Roadha Mihaaru
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި 14 މަޝްރޫއެއް

އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި 14 މަޝްރޫއެއް ކުރިއަށް ގެންދަން އެއްބަސްވެއްޖެ

06 ޖޫން 2019

އިންޑިއާގެ އެހީތެރިކަމާ އެކު، ރާއްޖޭގައި 14 މަޝްރޫއެއް ކުރިއަށް ގެންދަން މިހާތަނަށް އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ. އެކަމަކު، އެ މަޝްރޫއުތަކުގެ ތަފުސީލެއް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާގެ އެހީތެރިކަމާ އެކު، ރާއްޖޭގައި 14 މަޝްރޫއެއް ކުރިއަށް ގެންދަން މިހާތަނަށް އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ. އެކަމަކު، އެ މަޝްރޫއުތަކުގެ ތަފުސީލެއް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވަނީ 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި މިދިޔަ މާޗު މަހު ސޮއިކޮށްފަ އެވެ. މި ލައިން އޮފް ކްރެޑިޓްގެ ތެރެއިން ތިން މަޝްރޫއަކަށް އިންޑިއާގެ ސަރުކާރުން މިހާތަނަށް ވަނީ އެހީވެފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދެވަނަ ދައުރަކަށް ހުވާކުރެއްވުމަށް ފަހު، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާތީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެ ގައުމުގެ މީޑިއާގައި މިއަދު ބުނި ގޮތުގައި، ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 36 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމް ކޮށްދިނުމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ.

އަދި، އިންޑިއާގެ އެހީތެރިކަމާ އެކު، އައްޑޫގައި އާބަން ޑިވެލޮޕްމެންޓް ސެންޓަރެއް އިމާރާތް ކޮށްދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އެސްއެމްއީ ފައިނޭންސިން ޕްރޮޖެކްޓެއް ވެސް އިންޑިޔާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގާނެ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެ އެވެ.

ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ހުށަހަޅާ މަޝްރޫއުތަކަށް އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނު ދޫކުރާނެ އެވެ. އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.

މިއީ، ރާއްޖޭގެ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގައި ދެ ގައުމުން އެއްބަސްވި ލޯނެކެވެ.

މޮދީ، ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއް ސޮއިކުރައްވަން ވަނީ ނިންމަވައިފަ އެވެ. އޭގެ ތެރޭގައި ސިވިލް ސާވެންޓުންނަށް ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުމަކާއި ކަސްްޓަމްސް އާއި ޝިޕިންއާ ގުޅޭ މުހިއްމު އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރައްވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވީ ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ފައިދާވާ ކަންކަމަށް އަންނަނީ މަގުފަހި ކުރަމުންނެވެ.