150 ސައިކަލް ޕާކް ކުރެވޭ ގޮތަށް ހަދާފައިވާ ޕާކިން ޒޯނެއް ކަމަށް މުހައްމަދު ވިދާޅުވި އެވެ.

"ކައުންސިލާ މަޝްވަރާކޮށްފައި ސޯސަން މަގުގެ އެއް ފަޅި އެއްކޮށް، ނުގަވައިދު ފަޅި ހުސް ކުރީ. އެ ތަނުގައި ހުންނާނީ ދެ ރޮނގު ދަމައި ކޯން ޖަހާފައި. އޭގެ މާނައަކީ ޓްރެފިކް ފްލޯ މިހާރު އެ ސަރަހައްދުން ދައްޗެއް ނުވާނެއޭ ދަތުރު ކުރަން،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބާރު ބޮޑު އެއް ސަރަހައްދުގެ ގޮތުގައި ފާހަގަކުރެވޭ، މަޖީދީ މަގު، ނަލަހިޔާ ކައިރީގެ ޓްރެފިކް މައްސަލަ ހައްލުކުރަން ގެެނެވޭނެ ބަދަލެއް ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

"ހަމައަކަށް ނޭޅިގެން ކޯން ޖަހާފައި ހުންނާނީ. ކޯނަކީ ހަރު ކުރެވޭނެ އެއްޗެއް ނޫން. އެމީހަކު ބޭނުންވީމަ އައިސް މޫވް ކުރެވޭ އެއްޗެއް. އަބަދު ދުވެ ދުވެ މި ހުންނަނީ. ފުލުހުންނަކަށް ފަސޭހައެއް ނުވާނެ ކޮންމެ ކޯނެއް ކައިރީ ފުލުހުން ތިބޭކަށް. ކޮންމެ ކަންމައްޗެއްގައި ފުލުހުން ތިބޭކަށް. އެއީ ފަސޭހަ ކަމެއް ނޫން،" ފުލުހުންގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މުހައްމަދު ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މުހައްމަދު ވިދާޅުވީ މަޖީދީ މަގާއި ޗާންދަނީ މަގު ކުޅޭ ކަންމައްޗާއި ސޯސަން މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ބާރުބޮޑުވުމުގެ ސަބަބުން އެ ސަރަހައްދަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު، އެ ދެ ސަރަހައްދަށް ގެންނަ ބަދަލުތަކެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް އެކަން ނުވުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު ޓްރެފިކް ފްލޯ ހައްލު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" މުހައްމަދު ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި ރޯދަ މަހު ދެން އެންމެ ބާރުބޮޑު ވާނީ ބްރިޖާއި ހައިވޭގެ އިތުރުން ހުޅުމާލެ އެވެ. އެހެންވެ، ރޯދަ މަހަށް ހާއްސަކޮށް، ބްރިޖާއި ހައިވޭގެ އިތުރުން ހުޅުމާލޭގައި ޓްރެފިކް ކަންކަން ހައްލު ކުރަން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ރޯދަ މަހު، ސިނަމާލެ ބްރިޖާއި ހައިވޭ ބޭނުން ކުރާ މީހުން ގަވާއިދާ އެއްގޮތަށް، ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭ ހެލްމެޓު އެޅުމަށް ފުލުހުން އިލްތިމާސްކުރެ އެވެ. އަދި ބްރިޖާއި ހައިވޭގައި ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް ނުދުއްވުމަށް ވެސް ފުލުހުން އެދެ އެވެ.