Roadha Mihaaru
ހައިޑްރޯގްރަފީ މަސައްކަތަށް އިންޑިއާގެ އިތުރު އެހީ

ހައިޑްރޯގްރަފީ ސާވޭގެ މެޕްތައް އަޕްޑޭޓްކުރަން ވެސް އެހީ ލިބޭނެ: އިންޑިއާގެ ޑިފެންސް މިނިސްޓަރު

02 މެއި 2023

އިންޑިއާގެ އެހީގައި ރާއްޖޭގައި މިހާރު ހަދަމުން އަންނަ ހައިޑްރޯގްރަފީ ސާވޭތަކުގައި ތައްޔާރުކުރާ މެޕްތައް ކުރިއަށް އޮތް ތަނުގައި އަޕްޑޭޓްކުރުމަށް ވެސް އެ ގައުމުގެ އެހީތެރިކަން ލިބޭނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ އެހީގައި ރާއްޖޭގައި މިހާރު ހަދަމުން އަންނަ ހައިޑްރޯގްރަފީ ސާވޭތަކުގައި ތައްޔާރުކުރާ މެޕްތައް ކުރިއަށް އޮތް ތަނުގައި އަޕްޑޭޓްކުރުމަށް ވެސް އެ ގައުމުގެ އެހީތެރިކަން ލިބޭނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ރައީސް ވަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހަދަމުން އަންނަ ހައިޑްރޯގްރަފީ ސާވޭގެ ބޮޑުބައި ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތަށް އިންޑިއާ އިން ދޭ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ބުންޏެވެ.

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާ އެކު، ހައިޑްރޯގްރަފީ އެންޑް އޯޝަން އިކޮނޮމީ އެއްބަސްވުމެއްގައި ސޮއިކުރީ 2019 ވަނަ އަހަރު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހްއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހްއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫ އިގުތިސާދުގެ ސިޔާސަތަށް އެހީތެރިވެދިނުމުގެ ގޮތުން ޖުމްލަ ތިން ބުރެއްގެ ސާވޭގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މި ސާވޭގެ ދަށުން ތައްޔާރުކޮށްފައިވާ ޗާޓުތައް ދިވެހި ސަރުކާރާ ހިއްސާ ކުރައްވާފައިވާ ކަން ފާހަގަކުރައްވައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ޗާޓުތަކަށް އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ދިފާއީ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތައް އަދިވެސް ދޭނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

އިންޑިއާ އިން ވަނީ އެ ގައުމުން ރާއްޖެއަށް 2006 ވަނަ އަހަރު ހަދިޔާކުރި އަސްކަރީ އުޅަނދު "ޝިޕް ހުރަވީ"ގެ ބަދަލުގައި އެއަށް ވުރެ ފަހުގެ އަދި ވަރުގަދަ އުޅަނދެއް ހަވާލުކޮށްފަ އެވެ. ރަސްމީކޮށް އެ އުޅަނދު ދިވެހި ސިފައިންނާ ހަވާލުކުރީ މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް"ގެ ނަމުގައި ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހާއްސަ އިދާރާއެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ވަނީ އުފައްދަވައިފަ އެވެ.

އިންޑިއާގެ ނޭޝަނަލް ހައިޑްރޮގްރެފިކް އޮފީހާ ގުޅިގެން 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމަށާއި އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެއް ކަމަށް ސަރުކާރުން ބުނެ އެވެ.