Roadha Mihaaru
ސްޓިކާ ޖެހުމުގައި ހަމައެއް ލަމައެއް ނެތް؟

ސްޓިކާ ޖަހާތީ ޝަކުވާ ގިނަވެއްޖެ، ބައެއް މީހުން ބުނަނީ މިހާރު ހަމައެއް ލަމައެއް ނެތް ކަމަށް

16 ޑިސެމްބަރ 2016

މާލޭގައި ގަވައިދާހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖެހުން ވަރަށް ބޮޑަށް އިތުރުވެ އާންމުންގެ ޝަކުވާ ގިނަވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި ގަވައިދާހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖެހުން ވަރަށް ބޮޑަށް އިތުރުވެ އާންމުންގެ ޝަކުވާ ގިނަވެއްޖެ އެވެ.

މާލޭގައި ސްޓިކާ ޖަހަނީ ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ވިޔަސް، ސްޓިކާ ޖެހުމުގައި އެއްވެސް ހަމައެއް ނުގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެންއައިސީއަށް މައްސަލަ ހުށަހެޅި ބައެއް މީހުން "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ފުލުހުން ސްޓިކާ ޖެހުމުގައި އެއްވެސް ހަރުދަނާ އުސޫލެއް ގެންގުޅެމުން ނުދާ ކަމަށެވެ. އެ ގޮތުން ކުޑައިރުކޮޅަކަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖެހުން އާންމުވެފައިވާ ކަމަށް އެ މީހުން ބުންޏެވެ.

"ފިހާރައަކަށް ނޫނީ ތަނަކަށް ވަދެފައި ނުކުންނައިރު، ސްޓިކާ ޖަހާފައި ހުންނަނީ، ޕާކް ކުރާނެ ތަންތަން ނެތްއިރު މިއީ ތަންކޮޅެއް ބޮޑުވަރު،" އެންއައިސީއަށް މައްސަލަ ހުށަހެޅި މީހަކު ބުންޏެވެ.

ފުލުހުން ވެހިކަލްތަކެއްގައި ސްޓިކާ ޖަހަނީ: މާލޭގައި ސްޓިކާ ޖެހުން ވަނީ ވަރަށް ބޮޑަށް އާންމު ކަމަކަށްވެފައި. --ފޮޓޯ/މިހާރު

ފުލުހުން ވެހިކަލްތަކެއްގައި ސްޓިކާ ޖަހަނީ: މާލޭގައި ސްޓިކާ ޖެހުން ވަނީ ވަރަށް ބޮޑަށް އާންމު ކަމަކަށްވެފައި. --ފޮޓޯ/މިހާރު

މީގެ އިތުރުން ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާއިރު، ޕާކް ނުކުރެވޭނެ ތަންތަން އަންގަމުން ނުދާތީ ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފަ އެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި މިއީ ގަސްދުގައި ސްޓިކާ ޖަހަން ފުލުހުން މަސައްކަތް ކުރާ ކަމުގެ ހެއްކެކެވެ. ނަމަވެސް ފުލުހުން އެކަން ދޮގު ކުރެ އެވެ.

"ވެހިކަލެއް ޕާކް ކުރަން ދާއިރު، ފުލުހުން ބައެއް ފަހަރު ތިބޭ ކައިރީގައި، އެކަމަކު އެއްވެސް އިރުޝާދެއް ނުދޭ. އެންމެ ކުޑަމިނުން ޕާކް ނުކުރެވޭނެއޭ ބުނެލާނަމަ ކިހާ ރަނގަޅު،" އެ މީހާ ބުންޏެވެ.

އެންއައިސީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ކުޑައިރުކޮޅަކަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖެހުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ސާފު ނޫން ތަންތަނުގައި ޕާކް ކުރީމަ ސްޓިކާ ޖެހުން ފަދަ ޝަކުވާތައް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި ކޮންމެ ދުވަހަކު ވެސް ސްޓިކާ ޖެހުމުގެ މައްސަލަ އެންއައިސީއަށް ހުށަހަޅަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އެންއައިސީން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުމާއި ޓޯ ކުރުމަކީ އަބަދުވެސް ކުރާ ކަންކަން ކަމަށެވެ. އާންމުންގެ ޝަކުވާތައް އިތުރުވިޔަސް، އޭނާ ވިދާޅުވި ގޮތުގައި އެއީ ވަކި ހާއްސަކަމެއް އޮވެގެން ކުރާ ކަމެއް ނޫނެވެ.

"ސްޓިކާ ޖަހާތާ 24 ގަޑިއިރު ތެރޭގައި އުޅަނދެއް ނުނަގައިފިނަމަ ޓޯ ކުރާނެ، އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކް ކުރާނަމަ، ސްޓިކާ ޖެހުމަކާ ނުލައި ޓޯ ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި މިހާރަކަށް އައިސް ސްޓިކާ ޖެހުން ސިފަ ވަނީ ދައުލަތަށް އާމްދަނީ ހޯދާ ކަމެއްގެ ގޮތުގަ އެވެ. ޕާކް ކުރާނެ ޖާގަތައް ނަހަދައި ސްޓިކާ ޖެހުމަކީ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ޕާކު ކުރާނެ ޖާގަ މާލޭގައި ގާއިމުކުރަން ފުލުހުން އިސް ނަގައިގެން ޓްރާންސްޕޯޓް އޮތޯރިޓީއާ މަޝްވަރާ ކުރަން ޖެހެ އެވެ. އަދި މާލޭގައި ޕާކް ކުރެވޭނެ ޖާގަތައް ސަރުކާރުން ހަދައި ނުދީ އާދަޔާ ހިލާފަށް ގިނައިން ސްޓިކާ ޖެހުމަކީ އިންސާފަކަށް ނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީޓާމިނަލްގެ ޕާކިން ޒޯންގައި ވެހިކަލްތަކެއް ޕާކްކޮށްފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީޓާމިނަލްގެ ޕާކިން ޒޯންގައި ވެހިކަލްތަކެއް ޕާކްކޮށްފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެކަށީގެންވާ ވަރުގެ ޖާގައެއް ނެތް ޕާކް ކުރާކަށް، ސަރުކާރުގެ ޒިންމާއެއް އެ ތަންތަން ހެދުމަކީ، ކުލި ދައްކައިގެން ވިޔަސް ޕާކް ކުރެވޭނެ ތަންތަން ގާއިމު ކުރަން ޖެހޭނެ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވަނީ އެއްގަމާ ބެހޭ ގާނޫނުގައި ރާއްޖެ އެތެރެކުރާ ވެހިކަލްތަކުގެ އަދަދެއް ކަނޑައަޅަން އޮންނައިރު، އެ ގާނޫނަށް ސަރުކާރުން އަމަލު ކުރަމުން ނުދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޓްރެފިކްގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ވެހިކަލްތަކަށް ޕާކު ކުރުމުގައި ދަތިތަކެއް ހުރުމުން ފުލުހުން ދޭތެރެ ދޭތެރެއިން އުޅަނދުތަކުގައި ސްޓިކާ ޖެހުން ވަރަށް ބޮޑަށް މަދު ކުރެ އެވެ. އެ ގޮތުން ނަމާދަށް މިސްކިތަށް އަރާއިރު ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި މިހާރު ސްޓިކާ ޖެހުން ވަނީ ހުއްޓާލައިފަ އެވެ.

މާލޭގައި ދުއްވާ އުޅަނދުތައް އިންތިހާ އަށް އިތުރުވެފައިވާތީ އެ އުޅަނދުތައް ޕާކު ކުރާނެ ތަނެއް ނުލިބެ އެވެ. އަދި ގަވައިދާ ހިލާފަށް ސްޓިކާ ޖަހައިގެން ކޮންމެ ފަހަަރަކު ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެ އެވެ. ޕާކު ކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ދަނީ މެކޭނިކަލް ޕާކިން ސިސްޓަމްތައް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.