Roadha Mihaaru
ބާރަށް ދުއްވި ދެ ސައިކަލް ހުއްޓުވުމުން ހަމަލާ ދީފި

ބިރުވެރިކަން އުފެދޭ ގޮތަށް ބާރަށް ދުއްވި ދެ ސައިކަލް ހުއްޓުވުމުން ފުލުހަކަށް ހަމަލާދީފި

24 ޑިސެމްބަރ 2021

މާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅުނު ބަޔަކު ރޭ ހުއްޓުވުމުން ފުލުހަކަށް ހަމަލާދީ ބިރު ދައްކައި އިންޒާރު ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅުނު ބަޔަކު ރޭ ހުއްޓުވުމުން ފުލުހަކަށް ހަމަލާދީ ބިރު ދައްކައި އިންޒާރު ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި، މަޖީދީ މަގާއި ދިލްބަހާރު މަގު ގުޅޭ ހިސާބުގައި، ބިރުވެރިން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ހަތަރު މީހަކު ދެ ސައިކަލު ދުއްވަމުން ދަނިކޮށް ފުލުހުން ގޮސް އެކަން ހުއްޓުވާފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ސައިކަލްތައް ދުއްވީ އަދި ފުލުހަކަށް ހަމަލާދިނީ މާލޭގައި އުޅޭ ގްރޫޕަކަށް ނިސްބަތްވާ ބައެކެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރީ؛ މުހައްމަދު ވިއާމް، 27، ސ. ފޭދޫ/ވީނަސްވިލާ އާއި ހަސަން އަލީމް، 22، މާލެ/ދަފްތަރު 2841 އަދިޝާން އަބްދުﷲ، 20، އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލެ ކޯޓަށް ގެންދިއުމުން ވަނީ ބަންދަށް ހަތް ދުވަސް ދީފަ އެވެ. މި އެންމެންގެ ވެސް ކުށުގެ ރެކޯޑް އޮވެ އެވެ.

"މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މި ހިދުމަތުން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.

ބާރު ސްޕީޑުގައި ސައިކަލު ދުއްވުމުގެ ސަބަބުން ވަރަށް ނުރައްކާތެރި އެކްސިޑެންޓުތައް މާލޭގައި ހިނގާފައިވެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެނުނު ގޮތުގައި، ވަރަށް ބާރު ސްޕީޑުގައި އައި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި މީހަކަށް ވިއްސައިގެންދިޔަ އެވެ. އަދި ދެމީހުންނާ އެކު ބާރު ސްޕީޑުގައި ދިޔަ ސައިކަލު ވަނީ އެތަނުގައި މަޑުނުކޮށް، ފިލައިފަ އެވެ.