Roadha Mihaaru
ޕެލެޓް ބަހައްޓާ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

މަގުތަކުގައި ޕެލެޓް ބަހައްޓާ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

22 ފެބުރުއަރީ 2022

މާލޭގައި ޕާކިން ޒޯންތަކާއި މަގުމަތީގައި ޕެލެޓް ބެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެ މައްސަލަ ބަލައި އަޅާނެ ފިޔަވަޅެއް މާލޭ ސިޓީ ކައުންސިލުން މާދަމާ ބާއްވާ ކައުންސިލް ބައްދަލުވުމުގައި ނިންމާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ޕާކިން ޒޯންތަކާއި މަގުމަތީގައި ޕެލެޓް ބެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެ މައްސަލަ ބަލައި އަޅާނެ ފިޔަވަޅެއް މާލޭ ސިޓީ ކައުންސިލުން މާދަމާ ބާއްވާ ކައުންސިލް ބައްދަލުވުމުގައި ނިންމާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މާލޭގެ ޕާކިން ޒޯންތަކުގައި ގިނަ އަދަދަކަށް ޕެލެޓް އަޅައި ޕާކު ކުރާނެ ޖާގަތައް އާންމުންނަށް މަހުރޫމްކޮށްފައިވާ މައްސަލަ، "މިހާރު"ގައި އިއްޔެ ޝާއިއުކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ވެސް ވަނީ ބޮޑުވެފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ މިއަދު "މިހާރު" އަށް ވިދާޅުވީ، ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާ މައްސަލާގެ ޝަކުވާ އެ އިދާރާ އަށް ވަރަށް ގިނައިން މިހާރު ލިބެމުންދާ ކަމަށާއި ޕެލެޓް ބެހެއްޓުމަކީ މަނާ ކަމެއް ކަމަށެވެ.

"ނުބެހެއްޓޭނެ އެގޮތަށް. އެ ޝަކުވާ އިންތިހާ އަށް ލިބެމުންދޭ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ގުދަނެއްގެ ކުރިމަތީގައި އަތުރާފައި ހުރި ޕެލެޓްތަކެއް؛ މިގޮތަށް ޕެލެޓް ބެހެއްޓުމަކީ މަނާކަމެއް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ ގުދަނެއްގެ ކުރިމަތީގައި އަތުރާފައި ހުރި ޕެލެޓްތަކެއް؛ މިގޮތަށް ޕެލެޓް ބެހެއްޓުމަކީ މަނާކަމެއް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"މޭޔަރު މުއިއްޒުގެ ވިސްނުން ހުރީ ރައްޔިތުންނަށް އަދަބު ނުދީ އެކަން ހައްލުކުރެވޭތޯ މަސައްކަތް ކުރަން. އެގޮތަށް ނުވެއްޖެ ނަމަ، ދެން އޮތް ފިޔަވަޅެއް އަޅާނީ."

މާލޭގެ ގިނަ ޕާކިން ޒޯންތައް މިހާރު ވަނީ ޕެލެޓްތަކުން ފުރާލައިފަ އެވެ. މާލޭގައި ޕާކުކުރަން އޮތް މަދު ޖާގަކޮޅު ވެސް ބާރު ހުރި މީސްމީހުންގެ އަމިއްލަ ތަންތަނަށް ހަދައި، ފެންނަނީ ލަކުޑި އާއި ދަގަނޑު ޕެލެޓްތައް އަތުރައި، އެ ޖާގަތައް ދާއިމީކޮށްފައިވާ މަންޒަރެވެ.

އެމްޕީއެލް އާއި ކަސްޓަމްސް ސަރަހައްދާއި ހަވީރީ ހިނގުމުގައި މި މައްސަލަ ވަކިން ބޮޑުވެފައިވާ އިރު، މިހެން ބަހައްޓާފައި ހުންނަ ޕެލެޓުތަކުގައި މީހުންގެ ފައި ތާށިވެ، ފައި ބިންދައިގެން ދިއުމުގެ ހާދިސާ ވެސް ހިނގާފައި އެބަހުއްޓެވެ.

އެ ކަހަލަ ބައެއް ހާދިސާތަކުގައި ބައެއް މީހުންނަށް ބޮޑެތި ޒަހަމްތައް ވެސް މީގެ ކުރިން ލިބިފައިވެ އެވެ.

މާލޭގެ އެއްވެސް މަގެއްގައި އެއްވެސް އެއްޗެއް ބެހެއްޓުމާއި އެތުރުމަކީ މަނާ ކަމެކެވެ. އެކަމަކު، ހާއްސަކޮށް ގުދަންތައް ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަަށް ޕެލެޓް ބަހައްޓާފައި ހުރުން މިހާރު ވަނީ އާންމުވެފަ އެވެ.