27 މެއި 2021
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމު ކުރަން އެ ގައުމުގެ ސަރުކާރުން ނިންމުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ތަފާތު ކަމެކެވެ. އެކަމަށް ރާއްޖެ އިން ހުއްދަ ދީފި ނަމަ އެއީ ބޭރު ގައުމެއްގެ ޑިޕްލޮމެޓިކް މިޝަނެއް ވެރިރަށް މާލެ ފިޔަވައި އެހެން ރަށެއްގައި ހުޅުވާ ފުރަތަމަ ފަހަރެވެ. އަނެއް ކަމަކީ ރާއްޖެ-އިންޑިއާގެ ގުޅުން މިހާރު ކިތަންމެ ވަރުގަދަޔަސް އެ ގުޅުމާ މެދު އެއްބަޔަކު ކުރާ ޝައްކުގެ ތެރެއިން ބޮޑެތި ހިޔާލު ތަފާތުވުންތަކާއި ބަހުސްތައް ވެސް ގިނަ ވާނެ ކަމެކެވެ. މިހާރު ވެސް އެ ބަހުސް ވަނީ ފަށައިފަ އެވެ. އެއްކޮޅާއި ދެކޮޅު ވާހަކަތައް ވަރަށް ގިނަ އެވެ. އެކަމާ ދެކޮޅަށް އެއްބަޔަކު ބޮޑު ކެމްޕެއިނެއް ފަށައިފި އެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމު ކުރަން އެ ގައުމުގެ ސަރުކާރުން ނިންމުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ތަފާތު ކަމެކެވެ. އެކަމަށް ރާއްޖެ އިން ހުއްދަ ދީފި ނަމަ އެއީ ބޭރު ގައުމެއްގެ ޑިޕްލޮމެޓިކް މިޝަނެއް ވެރިރަށް މާލެ ފިޔަވައި އެހެން ރަށެއްގައި ހުޅުވާ ފުރަތަމަ ފަހަރެވެ. އަނެއް ކަމަކީ ރާއްޖެ-އިންޑިއާގެ ގުޅުން މިހާރު ކިތަންމެ ވަރުގަދަޔަސް އެ ގުޅުމާ މެދު އެއްބަޔަކު ކުރާ ޝައްކުގެ ތެރެއިން ބޮޑެތި ހިޔާލު ތަފާތުވުންތަކާއި ބަހުސްތައް ވެސް ގިނަ ވާނެ ކަމެކެވެ. މިހާރު ވެސް އެ ބަހުސް ވަނީ ފަށައިފަ އެވެ. އެއްކޮޅާއި ދެކޮޅު ވާހަކަތައް ވަރަށް ގިނަ އެވެ. އެކަމާ ދެކޮޅަށް އެއްބަޔަކު ބޮޑު ކެމްޕެއިނެއް ފަށައިފި އެވެ.
އަައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ އެމްޑީޕީގެ ބާރު އޮތް މި ސަރުކާރާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން އައްޑު އަށް އެ ގައުމުގެ ނުފޫޒު އިތުރުކުރުމާއި ބާރުގަދަ ކުރުން ކަމަށް އެއް ބަޔަކު ދެކޭއިރު، އިންޑިއާއާ އެއްކޮޅުގެ ވިސްނުމުގައި ނަމަ އޭގެ ފައިދާ ވަރަށް ބޮޑުވާނެ އެވެ. އިންޑިއާގެ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި ބޮޑެތި އިންވެސްޓްމަންޓުތައް ދެކުނު ސަރަހައްދަށް ގެންދިއުމަށް އެ ކޮންސިއުލޭޓުން މުހިންމު ދައުރެއް އަދާކުރާނެ ކަމށް އެއް ބަޔަކު ދެކެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމުން ދެ ގައުމުގެ ވިޔަފާރި އެ ސިޓީގައި ފުޅާކޮށް، އިންވެސްޓްމަންޓްތައް ގެންނަން މަގުފަހިވާނެ އެވެ. އެއާއެކު އައްޑޫގައި ތިބެގެން އިންޑިއާގެ ވިސާ ލިބޭނެ ފުރުސަތަކަށް އެކަން ވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އެހެންވެ، އަސްލަމްގެ ތާއީދު އިންތިހާ އަށް އެކަމަށް އެބައޮތެވެ.
އައްޑޫގެ އާ މޭޔަރު އަލީ ނިޒާރު ވިދާޅުވިގޮތުގައި، އޭނާ އަދި ސިޓީ ކައުންސިލުން ވެސް މިކަމުގައި ގެންގުޅެނީ މާ ފުޅާ ވިސްނުމެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އައްޑޫގެ އާ މޭޔަރު ނިޒާރު ކުރިން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން: އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރަން ނިޒާރު ތާއީދު ކުރައްވާ.
"އެހާ ހަނިކޮށް މިކަމުގައި ވިސްނައިގެން އައްޑު އާއި މި ސަރަހައްދުގެ ތަރައްގީ އަށް ބަލާއިރު ފައިދާއެއް ވާނެ ކަމަކަށް އަޅުގަނޑު ޔަގީނުން ވެސް ނުދެކެން. އަޅުގަނޑުމެން ވާކަށް ނެތިން އައްޑޫ ސިޓީ އަށް ލިބޭ ތަރައްގީގެ ފުރުސަތުތައް ނަގާލާ ބަޔަކަށް. މޭޔަރު ވެސް އެހެން ވެގެން ނުވާނެ. އަޅުގަނޑުގެ ފުރިހަމަ ތާއީދު އޮންނާނެ ކޮންސިއުލޭޓް ގާއިމުކުރަން،" މި މަހުގެ 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި އާ މޭޔަރު ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަކީ މިފަދަ ޑިޕްލޮމެޓިކް އިތުރު މިޝަންތައް އެ ސިޓީގައި ހުޅުވަން ވެސް ފަހިވާނެ ކަމެކެވެ.
"އިންޑިއާ އެކަންޏެއް ނޫން. ޗައިނާ ވިޔަސް ފްރާންސް ވިޔަސް އެ ގައުމުތަކުގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަކީ އައްޑޫގެ ތަރައްގީއާ ގުޅޭ ކަމެއް. އައްޑޫ ގަމުން އިންޓަނޭޝަނަލް ދަތުރުތައް ކުރާއިރު، އެހެން ގައުމުތަކުގެ ކޮންސިއުލޭޓް ނުވަތަ އެމްބަސީއެއް ހުރެއްޖެ ނަމަ އޭގެ ފަސޭހަކަން ލިބޭނީ ހަމަ އައްޑޫގެ ރައްޔިތުންނަށް. އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަކީ އައްޑު އާއި ފުވައްމުލަކާއި ހުވަދޫގެ ތަރައްގީ އާ މަރުހަލާއަކަށް ގެންދިއުމުގެ ފެށުން،" ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ނިޒާރު ވިދާޅުވި އެވެ.
"މާދަމާ ވެސް އަޅުގަނޑުމެންނަށް އެހެން ގައުމުތަކުގައި ބުނެވޭނެ އިންޑިއާގެ ކޮންސިއުލޭޓެއް ވެސް އައްޑޫގައި އެބަހުއްޓޭ. ތިޔަ ބޭފުޅުންނަށް ވެސް އެ ފުރުސަތު އެބައޮތޭ. މިތަން ހުޅުވުމުން އެހެން ގައުމުތަކުގެ ކޮންސިއުލޭޓްތައް ވެސް އައްޑޫގައި ހުޅުވަން ޝައުގުވެރިވާނެ."
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރަތިޝް "މިހާރު" އަށް ވިދާޅުވީ، އައްޑޫގައި ކޮންސިއުލޭޓް ގާއިމުކުރިޔަސް އެ މިޝަނުގެ ހިދުމަތް އެ ސިޓީގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅަށް ވެސް ލިބޭނެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތާއި ޕޮލިސް ކޮމިޝަނަރު ހަމީދު ވާހަކަ ދައްކާލައްވަނީ.---ފޮޓޯ: މިހާރު
"އަޅުގަނޑުމެން މި ކޮންސިއުލޭޓް ޓާގެޓް ކުރަނީ މުޅި ދެކުނު ސަރަހައްދަށް. އައްޑު އާއި ފުވައްމުލަކާއި ހުވަދު އަތޮޅަށް މި ކޮންސިއުލޭޓް ފޯކަސް ކުރާނީ. މިއީ ވިޔަފާރީގެ ރޮނގުން އެ ސަރަހައްދަށް އިންޑިއާގެ އިންވެސްޓްމަންޓުތައް ގެންދަން ވެސް ލިބޭނެ ފަހި ފުރުސަތެއް. އަޅުގަނޑުމެން ދެ ގައުމުގެ ގުޅުމުގެ ތެރެއިން ތަރައްގީގެ އާ މިސްރާބަކަށް މިތަނުން މަސައްކަތް ކުރާނެ،" ރޯހިތު ވިދާޅުވި އެވެ.
ކޮންސިއުލޭޓް ހުޅުވުމާ ގުޅޭ ގޮތުން ދިވެހިންގެ ވިސްނުން ހުރި ގޮތާ މެދު ވަކި އެއްޗެއް ވިދާޅުވާކަށް އޭނާ ބޭނުމެއް ނޫނެވެ.
"ލަންކާގައި ވެސް އަޅުގަނޑުމެންގެ ކޮންސިއުލޭޓް ހުރޭ. އެގޮތަށް ކަންކަން ފަސޭހައަކަށް ގެންދަން ކުރާ ކަމެއް މިއީ. ދިވެހި ސަރުކާރުގެ ހުއްދަ ލިބުމުން ނޫނީ ކޮންސިއުލާ އޮފީހެއް އައްޑޫގައި ނުހުޅުވާނެ،" ރޯހިތު ވިދާޅުވި އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ޗެއާ ކުރެއްވި ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ. ދެން އޮތީ ދިވެހި ސަރުކާރުގެ ހުއްދަ ހޯދުމެވެ. ވިއެނާ ކޮންވެންޝަންގައި ވާ ގޮތުން ނަމަ ގައުމެއްގައި އެމްބަސީ ނުވަތަ ޑިޕްލޮމެޓިކް މިޝަނެއް ހުޅުވުމުގެ ކުރިން އެ ގައުމުގެ ކެބިނެޓުން ނުވަތަ ސަރުކާރުން އެކަމެއް ފާސްކުރަން ޖެހެ އެވެ. އެ މިޝަނެއް ގާއިމްކުރާ ގައުމުގެ ސަރުކާރުގެ ހުއްދަ އަށް އެކަމުގައި އެދޭނީ އޭގެ ފަހުންނެވެ.
"ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރަން ދިވެހި ސަރުކާރުން ވެސް ނިންމީ ހަމަ އެގޮތަށް. ފުރަތަމަ ދިވެހި ސަރުކާރުން އެކަން ނިންމައި ފާސްކޮށްފައި ދެން ސައޫދީ ސަރުކާރުގައި ދެންނެވީ. އިންޑިއާގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓެއް ވެސް ހުޅުވުމުގައި އަމަލުކުރީ އެހެން. އެއީ ވިއެނާ ކޮންވެންޝަންގެ ދަށުން އެކަން ކުރަންޖެހޭ ގޮތް،" ދިވެހި ޑިޕްލޮމެޓަކު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިއިރު، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމްކުރަން އެ ގައުމުގެ ކެބިނެޓުން ނިންމި ނަމަވެސް ދިވެހި ސަރުކާރަށް އެކަން ނޭނގޭ ކަމަށް ދޭހަވާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ރޭ ވިދާޅުވުމުން ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ދިވެހި ސަރުކާރުގެ އެއްވެސް ބަހެއް ނެތި، ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން ނިންމުމުން ދޭހަވަނީ އެ ގައުމުގެ ނުފޫޒު އޮތް ވަރު ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.
ނަމަވެސް "މިހާރު" އާ ވާހަކަ ދެއްކެވި ޑިޕްލޮމެޓް ވިދާޅުވީ، ގައުމަކުން އެފަދަ ނިންމުމެއް ނިންމައިފި ނަމަ އަނެއް ގައުމުން އެކަމާ އާންމުކޮށް އެއްބަސްވާނެ ކަމަށެވެ.
"މިސާލަކަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުންނާތީ، އެ ގައުމަށް ނިންމިދާނެ އެ ބޭފުޅުންގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވަން. އެ ގައުމަކުން އެކަން ނިންމާފައި އެކަން އެންގީމާ އަނެއް ގައުމުގެ ސަރުކާރުން އެޕްރޫވް ކުރާނީ. އެއީ ޑިޕްލޮމެޓިކް ދާއިރާގައި ކަން ހިނގާ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމާ ދެކޮޅު މީހުންގެ އޮތީ އެންމެ މައްސަލަ އެކެވެ. މި ސަރުކާރާ ގުޅިގެން އިންޑިއާ އިން ހިންގާ "އަޑި ނޭނގޭ" ކަންތައްތަކެއްގެ ތުހުމަތެވެ. އިންޑިއާގެ ނުފޫޒު ރާއްޖެ އަށް ގަދަކޮށް، އައްޑޫ "އަތްދަށުލުން" އެއީ މައިގަނޑު ބޭނުން ކަމަށް އެ މީހުން ދެކެ އެވެ. ޗައިނާގެ ބަދަލުގައި އިންޑިއާގެ ގުޅުން މި ސަރުކާރުން މާ ވަރުގަދަ ކޮށްފައިވާތީ، ޝައްކުގެ ނަޒަރުން ބަލާ އެތައް ބަޔަކު އެބަތިއްބެވެ.
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި އެއް ހެލިކޮޕްޓަރު އައްޑޫގައި ބާއްވާފައި ވުމާއި އެ ބެލެހެއްޓުމަށް އެ ސިޓީގައި އިންޑިއާގެ ސިފައިން ތިބުމާއި އިންޑިއާ އިން އައްޑޫގައި ފުލުހުންގެ ޓްރެއިނިން ސްކޫލެއް ހަދައި ދިނުމަކީ އަބަދުވެސް ސުވާލު އުފައްދާ ކަންކަމެވެ.
"އަޅުގަނޑުމެންނަށް ސާފުވާން ޖެހޭ ކޮން ކަމެއްތޯ ކުރަން މިއުޅެނީ. ގިނަ ބަޔަކަށް މި ވިސްނެނީ ކުރަން މިއުޅޭ ކަމަކީ އިންޑިއާގެ އަތްދަށަށް ރާއްޖެ ގެނެސް، ބާރުގަދަ ކުރުމަށޭ. ކަންކަން ފެންނަ ގޮތަށް ބަލާއިރު މަންޒަރު ސާފެއް ނޫން. އިންޑިއާގެ މަގުސަދާ މެދު ބައެއް މީހުން ސުވާލު އުފައްދަނީ އެހެންވެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާގައި ހުންނެވި ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮންސިއުލޭޓެއް ހުޅުވުމުގެ ބޭނުމަކަށް ވާނީ އައްޑޫގައި ނުވަތަ އެ ގައުމެއްގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް ކޮންސިއުލާ ހިދުމަތް ދިނުން ކަމަށެވެ. ޓްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓެއް ހުޅުމުގެ ބޭނުން މިސާލަކަށް ނަންގަވަމުން އަހުމަދު ވިދާޅުވި ގޮތުގައި، އެ ގައުމުގައި ދިވެހިންގެ ގިނަ ބަޔަކު ތިބުމުން މުޅިން ވެސް ދެނީ ކޮންސިއުލާ ހިދުމަތްތަކެވެ.
"ޓްރިވެންޑްރަމްގައި ގިނަ ދިވެހިންތަކެއް އުޅޭތީ ވީހާ ވެސް ގާތުން ހިދުމަތް ދޭން އެ ތަނުގައި ކޮންސިއުލޭޓެއް ރާއްޖެ އިން ހުޅުވީ. އެކަމަކު، ސުވާލަކީ އައްޑޫގައި އެހާ ވަރަށް އިންޑިއާގެ މީހުން އެބައުޅޭތޯ؟ ނޫނީ މަދު އާބާދީއެއް މިހާރު އުޅޭއިރު، ޕްލޭނަކީ އިންޑިއާގެ ގިނަ ބަޔަކު އައްޑު އަށް ގެންދިއުންތޯ؟ އިންޑިއާގެ ވިޔަފާރި އައްޑު އަށް ޕްރޮމޯޓް ކުރާ ވާހަކަ ދައްކާއިރު، ޕްރޮމޯޓް ކުރަން މިއުޅެނީ ކޮން ވިޔަފާރިއެއްތޯ؟. މި ސުވާލުތަކުގެ ޖަވާބު ދިވެހި ސަރުކާރުން ވެސް ދޭންޖެހޭ،" އަހުމަދު ވިދާޅުވި އެވެ.
"އިންޑިއާގެ މަދު ރައްޔިތުންތަކެއް އައްޑޫގައި އުޅޭއިރު ކޮންސިއުލޭޓެއް ގާއިމުރަންޖެހޭ ސަބަބެއް އަޅުގަނޑަކަށް ހަމަ ނުވިސްނޭ."
ގިނަ ބަޔަކަށް މި ވިސްނެނީ ކުރަން މިއުޅޭ ކަމަކީ އިންޑިއާގެ އަތްދަށަށް ރާއްޖެ ގެނެސް، ބާރުގަދަ ކުރުމަށޭ. ކަންކަން ފެންނަ ގޮތަށް ބަލާއިރު މަންޒަރު ސާފެއް ނޫން. އިންޑިއާގެ މަގުސަދާ މެދު ބައެއް މީހުން ސުވާލު އުފައްދަނީ އެހެންވެ،" ---އަންޑޭ
އައްޑޫގައި އިންޑިއާގެ ކޮންސިއުލާއެއް ހަދަނީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)" ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވާތީ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ. އެ ކޮންސިއުލާ ހުޅުވުމާއެކު، އައްޑޫން ސީދާ އިންޑިއާ އަށް ދާން ބޭނުންވާ މީހުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އިންޑިއާގެ ސަރުކާރުން ބުނެފައި ވެ އެވެ.
އައްޑޫގައި އުޅޭ އިންޑިއާގެ އާބާދީއެއް ހައި ކޮމިޝަން އަދި އައްޑޫ ސިޓީ ކައުންސިލަށް ވެސް ސާފެއް ނޫނެވެ. މޭޔަރު ވިދާޅުވި ގޮތުން ނަމަ އިންޑިއާގެ މީހުންގެ އާބާދީ އައްޑޫގައި 500 އާ ގާތްކުރާނެ އެވެ. އެކަމަކު، އެއީ ލަފާކުރާ އަދަދެކެވެ.
ރާއްޖެ-އިންޑިއާގެ ގުޅުމުގެ "ނުރައްކަލާ" މެދު އަބަދުވެސް ކަންބޮޑުވާ އެއް ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލާ އޮފީހެއް ގާއިމުކުރަން ނިންމުމުން އެހެންވެ، އުމަރު މާ ބޮޑަށް ހައިރާނެއް ނުވެ އެވެ. ވިދާޅުވީ، އިންޑިއާ އިން ރާއްޖޭގެ އެތެރެއަށް ވަންނަމުން ދިއުމަކީ ދިވެހިންގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލުކުރަން ދަތިވެފައި ތިބި މަދު މީހުންނަށް، އިންޑިއާ ކުރަހާ ބޮޑު މަންޒަރު މިހާރު ސާފުވާނެ ކަމަށެވެ.
"އެ މީހުންގެ ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތަކާއި އެ މީހުންގެ ސިފައިންނާއި ރާޑަރު ސްޓޭޝަންތަކާއި މިލިޓަރީ ބޭސްއެއްގެ ގޮތުގައި ބޭނުން ކޮށްލެވޭ ފެންވަރަށް ހަދަމުންދާ ތަމްރީނު މަރުކަޒާއި އެ މީހުންގެ ކޮންސިއުލޭޓް އޮފީސްތަކާއި ރާއްޖޭގެ އެތައް ސަރަހައްދަކަށް މި ފަތުރާލަނީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންގެ ދޫތައް ބަންދުކުރުމަށް ފަހުގަ އެވެ،" އުމަރުގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވެ އެވެ.
އުމަރު ނަސީރު: އިންޑިއާގެ ބާރު މުޅި ރާއްޖެ އަށް ފަތުރައިލަނީ ދިވެހި ސިޔާސީ ލީޑަރުންގެ ދޫތައް ބަންދުކޮށްފައި ކަމަށް އޭނާ ވިދާޅުވި---ފައިލް ފޮޓޯ: މިހާރު
އޭނާ ވިދާޅުވި ގޮތުގައި، ކޮރަޕްޓް ވެރިންތަކެއްގެ އަތްދަށުގައި ގާއިމު ތާށިވެއްޖެ ނަމަ ކޮންމެ ފަދަ ނިކަމެތި ކަމެއް ވެސް ދިމާވެދާނެ އެވެ.
ދިވެހި ހަރުބަހަކާ ހަވާލާ ދެއްވައި އުމަރު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން، އިންޑިއާ އަށް ބޮނޑި ނަރެއްހާ ތަން ވެސް ދޫކޮށްނުލަނީ ސަބަބުތަކެއް ހުރެ އެވެ.
އޭނާ އެ ވިދާޅުވާ ހަރުބަހުގައި އޮންނަނީ "ނަރެއްހާ ތަން ދޫކޮށްލިއްޔާ، ކެނބެއްހާ ތަން ދަމައިގަންނާނެ" ކަމަށެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމާ ދެކޮޅު ހަދާ މީހުންގެ މައްސަލައަކީ އުމަރު އެ ފާހަގަކުރައްވާ ކަންތައްތަކެވެ. ވާހަކަ ކޮންމެ ގޮތަކަށް ބަދަލުކޮށްގެން ދެއްކިޔަސް ސަބަބު ގުޅެނީ އުމަރު ވިދާޅުވާ ވާހަކަތަކާ އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމާ ދެކޮޅަށް ސޯޝަލް މީޑިއާ ކެމްޕެއިނެއް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެ ކެމްޕެއިންގައި ދަނީ ކޮންސިއުލާ އޮފީސް ހުޅުވުމާ ދެކޮޅަށް ވާހަކަ ދައްކަން، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަރިހުގައި އެދެމުންނެވެ. މޭޔަރު ނިޒާރަށް ވެސް އެކަމާ ދެކޮޅަށް ތެދުވަން މި ކެމްޕެއިންގައި ދަނީ ގޮވައިލަމުންނެވެ.
MP @Roxeyna speak against General Consulate of India to Addu! You are there from us not from MDP. Pressing yes button to all government proposals is not your job.
— Mohamed Ayyoob (@mayyoob) May 26, 2021
So to you Mayor @DhekunuNizar speak before elections you spoke against MDP policies also what happen now? #SaveAddu
އައްޑޫގައި އިންޑިއާގެ ކޮންސިއުލާ އޮފީހެއް ގާއިމުކުރުމާ ދެކޮޅަށް ހިންގާ ސޯޝަލް މީޑިއާ ކެމްޕެއިންގެ ޕޯސްޓެއް
އިންޑިއާގެ ކޮންސިއުލާ އޮފީހެއް އައްޑޫގައި ހެދުމާ ދެކޮޅު މީހުން ތުހުމަތު ކުރާ ގޮތުގައި އެ ތަން ގާއިމުކުރަނީ ހިތަދޫގައި ހަދަމުން އަންނަ ޕޮލިސް ޓްރެއިނިން ސްކޫލުގެ ގޯތިތެރޭގަ އެވެ. އެހެންވެ، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި އެއީ އަޅުވެތިވުން ކަމަށް ކެމްޕެއިންގައި ބުނެ އެވެ.
އެކަމަކު، ލިބިވަޑައިގެންފައިވާ މައުލޫމާތުގެ އަލީގައި މޭޔަރު ނިޒާރު ވިދާޅުވީ، ކޮންސިއުލާ އޮފީސް އިންޑިއާ އިން ހަދަނީ ހިތަދޫގައި މުޅިން ވަކި އިމާރާތެއްގަ އެވެ.
އައްޑޫގައި އިންޑިއާ ސަރުކާރުން ވަނީ މުހިންމު ޕްރޮޖެކްޓްތަކެއްގައި ސޮއިކޮށްފަ އެވެ. ބައެއް މަސައްކަތްތަކުގެ އަމަލީ މަސައްކަތް ވެސް ފަށައިފި އެވެ. މިހާރު ވެސް އައްޑޫގައި 200 މިލިއަން ޑޮލަރުގެ ޕްރޮޖެޓުތަކެއް އިންޑިއާ އިން އައްޑޫގައި ހިންގާއިރު އޭގެ ތެރޭގައި މަގު ހެދުމުގެ މަޝްރޫއުތަކާއި ގަން އެއާޕޯޓް އިތުރަށް ތަރައްގީކުރުން ހިމެނެ އެވެ. އަދި ގްރާންޓް ޕްރޮޖެކްޓްތަކުގެ ދަށުން މަސް ޕްލާންޓްތައް ހެދުމާއި އިކޯ ޓޫރިޒަމް ޒޯނަކާއި ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދެ އެވެ.
މީގެ އިތުރުން އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ޓްރެއިނިން ސްކޫލަށް އެކަނިވެސް 80 މިލިއަން ރުފިޔާ ހޭދަކުރެ އެވެ.
އިންޑިއާގެ އާރާއިބާރު އައްޑޫގައި ގަދަކޮށް، ކުރިމަގުގައި ނުފޫޒު އިތުރުކުރުމަކީ މި ޕްރޮޖެކްޓްތަކުގެ މައިގަނޑު ބޭނުން ކަމަށް ބުނާ ބަޔަކު ވެސް އެބަތިއްބެވެ.
އިންޑިއާ އެކަންޏެއް ނޫން. ޗައިނާ ވިޔަސް ފްރާންސް ވިޔަސް އެ ގައުމުތަކުގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަކީ އައްޑޫގެ ތަރައްގީއާ ގުޅޭ ކަމެއް. އައްޑޫ ގަމުން އިންޓަނޭޝަނަލް ދަތުރުތައް ކުރާއިރު، އެހެން ގައުމުތަކުގެ ކޮންސިއުލޭޓް ނުވަތަ އެމްބަސީއެއް ހުރެއްޖެ ނަމަ އޭގެ ފަސޭހަކަން ލިބޭނީ ހަމަ އައްޑޫގެ ރައްޔިތުންނަށް.--- މޭޔަރު ނިޒާރު
ނަމަވެސް އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވީ، ރާއްޖެ އަކީ ކުޑަ ގައުމަކަށް ވެފައި އެކި ކަހަލަ ނުފޫޒު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަކު، މުޅި ރާއްޖެ އަށް ބަލާއިރު ވެސް އިންޑިއާގެ އެހީތެރިކަން ނުލިބޭ އެއްވެސް ދާއިރާއެއް ނެތުމުން އެއީ ނުފޫޒު ފޯރުވުން ކަމަށް ބަލާ ނަމަ އެކަން އެހާ ރަނގަޅު ނޫން ކަަމށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އިންޑިއާގެ ހައި ކޮމިޝަންގެ ބޭފުޅުންނާ ވާހަކަ ދެއްކިން. އެ ބޭފުޅުން ވިދާޅުވަނީ ކޮންސިއުލޭޓަކުން ލިބޭނެ ހުރިހާ ހިދުމަތެއް މިތަނުން ދޭނަމޭ. މިހާރު ހިންގާ ޕްރޮޖެކްޓްތަކަށް ވެސް ގިނަ ލޭބަރުންތަކެއް އައްޑޫގައި މަސައްކަތް ކުރާތީ އެ ގައުމަށް ވެސް ފަސޭހަ ވާނީ އެ މީހުން މެނޭޖު ކުރާނެ ކޮންސިއުލާ އޮފީހެއް ހުރުމުން. ލޭބަރުންނަށް ވިސާ ހޯދުމާއި އިންޑިއާގެ އެގްޒިމް ބޭންކުން ބޮޑެތި ޕްރޮޖެކްޓްތަކެއް އައްޑޫގައި ހިންގާއިރު އެ ކަންކަން ފަސޭހަ އިން ގެންދަން މި ކޮންސިއުލާ އޮފީސް ބޭނުންވާ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ،" މޭޔަރު ވިދާޅުވި އެވެ.
"މި ގޮތަށް ރާއްޖެ އަށް ދޭ ކޮންމެ އެހީއަކީ ނުފޫޒު ކަމަށް ބުނާ ނަމަ އެ ލިސްޓު ވަރަށް ދިގުވާނެ. އެހެން ވިސްނާކަށް ނުވާނެ."
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި 14 މަޝްރޫއެއް
މޯދީގެ ދަތުރުގައި މުހިއްމު ދެ މަޝްރޫއު އިފްތިތާހުކުރަނީ
ރާއްޖެ-އިންޑިއާ ގުޅުމުގެ އަގު ވަޒަންކުރަން: މޯދީ
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
އުގައިލްގެ ފާޑުވިދާޅުވުން އިންޑިއާގެ ނިންމުމަށް!
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް