އައްޑޫގައި ގާއިމުކުރަން އިންޑިއާ އިން ބޭނުންވާ އެ ގައުމުގެ ކޮންސިއުލޭޓާއި އައްޑޫގެ ތަރައްގީއާ ގުޅުވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭގެ ސަބަބުން އަންނާނެ ތަރައްގީއަކާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އައްޑޫގެ ޕްރޮފެސަރު ހަސަން އުގައިލް މިރޭ ވިދާޅުވެއްޖެ އެވެ.
04 ޖޫން 2021
އައްޑޫގައި ގާއިމުކުރަން އިންޑިއާ އިން ބޭނުންވާ އެ ގައުމުގެ ކޮންސިއުލޭޓާއި އައްޑޫގެ ތަރައްގީއާ ގުޅުވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އޭގެ ސަބަބުން އަންނާނެ ތަރައްގީއަކާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އައްޑޫގެ ޕްރޮފެސަރު ހަސަން އުގައިލް މިރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ކޮންސިއޭލޭޓް ދެކޮޅަށް "ސޭވް އައްޑޫ" ގެ ނަމުގައި ފަށާފައިވާ ކެމްޕޭނުގެ ތެރެއިން ބޭއްވި ވާޗުއަލް ޕެނަލް ޑިސްކަޝަނެއްގައި އުގައިލު ވިދާޅުވީ ކޮންސިއުލޭޓާއި ތަރައްގީއާ ގުޅުވައި، އެކަމަށް ތާއީދުކުރާ މީހުން ވާހަކަ ދައްކާތީ ހައިރާން ވެސް ވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދާ ވާހަކަ ދައްކާއިރު، އެކަން ސިފަކުރެވެނީ އިސްފަސްކޮށް ކަންކަން ކުރާ އުސޫލުންނެވެ. އެހެންވެ، ކޮންސިއުލޭޓެއް ހަދަން ޖެހޭ ސަބަބު ފުރަތަމަ ސާފުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް އެ ގައުމުގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރާ އިރު އެ ގައުމުގެ ފަންސަވީސް ނުވަތަ ހަތާވީސް ހާހަކަށް މީހުން ވަދެނުކުމެ ނުވަތަ ވަޒަންވެރިވެފައި ތިބޭ ތަނަކަށް އެ ތަން ވާން އެބަޖެހޭ،" އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަސިޓީގައި މަސައްކަތް ކުރައްވާ އުގައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮންސިއުލޭޓެއްގެ އާންމު މަސައްކަތަކީ އެ ކޮންސިއުލޭޓް ނިސްބަތްވާ ގައުމުގެ މީހުންގެ ވިސާގެ ކަންކަން ހަމަޖައްސައިދިނުން ކަަމަށާއި އެ ކަހަލަ ތަނަކާއި ތަރައްގީއާ ގުޅުވެނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އެކަމަކު އައްޑު އަކީ އިންޑިއާ އިން ގިނަ އަދަދަކަށް ޓޫރިސްޓުން ދާ ތަނަކަށް ވެފައި، އެ ގައުމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް އިތުރުވާ ނަމަ އެކަމުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑަކަށް އަދިއެއް ނުފެނޭ އެ ކަހަލަ އެއްވެސް މަލަމައްޗެއް. އަދި [ތަރައްގީ] އާ ގުޅުން ހުރި ކަމެއް ވާން އުޅޭ ތަނެއް ވެސް ނުފެނޭ. އެހެންވީމާ އަސްލު އަހަރެމެންނަށް މި ދެއްކެވެނީ ކަންކަން ކުރުމުގައި އިސްފަސް ކުރެވޭ ކަހަލަ ވާހަކަތަކެއް،" އުގައިލް ވިދާޅުވި އެވެ.
"އާގިއުމަންޓަކީ ހިނގާބަލާށޭ ކަމަކަށް ތަނެއްގައި ކޮންސިއުލޭޓެއް އަޅަމާ. އެ އަށް ފަހު ބަލަމާ ހިނގާށޭ [އޭގެ ސަބަބުން] އިންވެސްޓްމަންޓްތައް އަންނަތޯ. އެ އަށް ވުރެ ކޮންސިއުލޭޓް ގާއިމު ކުރެވެނީ އެ ތަނެއްގައި އިކޮނޮމިކް އެކްޓިވިޓީ ހިނގަން ފެށީމާ. އިގުތިސާދެއް ގާއިމުކުރެވި، މި ކަހަލަ ކަންތަތަކެއް ވާން ފެށީމާ. އެހެންވީމާ ކަންތައްތައް މިހާރު ހުރި ގޮތަށް ބަލާއިރު ކޮންސިއުލޭޓެއް މި ވަގުތު ހުޅުވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނޭ."
އުގައިލް ވިދާޅުވިގޮތުގައި، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑުގައި ހަދާ ވާހަކަ ދައްކާއިރު މި ވަގުތު އައްޑޫގައި އެ ގައުމުގައި ހިންގާ ތަރައްގީގެ މާ ބޮޑެތި މަސައްކަތެއް ވެސް ނެތެވެ. އެކަމަކު 200 މިލިއަން ޑޮލަރުގެ މަޝްރޫތަކެއް ހިނގާ ކަމަށް ބުނާ އިރު، އޭގެ ސާފު އަދަދުތަކެއް ވެސް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.
"ޝޯޓް ޓާމަކަށް ވިސްނާ އިރު އެއީ ފަހަރުގައި ބޮޑު އަދަދަކަށް ވެދާނެ،" އުގައިލް ވިދާޅުވި އެވެ.
"އެކަމަކު ދިގު މުއްދަތަކަށް ބަލާ އިރު އެއީ މާ ބޮޑު އަދަދެއް ނޫން."
"އަހަރެމެން މި ތިބީ ވަރަށް ސްޓްރެޓިޖް ލޮކޭޝަނެއްގައި. އިންޑިއާ އަކީ އަހަރެމެންގެ ގާތް ރަހުމަތްތެރިއަކަށް ވާ ގޮތަށް އަވަށްޓެރި އެހެން ގައުމުތައް ވެސް އަހަރެމެންނާ ގާތް ބަޔަކަށް ވާން ޖެހޭ. އެހެންވީމަ ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވީމަ މި ވާ ގޮތަކީ އަހަރެމެންނާ ކައިރީގައި ހުރި އެހެން ގައުމުތަކަށް ވަރަށް އެހެން ކަހަލަ އަޅުގަނޑުމެންނަށް މި ދައްކާލެވެނީ."--- އުގައިލް
އޭނާ ވިދާޅުވީ، އައްޑޫގެ އާ ކައުންސިލަކާ އެކު މިހާރު އައްޑޫގެ ތަރައްގީ އަށް މުހިއްމު ގިނަ ކަންކަން ކުރަންޖެހޭ އިރު މި ވަގުތު ކޮންސިއުލޭޓެއް މާ މުހިއްމު ވެގެން އުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"ކޮންސިއުލޭޓެއް ހުރުމަކީ މުހިއްމު ކަމަކަށް ވެދާނެ. އިންޑިއާގެ ކޮންސިއުލޭޓް ވެސް އަދި އެހެން ގައުމުތަކުގެ ކޮންސިއުލޭޓް ވެސް ބަހައްޓަންވީ. އެކަމަކު އެ ބަހައްޓަން ޖެހެނީ މި ދަންނަވާ ކަހަލަ އިގުތިސާދީ ކަންތައްތަކާ އެކީގައި،" އުގެއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންސިއުލޭޓެއް ހުރެގެން ތަރައްގީވާ ވާހަކަ ދެއްކުމަކީ އެހާ ހަމަޖެހޭ ވާހަކައެއް ނޫނެވެ.
"އޭގެ ސަބަބުން އިގުތިސާދީ، އުމްރާނީ އަދި އިޖުތިމާއީ ގޮތުން ވެސް އަންނާނެ ތަރައްގީއެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ ކޮންސިއުލޭޓެއް ހަދަން މިހާރު މި އައި އާ ކައުންސިލާއި ސަރުކާރުން ވެސް ވަގުތު ނަގައިލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެހާ ބުއްދިވެރި ކަމެއް ނޫން،" އައްޑޫ ހިތަދު އަށް އުފަން އުގައިލް ވިދާޅު އެވެ.
އޭނާ ވިދާޅުވީ ތަރައްގީއަކީ ހަމަ ތިބެލާފައި ބުނެލާ އެއްޗަކުން ވާ ކަމެއް ނޫން ކަމަށާއި ދުނިޔޭގެ ގައުމުތައް ތަރައްގީވެފައި ވަނީ ދުރު ވިސްނުމާއި ޕްލޭންތަކާއި ހިސާބުތައް ހެދިގެން ކަމަށެވެ.
"ތަރަައްގީ އަކީ ހަމަ އެކަނި ބިލްޑިންގްތަކެއް ވެސް ނޫން. ބިލްޑިންގްތަކަށް ނަގާ ކޮޅަށް ޖެހިޔަސް ތަރައްގީއެއް ނުވާނެ. އަސްލު އެއްޗަކީ އިންސާނީ ތަރައްގީ އާއި ސިކުނޑީގެ ތަރައްގީ. އެއީ ވަރަށް މުހިއްމު އެއްޗެއް." އުގައިލް ވިދާޅުވި އެވެ.
"އެހެންވީމާ އިންޑިއާގެ ކޮންސިއުލޭޓެއް ހުރެގެން އައްޑޫ ތަރައްގީވާނެ ކަމަކަށް ގަބޫލެއް ނުކުރަން."
އޭނާ ވިދާޅުވި ގޮތުގައި ބަޔަކު ކިތަންމެ ގިނަ ފައިސާއެއް ދޭން ބުންޏަސް، ކޮންމެ ކޮންމެ ކަމަކީ ފައިސާއަށްޓަކައި ކޮށްދޭނެ ކަމެއް ނޫނެވެ. އެހެންވެ، އެ އަށް ވުރެ ބޮޑަށް ގައުމާއި ރައްޔިތުންގެ މަަސްލަހަތާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން މުހިއްމު ވާނެ ކަމަށް ވިދާޅުވި އެވެ.
"އަހަރެމެން މި ތިބީ ވަރަށް ސްޓްރެޓިޖް ލޮކޭޝަނެއްގައި. އިންޑިއާ އަކީ އަހަރެމެންގެ ގާތް ރަހުމަތްތެރިއަކަށް ވާ ގޮތަށް އަވަށްޓެރި އެހެން ގައުމުތައް ވެސް އަހަރެމެންނާ ގާތް ބަޔަކަށް ވާން ޖެހޭ. އެހެންވީމާ ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވީމާ ވާ ގޮތަކީ އަހަރެމެންނާ ކައިރީގައި ހުރި އެހެން ގައުމުތަކަށް ވަރަށް އެހެން ކަހަލަ އަޅުގަނޑުމެންނަށް މި ދައްކާލެވެނީ." އުގައިލް ވިދާޅުވި އެވެ.
"އެއީ ހަގީގަތުގައި އެހާ ރަނގަޅު ކަމެއް ނޫން. އެހެންވީމާ އެބަޖެހޭ ހުރިހާ ގައުމުތަކަކާ އެކީ އެއްވަރަކަށް ގުޅުންތައް ބާއްވައި އެ ބެލެންސްކުރަން."
އޭނާ ވިދާޅުވީ، ރާއްޖޭގައި މުހިއްމު އިންސްޓިޓިއުޝަންތައް ހަދަން ޖެހޭނީ ވެސް އެ ތަންތަނުގެ ބާރުވެރިކަން ދިވެހިންނަށް އޮންނަ ގޮތަށް ކަމަށެވެ.
"އޯނަޝިޕް ނަގާ ގޮތަށް އެބަޖެހޭ ކަންކަން ކުރަން. މިސާލަކަށް ޕޮލިސް އެކެޑެމީ [އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑުގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއު] ވިޔަސް އެތަނުގެ އޯނަޝިޕް ދިވެހިންނަށް އޮންނަން ޖެހޭ،" އުގައިލް ވިދާޅުވި އެވެ. "...އެހެންވީމާ މި ކަހަލަ ބޮޑެތި ބިނާތައް ވަކިން ހާއްސަކޮށް އަހަރެމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައި ހުންނަ ބިނާތަކުގެ އޯނަޝިޕް އަޅުގަނޑުމެންނަށް އޮންނަން ޖެހޭނެ."
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހެދުމާ ދެކޮޅަށް މިހާރު ވަނީ ވަރުގަދަ ހަރަކާތްތަކެއް ފަށައިފަ އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ކެމްޕެއިނާއި ޕެޓިޝަން ހެދުން ހިމެނެ އެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްކޮޅު ކަމުން އިންޑިއާގެ ނިންމުމާ ދެކޮޅު އަޑުތައް ބޮޑަށް އުފުލަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ.
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ކޮޕީއެއް މޯދީ އަށް
ރާއްޖެ އަށް އެހީވަނީ ދަރަނިވެރިކުރާކަށް ނޫން
މޯދީގެ ޖަލްސާއާ ގުޅޭގޮތުން ލީޑަރުންނާ މަޝްވަރާކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ރައީސް މުއިއްޒު އާދިއްތަ ދުވަހު އިންޑިއާ އަށް