Roadha Mihaaru
ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި

މާލެ އާއި ހުޅުމާލޭގައި ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯ ކުރަން ފަށައިފި

05 މާޗް 2024

މާލެ އާއި ހުޅުމާލޭގައި ނުގަވާއިދުން ޕާކްކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ އާއި ހުޅުމާލޭގައި ނުގަވާއިދުން ޕާކްކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.

މަގުމަތީގައި ހިނގައިބިނގާވެ އުޅޭ މީހުންނާއި އިމަޖެންސީގައި ދުއްވާ އުޅަނދުތައް ދަތިވާ ގޮތަށް ނުގަވާއިދުން އުޅަނދު ޕާކްކުރާ މައްސަލާގައި މީގެ ދެ ދުވަހެއް ކުރިން ފުލުހުން ވަނީ އެ ފަދަ އުޅަނދުތައް ޓޯކުރާނެ ކަމުގެ އިންޒާރުދީފަ އެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ނަމަވެސް އެ ކަން ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލެއް ފުލުހުން އާންމެއް ނުކުރެ އެވެ.

ފުލުހުން ބުނީ މަގުތައް ތަރުތީބުކޮށް ބޭއްވުމުގައި އެންމެންގެ އެއްބާރުލުން މުހިއްމު ކަމަށެވެ.

އެކްސްގައި ކުރި ޕޯސްޓާ އެކު، ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރުމުން ޓޯ ޔާޑަށް ގެންދަން ޕިކަޕަކަށް އަރުވާފައިވާ ސައިކަލްތަކެއްގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ. އެ ސައިކަލްތައް ޓޯ ކުރީ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް ކައިރިންނެވެ.

ގިނަ ދުވަސްތަކަކަށް ފަހު ފުލުހުން އުޅަނދުތައް ޓޯކުރަން ފަށާފައި ވަނީ މާލޭގައި ހަމައެއް ލަމައެއް ނެތި ޕާކުކުރުން އާންމުވެފައި އޮއްވަ އެވެ. ޕާކުކުރުން މަނާ މަގުތަކާއި ޕޭވްމަންޓު މަތީގައި ވެސް މީހުންނަށް އުނދަގޫވާ ގޮތަށް ޕާކުކުރުން އާންމުވެ، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމަކު މާލޭގެ ޕާކިން ޖާގަދީފައި ނޫން ގޮތަކަށް ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެހެންވެ ގަވާއިދާ ހިލާފަށް ޕާކުކުރިޔަސް ސްޓިކާ ނުޖަހަ އެވެ.

ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ވަނީ ޕާކް ކުރުމަށް މާލެ އާއި ހުޅުމާލެ 1 އަދި 2 ގައި ކަނޑައަޅާފައިވާ ޒޯން ނޫން އެހެން ތަނެއްގައި ޕާކު ނުކުރުމަށް އަންގައި، އެ އެންގުންތަކާ ހިލާފުވާ މީހުންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ބުނެފަ އެވެ.