Roadha Mihaaru
ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިންޑިއާ އަށް

ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިންޑިއާ އަށް ފުރާވަޑައިގެންފި

21 އެޕްރީލް 2019

އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ގެ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ގެ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދު ވިދާޅުވީ އިންޑިއާގެ ކްރިކެޓް ބޯޑުގެ ދައުވަތަކަށް ރައީސް އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އިންޑިއާ ސަރުކާރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.

ރައީސްގެ އަރިހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވާނެ އެވެ.

"ރައީސް ބައްދަލު ކުރައްވާނެ އިންޑިއާގެ ކްރިކެޓް ބޯޑުގެ ސީއީއޯއާ، އަދި ކްރިކެޓް ދަނޑެއް ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާތީ އެކަމާ ބެހޭ މަޝްވަރާތައް ވެސް ކުރިއަށްދާނެ،" ހޫދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލެއްވުމަށް ހަމަޖެހިފައި ވަނީ އައިޕީއެލްގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އާއި ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗެވެ.

ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އަދި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްރިކެޓް ލީގު އޮންނަ އިންޑިއާ އިން ދާދިފަހުން ވަނީ ރާއްޖެއާ ގުޅިގެން 'މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ނަމުގައި ހާއްސަ މެޗުތަކެއް ބާއްވައިފަ އެވެ. އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޔުވްރާޖް ސިންގް ހިމެނޭ އެއާ އިންޑިއާގެ ޓީމް މާލެ އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމަކާއި ގައުމީ ކްރިކެޓް ޓީމާ ދެކޮޅަށް މެޗެއް ކުޅުނެވެ.

މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމަނިކުފާނު ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވާ ގޮތަށް އިންޑިއާގެ ވެރިންނާ ބައްދަލުކުރެއްވި އެވެ.