Roadha Mihaaru
ޓޯ ވެސް ކުރަންވީ، ސްޓިކާ ވެސް ޖަހަންވީ!

ޓޯ ވެސް ކުރަންވީ، ސްޓިކާ ވެސް ޖަހަންވީ!

04 މާޗް 2024

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެވެ؛ ދަރުމަވަންތަ ހޮސްޕިޓަލްގެ ކައިރީ އޮންނަ ބަސް ސްޓޮޕުން ހުޅުމާލެ އަށް ދާން އޮތް ބަހަށް އެ ތަނުން ގުނޑާނުލެވި އޮތީ މަގުގެ އެއްފަރާތުގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި އޮތް ކާރަކާ ހެދި އެވެ. ބަސް ސްޓޮޕް ކައިރިން މީހުން އަރުވައިގެން އަމީނީ މަގަށް އަޅަން އޮންނަ ދިމާލުގެ ޕޭވްމަންޓު މައްޗަށް ކާރު އަރުވާފައި ޑްރައިވަރު ދިޔައީ އެވެ. އެހެންވެ، ބަހަށް ކުރިއަށް ނުދެވި އެތައް އިރަކު އޮތެވެ. އޭރު އޭގައި ތިބި އެމްޓީސީސީގެ މުވައްޒަފުން ވެސް އެ އިން ނުކުމެ އެ ކާރު ދުރުކުރެވޭނެ ގޮތެއް ހޯދަމުން ގެންދިޔަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެވެ؛ ދަރުމަވަންތަ ހޮސްޕިޓަލްގެ ކައިރީ އޮންނަ ބަސް ސްޓޮޕުން ހުޅުމާލެ އަށް ދާން އޮތް ބަހަށް އެ ތަނުން ގުނޑާނުލެވި އޮތީ މަގުގެ އެއްފަރާތުގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި އޮތް ކާރަކާ ހެދި އެވެ. ބަސް ސްޓޮޕް ކައިރިން މީހުން އަރުވައިގެން އަމީނީ މަގަށް އަޅަން އޮންނަ ދިމާލުގެ ޕޭވްމަންޓު މައްޗަށް ކާރު އަރުވާފައި ޑްރައިވަރު ދިޔައީ އެވެ. އެހެންވެ، ބަހަށް ކުރިއަށް ނުދެވި އެތައް އިރަކު އޮތެވެ. އޭރު އޭގައި ތިބި އެމްޓީސީސީގެ މުވައްޒަފުން ވެސް އެ އިން ނުކުމެ އެ ކާރު ދުރުކުރެވޭނެ ގޮތެއް ހޯދަމުން ގެންދިޔަ އެވެ.

މިއީ މާލޭގެ އެންމެ ދިމާލަކުން އެ ދުވަހު ފެނުނު މަންޒަރެވެ. އެކަމަކު، މިއީ މިދިޔަ ތިން މަހެއްހާ ދުވަހު ކޮންމެ ދުވަހަކު ވެސް މާލޭގެ މިހާރުގެ ހާލަތެވެ. ސަރުކާރުން ދޫކޮށްލުމުގެ ހިތި ނަތީޖާ އެވެ.

އެ މީހަކު ޖެހުނު ތަނެއްގައި ޕާކްކޮށްފައި ދަނީ އެވެ. ހަތަރުފުރޮޅުލީ ބޮޑެތި ވެހިކަލްތަކުން ޕޭވްމަންޓްތައް އެއްކޮށް ފުރާލައިފި އެވެ. ކުރީގައި ނަމަ ކާރާއި ޕިކަޕުން ނަގަނީ ޕޭވްމަންޓުތަކުގެ އެއްފަޅިއެވެ. ދަތި އުނދަގުލުން ވެސް މީހުން ހިނގާލަން ހަނި ޖާގައެއް ލިބެ އެވެ. މިހާރުގެ ހާލަތަކީ ކާރާއި ޕިކަޕްތައް ޕޭވްމަންޓްތައް މައްޗަށް އެއްކޮށް އަރުވާލައި އެ މީހުންގެ ޕާކިން ޒޯނަކަށް ޕޭވްމަންޓުތައް ހެދީ އެވެ.

ކާރެއް ޕާކުކޮށްފައި އޮތް ގޮތުން އެމްޓީސީސީގެ ބަހަށް ދަތުރުނުކުރެވިފައި.--

ކާރެއް ޕާކުކޮށްފައި އޮތް ގޮތުން އެމްޓީސީސީގެ ބަހަށް ދަތުރުނުކުރެވިފައި.--

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ އަމީނީ މަގުގެ އެއް ފަރާތުގައި ޕާކުކުރެވޭނެ ޖާގަ ހަދާފައި އޮއްވައި ވެސް މަގުގެ އަނެއް ފަރާތުގައި ވެސް ޕާކްކުރަނީ ކަމަށެވެ. މީގެ ސަބަބުން ދެ ކޮޅަށް ދުއްވާ އެ މަގުގައި ދުއްވާ މީހުންނަށް ވެސް ދަތިވެ އެ ޝަކުވާ ދަނީ ކުރަމުންނެވެ.

މަޖީދީ މަގު އެއީ މާލޭގައި އެންމެ ކާރޫބާރޫ ބޮޑު މަގު ކަމަށް ވެފައި، ބޮޑެތި ބަސްތައް ވެސް ދެކޮޅަށް ދުއްވާ މަގަކަށް ވާތީ އެ މަގުގައި ޕާކްކުރުން މުޅިން މަނަލެވެ. ނަމަވެސް އެއީ މިހާރު ދެ ފަޅީގެ ޕާކިން ޒޯނެކެވެ. އެ މީހަކު ހިތަށް އެރި ގޮތަކަށް، އެ މީހަކަށް ފަސޭހަ ގޮތަކަށް ޕާކްކޮށްލަނީ އެވެ. ދެން އެ މަގުން ދުއްވާ އެއްޗަކަށް ބެލުމެއް ނެތެވެ. މަޖީދީ މަގުން ދުއްވާފައި ދާ ވެހިކަލްތައް ގުޑާނުލެވި މިހާރު ޓްރެފިކް ތޮއްޖެހޭ އެންމެ ބޮޑު މައްސަލައަކީ ދެ ފަރާތުގައި ޕާކްކޮށްފައި ހުންނަ ސައިކަލްތަކެވެ. މުޅި މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް އެ އޮތީ ދެ ފަރާތުގައި ސައިކަލްތައް ޕާކްކޮށްފަ އެވެ. ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި އޮތީ ކާރުތަކާއި ޕިކަޕްތަކުގެ ޕާކިން ޒޯނެކެވެ.

ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި ސައިކަލްތަކެއް ކައިރިން މީހަކު ޕޭމަންޓަށް އަރަން މަސައްކަތްކުރަނީ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި ސައިކަލްތަކެއް ކައިރިން މީހަކު ޕޭމަންޓަށް އަރަން މަސައްކަތްކުރަނީ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ޒަމާނުއްސުރެ ޕާކްކުރުން މަނާކޮށްފައި އޮންނަ ކުރީގެ ރިޔާސީ ގަނޑުވަރު ނުވަތަ ސުޕްރީމް ކޯޓުގެ ކުރިމަތި ވެސް އެއީ މިހާރު ހަތަރުފުރޮޅުލީ ވެހިކަލްތަކުގެ ޕާކިން ޒޯނެކެވެ. އެކަމަކު، އެއީ ގްރީން ޒޯނެކެވެ. އެ ކަން ފެންނަ ފުލުހެއް ނެތެވެ.

ސޯޝަލް މީޑިއާގައި ކުރީގެ ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ވެސް ވަނީ އެ ކަންބޮޑުވުން ކުރައްވައިފަ އެވެ.

ހާތިފް ވިދާޅުވީ އޭނާ އުޅުއްވާ ގޭގެ އިމުގެ ތެރޭގައި ސައިކަލެއް ޕާކްކޮށްފައި ވާތީ ގަލޮޅު ޕޮލިހަށް ގުޅައި އެކަން ރިޕޯޓުކުރެއް ކަމަށެވެ. އެކަމަކު އެ މައްސަލާގައި ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އެ މީހުން ބުނި ކަމަށް ވެސް ހާތިފްގެ ޕޯސްޓުގައިވެ އެވެ.

ހާތިފް ވިދާޅުވީ މިހާރު އޮތް ގޮތުން އެމީހަކު ބޭނުން ތަނެއްގައި ޕާކް ކުރެވޭ ކަމަށާއި އެއީ މީހެއްގެ ގެއެއް ކަމުގައި ވިޔަސް ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

ވިޔަފާރިކުރަން ވަންނަމުން މަގުމަތީގައި ޕާކުކޮށްފައި.-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު

ވިޔަފާރިކުރަން ވަންނަމުން މަގުމަތީގައި ޕާކުކޮށްފައި.-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު

އެކަން ރިޕޯޓުކުރުމުން ވެސް ފިޔަވަޅެއް ނޭޅި މައްސަލާގައި ހާތިފުގެ ޕޯސްޓަށް ރައްދު ދެއްވައި ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޓްވީޓުގައި ވަނީ ގަލޮޅު ޕޮލިހަށް ގުޅި ގަޑި އާއި ނަމްބަރު ދެއްވަން އެދިވަޑައިގެންފަ އެވެ.

އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ އިހުސާން ވިދާޅުވީ ބޭނުންހާ ތަނަކު ޕާކުނުކުރެވޭނެ ކަމަށާއި އެ ރިޕޯޓުކުރި މައްސަލާގައި ވެސް ފުލުހުންނަށް އެޅޭނެ ފިޔަވަޅު އެބަ ހުރި ކަމަށެވެ.

"ތިބުނި ގޮތަށް [ހާތިފްގެ ޕޯސްޓުގައި ބުނެފައިވާ ގޮތަށް] އޮފިސަރު ޖަވާބުދިން ނަމަ މައާފަށް އެދެން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޓޯ ކުރުމަކީ ހައްލެއް ކަމަކަށް ނުބެލެވޭ!

ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުން މި ސަރުކާރުން ހުއްޓާލީ ޕާކިން ބިލްޑިންގްތައް ނުދައްކައި އެ ފިޔަވަޅު އަޅަން ބޭނުން ނުވާތީ އެވެ. އެކަމަކު، ޕާކިން ބިލްޑިންގްތައް ހެދުމުގެ އަމަލީ މަސައްކަތް އެންމެ އަވަހަށް ވެސް ފަށަން އޮތީ އަންނަ މަހު އެވެ. މާނައަކީ އެ ކަން ފަށައި ނިމެންދެން ތިބެންވީ ހަމަ ބަލަހައްޓައިގެން ހެއްޔެވެ؟ އެ މީހަކު ޖެހުނު ތަނެއްގައި ޕާކްކުރިޔަސް ގާނޫނު ތަންފީޒު ނުކޮށް ތިބެންވީ ހެއްޔެވެ؟

މާލޭގެ ޓްރެފިކް ހާލަތު ގޯހުން ގޯހަށް ގޮސް މީހުން ރުޅިގަދަވާން ފެށުމުން ފުލުހުން ރޭ ނިންމީ ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯ ކުރާށެވެ. އެކަމަކު، އެއީ ސްޓިކާ ޖެހުމަށް ވުރެ މާ އުނދަގޫ އަދި ބުރަ ކަމެކެވެ. ހަތަރުފުރޮޅުލީ ވެހިކަލްތައް ޓޯ ކުރާ ވަސީލަތްތައް އެކަށީގެންވާ އަދަދަކަށް އެބަހުރި ހެއްޔެވެ؟ ސައިކަލްތައް ޓޯ ކުރަން 24 ގަޑިއިރު މާލޭގެ މަގުތައް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވާނީ ކިހިނެއް ހެއްޔެވެ؟ ޓޯޔާޑް މިހާރު ވެސް ފުރޭ މައްސަލަ ބޮޑުވެފައިވާއިރު ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ފުލުހުންގެ ކެޕޭސިޓީ އާއި ވަސީލަތްތައް ވެސް މާ ގިނައިން މި ކަމަށް ބޭނުންވާނެ އެވެ. ސްޓިކާ ޖެހުން އެ އަށް ވުރެ މާ ފަސޭހަވާނެ އެވެ. އެކަމަކު އެ ކަން ކުރާކަށް ފުލުހުން ބޭނުމެއް ނުވެ އެވެ. ފުލުހުންގެ ވަގުތާއި ފިޔަވަޅު އެޅުން ވެސް މާ ފަސޭހަ ވާނެ އެވެ. އެކަމަކު، ފުލުހުން ނިންމީ މައްސަލަ ހައްލު ކުރުމުގެ އެންމެ އުނދަގޫ ގޮތެވެ.

ސަލްމާން މިސްކިތުގެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްފައި: މިތަނުގައި ޕާކިން ޒޯނެއް ވެސް އޮވޭ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަލްމާން މިސްކިތުގެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްފައި: މިތަނުގައި ޕާކިން ޒޯނެއް ވެސް އޮވޭ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައި ވަނީ މާލޭގައި ވެހިކަލް ޕާކުކުރާނެ ބިލްޑިންތައް ގާއިމުކޮށް އެކަށީގެންވާ ޕާކިން ޖާގަތައް ހެދުމަށް ފަހު ނޫނީ ސްޓިކާ ނުޖަހާށެވެ.

އެކަމަކު މާބޮޑަށް ދޫދީފައި އޮތުމުން ހަމައެއް ލަމައެއް ނެތި ޕާކުކުރަމުން ދާއިރު އެ މައްސަލާގައި ކުރިން ވެސް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖެހުމަކީ ބޭނުން ކޮންމެ ތާކު ޕާކު ކުރަން އޮތް ލައިސަންސެއް ނޫން ކަމަށެވެ.

"ސްޓިކާ މި ވަގުތު ނުޖެހުމަކީ ލައިންސަންސެއް ކަމަށް ބަލައިގެން ނުވާނެ ބޭނުންހާ ތާކު ޕާކު ކުރުން. މި ވަގުތަށް ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރަން ޖެހޭނެ އާންމު މަގުތަކަކީ ހުރިހާ މީހުން ވެސް ބޭނުން ކުރަން އޮތް ތަން،" މިދިޔަ މަހުގެ 12 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވި އެވެ.

އެހެންވެ އެއީ ފަރުދީ ޒިންމާއަކަށް ދެކިގެން އެކަން އޮތީ އާންމުންނަށް ދޫކޮށްލައިފަ އެވެ.

އެކަމަކު މި ފަހުން ޕާކިން މައްސަލަތަކާ ގުޅިގެން "މިހާރު" ގައި ޝާއިއުކޮށްފައިވާ ޚަބަރުތަކަށް ވެސް އެ ކަންބޮޑުވުން އާންމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕޭވްމަންޓު މަތީގައި ވެހިކަލްތައް ޕާކުކުރުމުން މަގުމަތިން ހިނގަން މަޖުބޫރުވުމާއި މިސްކިތްތައް ދޮށުގައި ވެސް މިކަން އާންމުވެ، ނަމާދަށް އަރާ ވަގުތުގައި ވެސް އެ އުނދަގޫވާ ވާހަކަތައް ހިމެނެ އެވެ.

"ދުލެއް ދިނުމުން ވާންކުރަމުން ގޮސް މަގެއް ޕާކިންޒޯނެއް ދުވާރެއް މަގުހުރަަހެއް ހަސަނެއް އަހައްމަދެއް ނޭނގޭ ހިސާބަށް ހާލަތު މިއޮތީ ގޯސްވެފައި. ސްޓިކާ ބޮނޑި ހިފައިގެން މަގުމައްޗަށް ނިކުމެ މިކަން ހައްލު ކުރަންޖެހޭ ވާހަކަ ކަމިޝަނަރު އަލީ އަށް ދަންނަވަން،" މީހަކު ކުރި ކޮމެންޓެއްގައިވެ އެވެ.

ޕޭވްމަންޓު މައްޗަށް ޕިކަޕެއް އަރުވާފައި: އޭގެ ސަބަބުން ހިނގާ މީހުން ޖެހެނީ ކާރޫބާރުބޮޑު ވަގުތުގައި ވެސް މަގުމަތިން ހިނގަން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕޭވްމަންޓު މައްޗަށް ޕިކަޕެއް އަރުވާފައި: އޭގެ ސަބަބުން ހިނގާ މީހުން ޖެހެނީ ކާރޫބާރުބޮޑު ވަގުތުގައި ވެސް މަގުމަތިން ހިނގަން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެ ނިންމުމާއެކީ ޕާކިން މައްސަލަ ބޮއްސުން ލާނެކަން. އެކަން ކޮންޓްރޯކް ކުރެވިފައިއޮތީ ފުލުހުން ކުރި މަސައްކަތުން. އެކަމަކު ސިޔާސީ ޕޮއިންޓު ހޯދަން ސިޔާސީ މީހުން ޖަހާ ސަކަރާތުން މިކަން ކޮންޓްރޯލް ނުވަނީ. މިހާރު މަގެއްގައި ބަހެއް ދުއްވެނީކީނޫން، މިސްކިތަކަށް އެރެނީކީނޫން، ސުކޫލަކަށް ވަދެވެނީކީނޫން،" އިތުރު މީހަކު ބުންޏެވެ.

ކުރިން ދޭތެރެއަކުން ސްޓިކާ ޖެހުމާއި ޓޯ ކުރުން ފަދަ ފިޔަވަޅުތައް އަޅާތީ ޕާކުކުރާއިރު މީހުން ވަރަށް ބޮޑަށް ވިސްނަ އެވެ. ޖޫރިމަނާއެއް އަތުވެދާނެތީ ވެސް ބޭނުންތާކު ޕާކުކުރުން މަދުވެ، މަގުމަތި ހަމައަކަށް އެޅެ އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ މަގުގެ ދެ ފަރާތުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ މައްސަލަ ހައްލުކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމުގައި އަމަލުކުރާނެ ގޮތެއް އާންމުކުރާނެ ކަމަށް ވެސް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވެފަ އެވެ.

މާލޭގެ މަގެއްގައި ނުގަވައިދުން ޕާކުކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭގެ މަގެއްގައި ނުގަވައިދުން ޕާކުކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ މަޝްވަރާތަކުގެ ނިންމުމަކީ ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯ ކުރަން ފެށުން ކަމުގައި ވާ ނަމަ އެއީ ހައްލު ތާ އަބަދަށް ކުރެވޭނެ ކަމެއް ކަމާ މެދު ސުވާލު އުފެދެ އެވެ. ހަތަރުފުރޮޅުލީ އެތައް ވެހިކަލެއް މާލޭގެ އެތައް މިތަނުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި އެބަހުއްޓެވެ. ޓޯ ކުރަން ފުލުހުން ގެންގުޅޭ ވެހިކަލަށް ނެގޭނީ ވެސް ކޮންމެ ފަހަރަކު އެއްޗެކެވެ. ސުވާލު އުފެދެނީ މިފަދަ ކަންކަމާ ހެދި އެވެ. ސައިކަލްތައް ޓޯ ކުރާ ނަމަ ވެސް އެއީ އެތައް ވަގުތެކެވެ.

މާލޭގެ ޓްރެފިކް މައްސަލަ ގޯހުން ގޯހަށް ގޮސްގެން މި އުޅެނީ އެކި ސަރުކާރުތަކުން ގެންގުޅޭ "މީހުން ރުއްސުމުގެ" ސިޔާސަތާ ހެދި އެވެ. ސްޓިކާ ނުޖަހަނީ ވެސް މީހުން ރުއްސާށެވެ. އެކަމަކު، ދިވެހިންގެ ވައްޓަފާޅި ހުންނަ ގޮތުން ކަމެއްގައި ދޫ ދީފި ނަމަ އޭގެ ނާޖާއިޒު ފައިދާ އޭގެ އެންމެ މަތިން ނަގާނެ އެވެ. ކަންތައް ގޯސްވެފައިވާ ހިސާބަކީ ޕާކްކުރުން މަނާކަން އަންގައި ފުލުހުން ކޯން ޖެހިޔަސް ޓޭޕް ދެމިޔަސް މިހާރު އެ ކޯން ވެސް އޮންނަނީ ވައްޓާލައިފަ އެވެ. ޓޭޕް ވެސް ނަގައި އެއްލާލާފައި ޕާކްކުރަނީ އެވެ. އެހެންވެ، ޓޯ ކުރުމުގެ އިތުރުން ސްޓީކާ ވެސް ޖަހައިގެން ނޫން ގޮތަކަށް ދިވެހިން ހަމަ މަގަށް އެޅޭނެހެން ހީއެއް ނުވެ އެވެ.