Roadha Mihaaru

ސިޔާސީ ފުރައްސާރަ އަށް ރާއްޖެ-އިންޑިއާގެ ގުޅުން ނުގުޑާނެކަން މޯދީގެ ދަތުރުފުޅުން ހާމަވޭ: އިބޫ

ސިޔާސީ ގޮތުން ކުރާ ޖެއްސުމަކާއި ފުރައްސާރައިން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ރަހުމަތްތެރިކަމަށް ބުރޫ ނާރާނެކަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުން ހާމަވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މޯދީގެ ދަތުރުފުޅާއެކު ގުޅުން އާ ހަރުފަތަކަށް ގެންދާނެ

ސިޔާސީ ގޮތުން ކުރާ ޖެއްސުމަކާއި ފުރައްސާރައިން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ރަހުމަތްތެރިކަމަށް ބުރޫ ނާރާނެކަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުން ހާމަވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މޯދީ މާދަމާ ހެނދުނު ރާއްޖެ އަށް ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅާ ގުޅޭގޮތުން، ކުރީގެ ރައީސް އިބޫ ނެރުއްވި ބަޔާނެއްގައި ވަނީ، ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުން، މޯދީއަށް ދައުވަތު އެރުވިކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

އަދި ދެ ގައުމުގެ ގުޅުމަށް ގޮންޖެހުން ބޮޑު ދުވަސްވަރެއްގައި، މޯދީ ރާއްޖެ އަށް ވަޑައިގެންނެވުމަށް ނިންމެވުމަކީ، ދިވެހި ރައްޔިތުންނަށް އިންޑިއާ އިން ކުރާ އިހުތިރާމާއި ގަދަރު ސާބިތުކޮށްދޭ ކަމެއްގެ ގޮތުގައި އިބޫ ސިފަކުރެއްވި އެވެ.

އެ ބަޔާނުގައި އިބޫ ވިދާޅުވީ، ސިޔާސީ ގޮތުން ޖެއްސުމާއި ފުރައްސާރަ ކުރުމުގެ ތެރެއިން ވެސް މޯދީ ރާއްޖެއަށް ވަޑައިގެންނެވުމަކީ، ޒަމާނުއްސުރެ އޮތް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ރަހުމަތެރިކަން ގުޑުވައިނުލެވޭނެކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

"މޯދީގެ މި ދަތުރުފުޅު ވަރަށް ކާމިޔާބު ދަތުރުފުޅަކަށް ވާނެ ކަން އަޅުގަނޑު ޔަގީންކުރަން، އަދި މި ދަތުރުފުޅުގެ ސަބަބުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން މުޅިން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ޝައްކެއް ނުކުރަން،" އިބޫ ވިދާޅުވި އެވެ.

މި ދަތުރުގައި ރައީސް މުއިއްޒާއި މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.

އޭގެ އިތުރުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ތަކުގައި ސޮއިކުރެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއީ މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވި ފަހުން ގައުމެއްގެ ވެރިއަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރެވެ.