Roadha Mihaaru
ބްރިޖުގައި ފޯނު ބޭނުން ކުރުން އާންމު ވެފައި!

ބްރިޖުގައި ފޯނު ބޭނުން ކުރުން އާންމު ވެފައި، އެއީ މަނާކަމެއް!

13 ސެޕްޓެމްބަރ 2018

މާލެ އާއި ހުޅުލެ ގުޅުވައިލި ސިނަމާލެ ބްރިޖު މަތީގައި އާއި ބްރިޖާ ގުޅިފައި އޮންނަ ބޮޑެތި މަގުތަކުގައި ފޯނު ބޭނުންކޮށްގެން ސެލްފީ އާއި ފޮޓޯ ނެގުން އާންމު ކަމަކަށް ވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ އާއި ހުޅުލެ ގުޅުވައިލި ސިނަމާލެ ބްރިޖު މަތީގައި އާއި ބްރިޖާ ގުޅިފައި އޮންނަ ބޮޑެތި މަގުތަކުގައި ފޯނު ބޭނުންކޮށްގެން ސެލްފީ އާއި ފޮޓޯ ނެގުން އާންމު ކަމަކަށް ވެއްޖެ އެވެ.

ސިނަމާލެ ބްރިޖާއި މާލޭގެ ރިންގް ރޯޑާއި ހުޅުލޭ ލިންކް ރޯޑުގައި ފޯނު ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަދި ބްރިޖާއި ހައިވޭ މަތީގައި ހުރެ ފޯނުން ވާހަކަ ދެއްކުމަކީ ވެސް ރައްކާތެރި ކަމެއް ނޫނެވެ. ދުނިޔޭގައި އަމަލު ކުރަމުން އަންނަ ޓްރެފިކްގެ އާންމު އުސޫލުތަކަށް ބަލާއިރު، ވެސް މިއީ ހުއްދަ ކަންކަމެއް ނޫނެވެ.

އެކަމަކު، މިދިޔަ ހުކުރު ދުވަހު، އާންމު ދަތުރުފަތުރުތަކަށް ބްރިޖު ހުޅުވައިލުމާއެކު، ބައެއް ދިވެހިން ދިޔައީ ޓްރެފިކްގެ އުސޫލްތަކާ މުޅިން ހިލާފަށް ފޯނު ބޭނުން ކުރަމުންނެވެ.

މާލެއިން ބްރިޖް ފެށޭ ހިސާބުގެ ޓްރެފިކް ބެލުމަށް ފުލުހަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެއިން ބްރިޖް ފެށޭ ހިސާބުގެ ޓްރެފިކް ބެލުމަށް ފުލުހަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފޯން ބޭނުން ކުރަމުން އަންނާތީ ޓްރެފިކް ފުލުހުން އަންނަނީ ބައެއް މީހުންނަށް ނަސޭހަތްތެރިވެ، ދެ ވަނަ ފަހަރަށް އެކަން ތަކުރާރު ކުރާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބްރިޖާއި ހައިވޭގައި މަޑުކޮށްގެން ތިބެ ފޯނު ބޭނުން ކުރުމަކީ މަނާ ކަމަކަށް ނުވިޔަސް، އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އެކަމަކު، ސައިކަލް ދުއްވާ އިރު، ކުރީގައި އިންނަ މީހުން އެއްވެސް ގޮތަކަށް ފޯނު ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސައިކަލްގެ ފަހަތުގައި އިންނަ މީހާ އަށް ފޯނު ނަގައި ބޭނުން ކުރެވިދާނެ. އެކަމަކު. ކުރީގައި އިންނަ މީހާ އެއްވެސް ގޮތަކަށް ފޯނު ބޭނުން ކުރުމަކީ މަނާ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

ބައެއް މީހުން ސައިކަލްގައި ބްރިޖު މަތީގައި އާއި ގުޅިފައިވާ މަގުތަކުގައި މަޑުކޮށް، އެއާޕޯޓަށް މަތިންދާބޯޓު ޖައްސާ ފޮޓޯ އާއި ބްރިޖުގެ އެކި ހިސާބުތަކުގައި މަޑުކޮށް ފޮޓޯ ނެގުން ވަނީ އާންމުވެފަ އެވެ. އަދި ސައިކަލްގައި ދާ ބައެއް މީހުންނަށް ފޯނު އައުމުން، ފޯނުން ވާހަކަ ދެއްކުމުގެ ބޭނުމުގައި އެއް ފަރާތަކަށް މަޑުކޮށްލައިގެން ތިބޭ މަންޒަރު ވެސް ފެނެ އެވެ.

އާންމު ދަތުރުފަތުރަށް ބްރިޖުގައި ހުޅުވާލުމާ ގުޅިގެން، ފުލުހުން އަންނަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށާއި ގަވައިދަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް، ފަހަތުން ދުއްވާފައި އަންނަ އުޅަނދުތައް ފެންނަން ހުންނަ ގޮތަށް ސައިކަލްގައި ލޯގަނޑުތައް ހަރު ކުރުމަށް ފުލުހުން އިރުޝާދު ދެ އެވެ. އަދި ސައިކަލްގައި ލޯގަނޑު ނެތި ދުއްވާ މީހުން ބްރިޖާއި ހުޅުލެ ލިންކް ރޯޑަށް އެރުމުގެ ފުރުސަތު ފުލުހުން ނުދެ އެވެ.

ފުލުހުން ދެމުން އަންނަ ބައެއް އިރުޝާދުތަކުގެ ތެރޭގައި ހެޑްލައިޓާއި ސިގްނަލް ލައިޓާއި ފަހަތު ލައިޓް ދިއްލޭކަން ޔަގީން ކުރުމާއި ބަރުގޮނު އެޅޭ ކަމާއި ބުރަކި ރަނގަޅަށް ޖެހޭ ކަން ޔަގީން ކުރުން ހިމެނެ އެވެ. އަދި އަހަރީ ފީ، އިންޝުއަރެންސް، ރޯޑްވާދިނަސް ސްޓިކާ އުޅަނދުގައި ހުރިތޯ ބެލުމަށް އިރުޝާދުދެ އެވެ.