Roadha Mihaaru
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"

ވޮޝިންގްޓަން ޕޯސްޓުގެ ތަހުގީގު: ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އިންޑިއާގެ ރޯގެ އެހީ ހޯދަން އުޅުނު!

30 ޑިސެމްބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރާވަމުންދިޔަ ކަމަށް އެމެރިކާގެ މަޝްހޫރު ދުވަހު ނޫސް، ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރާވަމުންދިޔަ ކަމަށް އެމެރިކާގެ މަޝްހޫރު ދުވަހު ނޫސް، ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭލުމުގެ ރިޔާސީ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި، ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމުގެ ވާހަކަތައް، އިންޑިއާގެ ޖާސޫސީ އިދާރާ، ރޯގެ ބައެއް އެޖެންޓުންނާއި ރާއްޖޭގެ އިދިކޮޅު ލީޑަރުންނާ އެކު ދެއްކެވެން ފެށީ، ދެ ގައުމުގެ ގުޅުން އެންމެ ގޯސްވި، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް އެ ނޫހުން ބައެއް މަސްދަރުތަކާ ހަވާލާދީ ބުނެފައިވެ އެވެ.

ވޮޝިންގްޓަން ޕޯސްޓުގެ ތަހުގީގަށް ފަހު ބުނީ، އެ ޕްލޭންގައި "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ނަމުގައި ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި އޮތީ، ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ކަމަށެވެ.

އެ ކަރުދާހުގެ ކޮޕީއެއް ވޮޝިންގްޓަން ޕޯސްޓަށް ލިބިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

މަޖިލީހުގެ މެމްބަރުންގެ އިތުރުން، ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމުގެ އެހީތެރިވުމަށް، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ 10 އިސް އޮފިސަރުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދޭން ވެސް އެ ކަރުދާހުގައި ހިމަނާފައިވާ ކަމަށް ވެ އެވެ.

މި ޕްލޭނަށް ހަ މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 92.5 މިލިއަން ރުފިޔާ ކަނޑައަޅައި، އެ ނޫހުން ބުނި ގޮތުގައި، މި ކަމުގެ ފަހަތުގައި ތިބި މީހުން ރާވަމުން ދިޔައީ، އެ ފައިސާ އިންޑިއާ އިން ހޯދުމަށެވެ.

ނަމަވެސް، ސިއްރިއްޔާތުގައި އެތައް މަހަކަށް ދިގުދެމިގެންދިޔަ ރޭވުންތަކަށް އަމަލީ ސިފައެއް ނުޖެއްސުނީ، ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކަށީގެންވާ އަދަދަށް މެމްބަރުން ނުލިބުމުން ކަމަށް ބުނެފައިވެ އެވެ.

އެ ރޭވުންތަކުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް އެވެ. ތޮރާތަކީ، ވޮޝިންގްޓަންޕޯސްޓުން ބުނި ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

ވޮޝިންގްޓަންޕޯސްޓުން ބުނިގޮތުގައި، ރައީސް މުއިއްޒުގެ ގާތް މީހަކު ވަނީ، ތޮރާތު އާއި އިންޑިއާގެ ރޯ އޭޖެންޓުންނާ ދެމެދު ކުރި ބައެއް މުއާމަލާތްތައް އެ ނޫހާ ހިއްސާ ކޮށްފަ އެވެ. ނަމަވެސް، އެ މުއާމަލާތްތައް ހޯދި ގޮތެއް އެ މީހާ ހާމަކޮށްފައި ނުވާ ކަމަށް އެ ނޫހުން ބުންޏެވެ.

ރައީސް މުއިއްޒު ވެރިކަން ވައްޓާލުމަށް ރޭވި ކަމަށް ތޮރާތާއި ރޮޑްރީގްސް ވެސް ވޮޝިންގްޓަން ޕޯސްޓަށް ޔަގީން ކޮށްދިނަސް، އެ މީހުން މަސައްކަތް ކުރީ ރަސްމީކޮށް އިންޑިއާ ސަރުކާރުގެ ފަރާތުން ކަމެއް ނުބުންޏެވެ.

"އިންޓެލިޖެންސަކީ ފޮރިން ޕޮލިސީގެ ބައެއް. އަދި ފޮރިން ޕޮލިސީގައި ޕްލޭން އޭ، ޕްލޭން ބީ އަދި ޕްލޭން ސީ އެއް އޮންނާނެ. ބައެއް ފަހަރު އެއް ގޮތުން ނުވެއްޖިއްޔާ އެހެން ގޮތަކުން އެ ކަމެއް ކުރެވޭތޯ ބަލާނެ،" ތޮރާތާ ހަވާލާދީ ޕޯސްޓުން ބުނެފައިވެ އެވެ.

ވޮޝިންގްޓަންޕޯސްޓުން ބުނި ގޮތުގައި، މި ރޭވުމުގައި އިންޑިއާ ސަރުކާރުން ކިހާ ސީރިއަސްކޮށް އުޅުނު ކަމެއް ސާފެއް ނޫނެވެ.

ނަމަވެސް، ރާއްޖޭގައި ހުންނަ ރޯގެ އޭޖެންޓު، ރައީސް މުއިއްޒުގެ ވެރިކަމުގެ އެހާ ކުރީކޮޅު، ވެރިކަން ވައްޓާލުމާ ދެކޮޅު ހެދި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް އަބަދު ގޮސްއުޅޭ، ރާއްޖޭގެ ސިޔާސީ ބޭފުޅަކާ ހަވާލާދީ ޕޯސްޓުން ބުންޏެވެ.

އެމްޑީޕީގެ ވެރިކަން ދަމަހައްޓަން އިންޑިއާ އިން މަސައްކަތް ކުރި!

ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ކުރިން، އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ވެސް އިންޑިއާއިން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް ޕޯސްޓުން ބުނެފައިވެ އެވެ.

މިގޮތުން، ނަޝީދާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ހައްލުކޮށް، އިބޫ އަށް ތާއީދު ކުރަން ނަޝީދު އަރިހު، ރާއްޖޭގައި އޭރު ހުންނެވި އިންޑިއާ ސަފީރު ތަކުރާރުކޮށް ދެންނެވިކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ނަޝީދު ދޫނުދެއްވުމުން، އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް، އަސްކަރީ މަތިންދާބޯޓެއްގައި، ބޯޓުގެ ޓްރާންސްޕޮންޑަރު ނިއްވާލައިގެން ރާއްޖެ އަށް އައިސް، ނަޝީދާއި އިބޫ ސުލްހަ ކުރުމުގެ މަޝްވަރާތަކެއް ކުރުނބާ ރިސޯޓުގައި ކުރިއަށް ގެންދިޔަ ކަމަށް ޕޯސްޓުން ބުންޏެވެ.

އެ މައުލޫމާތު، އެ ބައްދަލުވުމުގެ ފޮޓޯއާ އެކު ޕޯސްޓާ ހިއްސާ ކޮށްފައިވަނީ ދިވެހި ފުލުހެއް ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން، އިބޫގެ ކެމްޕޭނަށް އެހީތެރިވާން، ގިނަ އަދަދެއްގެ އިންޑިއާ މީހުން ރާއްޖެ އަށް އައިސް، މޫކައި ހޮޓަލުގެ އެއް ފްލޯ ހިފައިގެން ތިބި ކަމުގެ މައުލޫމާތު ވެސް ދިވެހި ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސާ ހަވާލާދީ ޕޯސްޓުން ރިޕޯޓުކޮށްފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝްދީބް ޕްރޮމޯޓު ކުރެއްވުމުގެ ތެރެއިން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޭރު އުފެދުނު ބޮޑު ކޯޅުންގަނޑުގެ ފައިދާ ނަގައި، ރައީސް މުއިއްޒު އަޒުލުކުރުމުގެ ވާހަކަތައް އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ މޭޒުތަކާއި ރައްޔިތުންގެ މަޖިލީހުގެ ކުޑަދަށުގައި އިދިކޮޅު މެމްބަރުން ދައްކަމުން ދިޔަ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ހަ މީހަކާ ހަވާލާދީ ޕޯސްޓުން ބުންޏެވެ.

ނަމަވެސް، ރައީސް މުއިއްޒު އަޒުލުކޮށްފި ނަމަ ސުޕްރީމް ކޯޓުން އެކަން ހުއްޓުވައި، ސަލާމަތީ ބާރުތަކުން ނުކުތުމުގެ އިތުރުން އާންމު ރައްޔިތުންގެ ނުރުހުން ވެސް އަމާޒުވާނެ ކަމުގެ ބިރު ބޮޑު ކަމަށް ބުނެ، އެމްޑީޕީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ފަހަތު ފަޔަށް ބުރަވީ ކަމަށްވެ އެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ ޕޯސްޓުން ބުނި ގޮތުގައި، ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުގެ ޕްލޭނަށް ތާއީދު ލިބިއްޖެ ނަމަ މެމްބަރުންނަށް ރިޝްވަތު ދޭން ބޭނުންވާ ފައިސާ އިންޑިއާ އިން ހޯދިދާނެ ކަމަށް އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވި ކަމަށް ވެ އެވެ.

އެ ޕްލޭން ކާމިޔާބު ނުވެއްޖެ ނަމަ އިންޑިއާ އިން ފައިސާ ހޯދައިގެން، އެމްޑީޕީ އަށް މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކޮށްދޭން ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ހުށަހެޅުއްވި ކަމަށް ވެސް އެ މަސްދަރުތަކާ ހަވާލާދީ ޕޯސްޓުން ބުންޏެވެ.

ނަމަވެސް، އިންޑިއާ އިން ފައިސާ ހޯދަން އުޅުނު ވާހަކަތައް އަނދުން ހުސެއިނާއި އީސަ ވެސް ވަނީ ޕޯސްޓަށް ދޮގުކުރައްވައިފަ އެވެ.

"ހުށަހެޅުމެއް ގޮތަށް އިންޑިއާ އަށް ހިނގައިދާނެ ވަކިވަކި ދިވެހިން ތިބެދާނެ. އެކަމަކު ހަގީގަތުގައި އެއްވެސް ގައުމަކުން ފައިސާ އަށް އެދިފައެއް ނުވޭނެ،" ޝަހީމް ޕޯސްޓަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އިންޑިއާގެ އޮފިޝަލުންނާ ގާތުން މަސައްކަތް ކުރާ މީހެއް. އަދި އިންޑިއާ އިން ދުވަހަކު ވެސް ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސްއަށް ނުފޫޒު ފޯރުވާފައެއް ނުވޭ."

"ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ކަރުދާހާ ހަވާލާދީ ޕޯސްޓުން ބުނީ، މަޖިލިސް އިންތިހާބުގައި 90 ގޮނޑީގެ ތެރެއިން 45 ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް، އިންޑިއާ އިން އަށް މިލިއަން ޑޮލަރު، ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ ހޯދަން ހިމަނާފައި އޮތް ކަމަށެވެ. ނަމަވެސް، އެ ފައިސާ އިންޑިއާ އިން ދީފައި ނުވާ ކަމަށް ޕޯސްޓުން ބުންޏެވެ.

މި ރޭވުމުގެ މައުލޫމާތު ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވި

އިދިކޮޅު ފަރާތްތަކުން މިފަދަ ބޮޑު ރޭވުމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ރައީސް މުއިއްޒަށް ލިބިވަޑައިގެން، އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުއްވި ކަމަށް ވެސް ޕޯސްޓުގެ ހޯދުންތަކުން ދައްކަ އެވެ. އޭރު ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ 11 މެމްބަރަކު ޕީއެންސީގެ ކޮޅަށް ގެންނެވީ، އެ ރޭވުމަށް ހުރަސް އެޅުއްވުމުގެ ގޮތުން ކަމަށް ޕޯސްޓުން ބުންޏެވެ.

މި ބޮޑު ރޭވުމާ ގުޅޭގޮތުން، އިންޑިއާގެ ފޮރިން މިނިސްޓްރީން ވެސް އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވި ކަމަށް ޕޯސްޓުން ބުނެފައިވެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލިހުގައި އޮތީ އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށް ވާއިރު، އެ މަނިކުފާނުގެ ވެރިކަން މަޖިލިހުގެ ތެރެއިން ބަދަލުކުރަން އުޅޭ ކަމަށް ބުނެ ޕީއެންސީގެ ބައެއް އިސް މެމްބަރުންނާއި ސަރުކާރުގެ ބައެއް ވެރިން ވެސް އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައި ވެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ކުރީ ކޮޅު ގުޅުން ގޯސް ވިޔަސް ރާއްޖެ-އިންޑިއާގެ ގުޅުން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައި ފަހުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވައިފަ އެވެ.