Roadha Mihaaru
މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގެންފި

މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ފުރާވަޑައިގެންފި

01 އޯގަސްޓް 2022

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރައީސް ދުރައުޕަތީ މުރްމު އަދި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.

"ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ފަހުގައި، ދެ ގައުމުގެ އިސްވެރިން ގުޅިފައިވާ ނޫސްބަޔާނެއް ދެއްވަވާނެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

އެ ދަތުރުފުޅުގައި ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާ ވެސް ރައީސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް މުމްބާއީ އަށް ވަޑައިގެން މަހާރަޝްތުރަ ސްޓޭޓްގެ މޭޔަރާއި ބައްދަލުކުރައްވާނެ ކަމަށާއި އަދި މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ވެސް ޒިޔާރަތްކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން އެތަނުގެ މެނޭޖްމެންޓާއި ބައްދަލުކުރައްވައި، މަސައްކަތްތައް ހިނގާނުހިނގާ ގޮތް ވެސް ރައީސް ބައްލަވާލައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސްގެ އެ ރަސްމީ ދަތުރުފުޅުގައި، އެ މަނިކުފާނުގެ ވެރިކަމުގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ރަސްމީކޮށް ފައްޓަވައިދެއްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން އިއްޔެ ރިޕޯޓްކުރި އެވެ.

މާލެ ސަރަހައްދު ގުޅާލާ ބްރިޖުގެ ސާވޭ ނިންމައި، އެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އިން އަންނަނީ ބްރިޖުގެ ތަނބުތައް ޖެހުމުގެ ތައްޔާރީތައް ވަމުންނެވެ. މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މެދު ތެރެއަށް މާލެ އާއި ވިލިމާލެ ގުޅާލުމެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. ނޮވެމްބަރު 2018 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ އިންޑިއާ އަށެވެ. އަދި އެމަނިކުފާނުގެ ދައުވަތަކަށް މޯދީ ވެސް ރާއްޖެ އަށް ޒިޔާރަތްކުރެއްވި އެވެ.