Roadha Mihaaru
ރޯދަމަހާ އެކު މާލޭގެ ޓްރެފިކް ބޮއްސުންލައިފި

ރޯދަމަހާ އެކު މާލޭގެ ޓްރެފިކް ބޮއްސުންލައިފި

10 މާޗް 2024

ވެހިކަލްތައް ތޮއްޖެހި ރޭ މަޖީދީ މަގު ހުއްޓުމަކަށް އަޔެވެ. ކާރާއި ސައިކަލާއި ޕިކަޕުތަކަށް ކުރިއަށް ދެވޭނެ ގޮތެއް އަދި ފަހަތަށް ޖެއްސޭނެ ގޮތެއް ވެސް ނުވި އެވެ. ވެހިކަލްތައް މަގުގައި ތާށިވެ، ބަރުގޮނު އަޅާލައަޅާލަ އެތައް އިރެއް ވަންދެން މަޑުކޮށްގެން ތިބެން ޖެހުނީ އެވެ. ފައިމަގުގައި އުޅުނު މީހުންނަށް ހިރިލެވޭނެ ޖާގަ ވެސް ނުލިބުނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއީ މިހާރު ކޮންމެއިރަކު ވެސް މާލޭގެ މަގުތަކުގެ އާންމު ހާލަތެވެ.

ރޯދަމަހުގެ ވިޔަފާރިއަށް ގިނަ ބަޔަކު ނުކުމެ އުޅޭތީއާ އެކު މި ދުވަސްވަރު މަގުތަކަށް ވަކިން ބާރުބޮޑެވެ. މަޖީދީމަގާއި ބާޒާރުމަތީގައި އާދަޔާ ހިލާފަށް ޓްރެފިކް ބާރުބޮޑެވެ.

މަޖީދީ މަގު ހުއްޓުމަކަށް އައީ ވެސް ވިޔަފާރިކުރަން ގިނަ ބަޔަކު ނުކުމެ އުޅުނު ވަގުތުގަ އެވެ. އެ މަގުގެ ޓްރެފިކް ފްލޯ ފުލުހުންނަށް ވެސް ރޭ ކޮންޓްރޯލް ނުކުރެވި، ހާލަތު ބޮއްސުންލައިގެން ދިޔައީކަން ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯތަކުން އެ ހުރީ ފެންނާށެވެ.

ޓްރެފިކް ފްލޯ މޮނީޓާ ނުކުރެވުމާއި ހަމައެއް ލަމައެއް ނެތި ދުއްވާ މީހުންނާއި މަގުގެ ދެފަރާތުގައި ޕާކު ކޮށްފައި އޮންނަ ވެހިކަލްތަކާ އެކު މާލޭގެ މަގުތަކަކީ މިހާރު "ބޮޑު ބޮލުރިހުމެކެވެ".

ބޮޑުތަކުރުފާނު މަގުގައި އެއްކޮޅުން އަނެއްކޮޅަށް ކާރު ޕާކުކޮށްފައި: ރޯދަމަހާ އެކު މާލޭ މަގުތަކުގެ ޓްރެފިކް ވަނީ އިތުރަށް ބާރުބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތަކުރުފާނު މަގުގައި އެއްކޮޅުން އަނެއްކޮޅަށް ކާރު ޕާކުކޮށްފައި: ރޯދަމަހާ އެކު މާލޭ މަގުތަކުގެ ޓްރެފިކް ވަނީ އިތުރަށް ބާރުބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މީހަކު ހިތަށް އެރި ގޮތަކަށް، އެ މީހަކަށް ފަސޭހަ ގޮތަކަށް މަގުތަކުގައި ޕާކްކޮށްލަނީ އެވެ. ދެން އެ މަގުން ދުއްވާ އެއްޗަކަށް ބެލުމެއް ނެތެވެ.

މާލޭގެ ޓްރެފިކް ހާލަތު ގޯހުން ގޯހަށް ގޮސް މީހުން ރުޅިގަދަވާން ފެށުމުން ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތައް ޓޯކުރަން ސަރުކާރުން ނިންމި ނަމަވެސް އޭގެ ނަތީޖާއެއް އަދިވެސް ނުފެނެ އެވެ. އެ މަސައްކަތް ކުރާ ތަން ވެސް ނުފެންނަނީ އެވެ. ގަވާއިދާ ހިލާފަށް ޕާކު ކުރާ މީހާ އަދިވެސް އެކަމުގަ އެވެ. ޖެހުނު ތަނެއްގައި ޕާކު ކޮށްފައި ދަނީ އެވެ.

ސަރުކާރާއި ފުލުހުންނަށް އެޅޭ، ނަތީޖާއެއް ފެންނާނެ އެއްވެސް ފިޔަވަޅެއް ނެތެވެ. ޓްރެފިކް މަތަކުރަން އެކި ދިމަދިމާލުން މަގުތައް ހުޅުވައި ރިބަންފަށް ކެނޑިޔަސް ވާ މޮޅެއް ނެތެވެ.

މާލެއަށް ވެހިކަލް އަރުވަން ސަރުކާރުން އޮތީ ތަންމިނަށް ދޫކޮށްލައިފަ އެވެ. އެހެންވެ، ވެހިކަލްތައް ޕާކު ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖަހައި ޓޯކުރެވިދާނެތޯ ސުވާލު އުފެއްދުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ބައެއް މީހުން ބުނާ ގޮތުގައި، މިއީ އާންމުން ފަރުދީ ޒިންމާ އަދާނުކުރުމަށް ވުރެ ބޮޑަށް ސަރުކާރުގެ ސިޔާސަތުގެ ފެއިލްވުމެކެވެ. ސަބަބަކީ ސްޓިކާ ޖަހައިގެން މި މައްސަލަ ހައްލު ނުވާނީ އެއީ ސިޔާސީ ގޮތުން އަބަދުވެސް މާފުވާ އެއްޗަކަށް ވުމާއި ޓޯ ކުރުމަކީ މިހާރު މި އޮތް ހާލަތުގައި ފުލުހުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވާތީ އެވެ. މިއީ ވެހިކަލްގެ ލިމިޓެއް ކަނޑަނޭޅުމުގެ ހިތި ނަޖީތާ އެވެ.

ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުން މި ސަރުކާރުން ހުއްޓާލީ ޕާކިން ބިލްޑިންތައް ނާޅައި އެ ފިޔަވަޅު އަޅަން ބޭނުން ނުވާތީ އެވެ. އެ މަސައްކަތް އެންމެ އަވަހަށް ވެސް ފަށަން އޮތީ އަންނަ މަހު އެވެ. މާނައަކީ އެކަން ފަށައި ނިމެންދެން ތިބެންވީ ހަމަ ބަލަހައްޓައިގެން ހެއްޔެވެ؟ އެ މީހަކު ޖެހުނު ތަނެއްގައި ޕާކު ކުރިޔަސް ގާނޫނު ތަންފީޒު ނުކޮށް ތިބެންވީ ހެއްޔެވެ؟