Roadha Mihaaru
މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން ނިންމައިފި

މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން ނިންމައިފި

08 ފެބުރުއަރީ 2022

މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ޖާގަ ވިއްކަން ނިންމީ ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށްޓަކައި ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވެފައި އޮތްއޮތުން ހައްލު ކުރުމަށް ކަމަށެވެ. އެހެންވެ، ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ އުމުރަށް 1،000 ޕާކިން ޖާގަ ދޫކުރަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން 250 ޖާގަ ޚާއްސަ ކުރާނީ ޓެކްސީތަކަށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޕާކިން ޖާގަ ވިއްކާނީ 20 ފޫޓަށް ވުރެ ފުޅާ މަގުތަކާއި ކާނިވާ ސަރަހައްދުންނެވެ. އެކަމަކު އެތަންތަނުން ޖާގަ ވިއްކާނީ ސައިކަލު ޕާކިންގެ ޖާގަ ނުގެއްލޭ ގޮތަށް އަދި ޓްރެފިކް ބާރު ބޮޑުނުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަހުން މާލޭގައި ޕާކިން ބިލްޑިންއެއް އެޅުމުން އެ ޖާގަތައް އެތަނަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާކިން ޖާގަތަކަށް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. އަދި ޖާގަ ވިއްކާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން ނިންމީ ގުރުއަތު ނަގައިގެން ޕާކިން ޖާގަ ކުއްޔަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމުމަށްފަހު އެވެ. އޭރު 211 ޕާކިން ޖާގައަކަށް ގުރުއަތު ނަގާފައި ވަނިކޮށް އަލުން ގުރުއަތު ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެންގި އެވެ.