Roadha Mihaaru
ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި

ކެނެރީގެ ގޯޅި ހުސްކޮށް، ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި

21 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ސައިކަލްތަކަށް ޕާކް ނުކުރެވޭ ގޮތް ހަދަައި، އެ ތަނުގެ ބަދަލުގައި ބިއްލޫރިޖެހިގޭގައި ހެދި ޕާކިން ޒޯން ބޭނުންކުރަން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ސައިކަލްތަކަށް ޕާކް ނުކުރެވޭ ގޮތް ހަދަައި، އެ ތަނުގެ ބަދަލުގައި ބިއްލޫރިޖެހިގޭގައި ހެދި ޕާކިން ޒޯން ބޭނުންކުރަން މިއަދު ފަށައިފި އެވެ.

ނީލޯފަރު ހިނގުމުގެ ޕާކިން ޒޯން ނެގީ، ނަޝީދަށް ސެކިއުރިޓީ ދޭން ދަތިވުމުން، އެ ތަން ނަގަން އެމްއެންޑީއެފުން އެދުމުންނެވެ. ނަމަވެސް މި ފިޔަވަޅު އަޅަން އެމްއެންޑީއެފުން އެދިފައި އޮތީ، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެ މަނިކުފާނު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާ ދިނުމުގެ މާ ކުރިންނެވެ. ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކުގެ ތެރޭގައި ހުރި ބައެއް ކަންކަމާ ހެދި އެ ހަމަލައާ ހަމައަށް ވެސް ޕާކިން ޒޯނު ބަދަލު ނުކޮށް އޮތުމަށް ފަހު، ބަދަލު ގެނައީ ހަމަލަ އަށް ފަހު ކުރިމަތިވި ފިއްތުންތަކާއި ފާޑުކިޔުންތަކާ ހެދި އެވެ.

މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ، ބިއްލޫރިޖެހިގޭގައި ހެދި ޕާކިން ޒޯންގެ މަސައްކަތް ރޭގައި އެއްކޮށް ނިންމާލައިފައިވާ ކަމަށެވެ. މިތަނުގައި ސައިކަލާއި ކާރު ވެސް ޕާކް ކުރެވޭނެ ކަމަަށް އޭނާ ވިދާޅުވި އެވެ.

މި ޕާކިން ޒޯން ހުޅުވުމާ އެކު، ނީލޯފަރު ހިނގުމުގެ އިތުރުން، މަޖީދީ މަގުގެ ސިީކްރެޓް ރެސިޕީ ހުންނަ ހިސާބުން އަލިކިލޭގެފާނުމަގާ ހަމައަށް އެ މަގުގައި ވެހިކަލް ޕާކެއް ނުކުރެވޭނެ އެވެ. މިހާރު ވެސް އެ ހިސާބުގައި ފުލުހުން ވަނީ ޕާކްކުރުން މަނާކޮށް ކޯނާއި ޓޭޕް ދަމައިފަ އެވެ.

މަޖީދީ މަގުގެ ބޮޑު ސަރަހައްދެއްގައި މިހާރު ވެހިލްތައް ޕާކެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި މަޖީދީ މަގާ ގުޅޭ އެކި ހިސާބުތަކުން ހާއްސަ ޕާކިން ޒޯނުތައް ހަދައި އެ ތަންތަނުން ވެހިކަލްތަަކަށް ވަނީ ޖާގަ ދީފަ އެވެ.

ނަޝީދު މިހާރު ދިރިއުޅުއްވާ ކެނެރީގެ ހުންނަ ގޯޅި ވަރަށް ހަނިވެފައި އެއް ފަރާތުގައި ސައިކަލްތައް ޕާކުކޮށްފައި ހުރުމުން، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް އެ ގޯޅިއަކަށް ނުވަދެވެ އެވެ. އެހެންވެ ނަޝީދުގެ ކާރުކޮޅު ވެސް ޕާކް ކޮށްފައި އޮންނަނީ ކެނެރީގެ ހުންނަ ގޯޅިން މަޖީދީމަގާ ވީ ފަރާތުން، އެ ގޯޅީގެ ކަންމަތީގަ އެވެ.

މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައި ވަނީ، ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ފެށީ ޕްލޭނިން މިނިސްޓަރީން ހުއްދަދިނުމުން ކަމަށެވެ. އަދި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން ވެސް ކުރަން ރާވައިފައި އޮތް އެ މަސައްކަތް ނުކުރެވި ލަސްވެފައި އޮތީ ޕްލޭނިން މިނިސްޓްރީން އެކަމަށް ބޭނުންވާ ހުއްދަ ނުލިބިގެން ކަމަށެވެ.

ޕާކިން ޒޯން ހެދުމުގެ ކުރިން މިތަނުގައި ހުރީ ސަރުކާރާއި އަމިއްލަ މީހުންގެ ކާރުތައް ޕާކުކޮށްފަ އެެވެ. ބިއްލޫރިޖެހިގެ އަކީ ކުރިން ނެޝަނަލް ލައިބްރަރީ އަދި މިހާރު މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާއި އަދި ޖެންޑާ މިނިސްޓްރީ ހުންނަ އިމާރާތެވެ. ޕާކިން ޒޯމް ހެދީ މި އިމާރާތުގެ ފުރަގަހަށް އޮންނަ ބިމުގަ އެވެ. މިހާ ހިސާބަށް އެ ތަނުގައި ޕާކް ކުރަމުން އައީ އެ އޮފީސްތަކުގެ މުވައްޒަފުންނާއި ބައެއް ވަޒީރުންގެ ކާރުކޮޅުތަކެވެ.