Roadha Mihaaru
މި މަހު 2832 ސްޓިކާ ޖެހި

މި މަހު 2800 އަށް ވުރެ ގިނަ ސްޓިކާ ޖެހި

27 އޮކްޓޯބަރ 2019

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 2800 އަށް ވުރެ ގިނަ ވެހިކަލުގައި މި މަހު ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 2800 އަށް ވުރެ ގިނަ ވެހިކަލުގައި މި މަހު ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓްރެފިކް ފުލުހުން އަންނަނީ ކޮންމެ ހަފްތާއަކު އެތަނުން ކުރަމުން އަންނަ މަސައްކަތުގެ ތަފާސް ހިސާބު އާންމުކުރަމުންނެވެ. މި މަހުގެ މިހާތަނަށް ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 2832 ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖެހި އެވެ.

މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 763 ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖެހި އިރު، އޭގެ ކުރީ ހަފްތާގައި އެތަނުން ވަނީ 852 ވެހިކަލެއްގައި ސްޓިކާ ޖަހައިފަ އެވެ. މި މަހުގެ 13 ވަނަ ދުވަހު ފުލުހުން އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި އެތަނުން ވަނީ 759 ވެހިކަލެއްގައި ސްޓިކާ ޖަހާފަ އެވެ. އަދި މިދިޔަ މަހުގެ 28 އިން ފެށިގެން މި މަހު ހަތަރަކާއި ހަމައަށް 458 ވެހިކަލެއްގައި ސްޓިކާ ޖެހި ކަމަށް ވެސް ދައްކަ އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއް

ގަވާއިދާ ހިލާފަށް ޕާކު ކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެހެންވެ އެންމެ ބޮޑު ޖޫރިމަނާއެއްގެ ގޮތުގައި 2.1 މިލިއަން ރުފިޔާ މިމަހު ލިބޭނެ ކަމަށް ބެލެވެ އެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 48 ވެހިކަލެއް މިދިޔަ ހަފްތާ ޓޯ ކުރި ކަމަށް ވެސް ފުލުހުން އާންމު ކުރި ހިސާބުތަކުން ދައްކަ އެވެ. އަދި މިދިޔަ ހަފްތާ 41 އެކްސިޑެންޓު ހިނގި ކަމަށާއި އެ އެކްސިޑެންޓުތަކުގައި 11 މީހަކަށް އަނިޔާވި ކަމަށް ވެސް އެތަނުން ބުންޏެވެ. އޭގެ ކުރީ ހަފްތާގައި ހިނގާފައި ވަނީ 44 އެކްސިޑެންޓެކެވެ.

މިދިޔަ ހަފްތާ 819 ވެހިކަލެއް އެތަނުން ބަލާ ފާސްކުރި އެވެ. އޭގެ ތެރެއިން ލައިސެންސް ނެތި ސައިކަލު ދުއްވި 111 މީހަކާއި ލައިސެންސް ކާޑު ނުލާ ދުއްވި 53 މީހަކު ހިފެހެއްޓި ކަމަށް ފުލުހުން ބުންޏެވެ. އަދި ލައިސެންސްގެ މުއްދަތު ހަމަވެފައިވާ ދެ މީހަކު ހިފެހެއްޓި ކަމަށް ވެސް އެތަނުން ބުންޏެވެ.