Roadha Mihaaru
ބްރިޖުގެ ދެ ފަރާތުގައިވާ ލޭން، ހިނގުމަށާއި ދުވުމަށް

ބްރިޖުގެ ދެ ފަރާތުގައިވާ ލޭން، ހިނގާ މީހުންނާއި ދުވާ މީހުންނަށް

07 ސެޕްޓެމްބަރ 2018

މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖުގެ ދެ ފަރާތުގައިވާ ހަނި ދެ ލޭން، ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖުގެ ދެ ފަރާތުގައިވާ ހަނި ދެ ލޭން، ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފި އެވެ.

ބްރިޖުގެ މަސައްކަތުގައި އުޅުއްވި އިސް ބައެއް ބޭފުޅުން ކުރިން ވިދާޅުވި ގޮތުގައި، އެ ދެ ލޭން ބައިސިކަލް ލޭންގެ ގޮތުގައި ބޭއްވުމުގެ ވިސްނުން ގެންގުޅުނެވެ. އެކަމަކު، އެ ދެ ލޭން، ހިނގުމަށާއި ދުވުމަށް ޚާއްސަކޮށް ޓްރެފިކް ފުލުހުން މިއަދު މިވަނީ އިއުލާންކޮށްފަ އެވެ.

ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮވެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ އެވެ.

މި ލޭންތައް ބޭނުން ކުރާނެ ގޮތުގެ ތަފްސީލް ޓްރެފިކް ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.

ބްރިޖުގެ ދެ ފަރާތުގައިވާ ހަނި ދެ ލޭން ހާއްސަކޮށްފައި ވަނީ ހިނގާ މީހުންނާއި ދުވާ މީހުންނަށް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބްރިޖުގެ ދެ ފަރާތުގައިވާ ހަނި ދެ ލޭން ހާއްސަކޮށްފައި ވަނީ ހިނގާ މީހުންނާއި ދުވާ މީހުންނަށް.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބްރިޖާއި ރިންގު ރޯޑުގެ ލޭންތަކުގައި ދުއްވާނެ ގޮތް:

- ބްރިޖާއި ރިންގު ރޯޑުގެ ވެސް އެންމެ ބޭރު ދެ ލޭން ހާއްސަކޮށްފައި ވަނީ ޕަބްލިކް ބަސް އަދި ދެ ފުރޮޅުލީ އިންޖީނު އުޅަނދަށް.

- ބްރިޖާއި ރިންގު ރޯޑުގެ މެދުގައިވާ ދެ ލޭން ޚާއްސަކޮށްފައި ވަނީ ބަސް ފިޔަވައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކަށް.

- ބްރިޖުގައި ހިނގާ މީހުންނާއި ދުވާ މީހުންނަށް ޚާއްސަކޮށްފައި ވަނީ ދެ ފަރާތުގައި ވާ ލޭން.

ބްރިޖުގެ ވެހިކަލްތައް ދުއްވާ ލޭންތަކުގައި ހިނގާފައި އުޅުމަކީ މަނާ ކަމެކެވެ. އަދި އެ ލޭންތަކުގައި ސައިކަލް ދުއްވާއިރު އަމިއްލަ އަށް އިށީނދެ ނުތިބެވޭވަރުގެ ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރުމިނުގައި ބްރިޖުގައި ދުއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެއާއެކު، ބްރިޖާއި ރިންގު ރޯޑުގެ އެއްވެސް ސަރަހައްދެއްގައި ޕާކުވެސް ނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ބްރިޖާއި ރިންގު ރޯޑު ބޭނުންކުރުމުގައި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އާއްމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާއްމު ދަތުރުތަކަށް ބްރިޖު ހުޅުވާލާނީ މިއަދު ހަވީރު 4:00 ގަ އެވެ.