Roadha Mihaaru
ރައީސަށް މޯދީ ރަމްޒީ ކްރިކެޓް ބެޓެއް ހަދިޔާކުރައްވައިފި

"ކްރިކެޓުން ގުޅިފައި": ރައީސަށް މޯދީ ބެޓެއް ހަދިޔާކުރައްވައިފި

08 ޖޫން 2019

ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރަމުން އަންނަ އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ރަމްޒީ ކްރިކެޓް ބެޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަދިޔާކުރައްވައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރަމުން އަންނަ އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ރަމްޒީ ކްރިކެޓް ބެޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަދިޔާކުރައްވައިފި އެވެ.

މޯދީ، އެ ބެޓް ހަދިޔާކުރެއްވީ، ރާއްޖެ އަށް މިއަދު މެންދުރު ފަހު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

"ކްރިކެޓުން ގުޅިފައި" ކަމަށް ވިދާޅުވެ މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކްރިކެޓަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި އެހެންވެ ކްރިކެޓް ވޯލްޑް ކަޕުގައި ކުޅެމުން އަންނަ އިންޑިއާ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ބެޓެއް ހަދިޔާކުރައްވާފައިވާ ކަމަށެވެ.

ކްރިކެޓް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އަދި އިނގިރޭސި ވިލާތުގައި މިހާރު ކުރިއަށް ގެންދާ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވޭ އިންޑިއާ އިން ވަނީ ފުރަތަމަ މެޗުން ދެކުނު އެފްރިކާ އަތުން ހަ ވިކެޓުން މޮޅުވެފަ އެވެ. ކެޕްޓަން ވިރާތު ކޯލީ އާއި ކުރީގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ އަދި ދެކުނު އެފްރިކާ މެޗުގައި ސައްތައެއް ހެދި ރޯހިތު ޝަރްމާ އަދި އެ މެޗުގައި ހަތަރު ވިކެޓް ނެގި ސްޕިންބޯލަރު ޔުޒްވެންދްރާ ޗަހާލްއާ އެކު މި ބެޓުގައި އިންޑިއާ ސްކޮޑުގެ 15 ކުޅުންތެރިން ވަނީ ސޮއިކޮށްފަ އެވެ.

ސްކޫލް ދައުރުން ފެށިގެން ކްރިކެޓަށް ލޯބިކުރެއްވި އަދި އެއް ވަނަ ޑިވިޝަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުއްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހިވެފައިވާ ގުޅުމުގެ ތެރެއިން ކުޅިވަރަށް، ހާއްސަކޮށް ކްރިކެޓަށް އަންނަނީ ބޮޑު ފައިދާއެއްކުރަމުންނެވެ.

އެގޮތުން އިންޑިއާ އިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ވެސް އެއްބަސްވެފަ އެވެ. ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބުމާ އެކު، ކްރިކެޓަށް ހާއްސަ، ޒަމާނީ ސްޓޭޑިއަމެއް ލިބިއްޖެ ނަމަ ކުޅުންތެރިން ކުރިއަރަން ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަށް ކޯޗުން ބުނެ އެވެ. އަދި ރާއްޖެ ވަށައިގެން އޮތީ ކްރިކެޓުގެ ދުނިޔޭގެ ވަރުގަދަ ގައުމުތައް ކަމަށްވުމުން، ރާއްޖޭގައި ބައިނަލްއަގްވާމީ ސްޓޭޑިއަމެއް އޮވެއްޖެ ނަމަ ބައިނަލްއަގްވާމީ މެޗުތައް ބާއްވަން ވެސް ފަހިވެގެންދާނެ އެވެ. އެއީ މާލީ ގޮތުން ވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށްވާނެ އެވެ.

މީގެ އިތުރުން ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ކްރިކެޓް ސިލްސިލާއެއް ބާއްވަން އެއްބަސްވެ އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް ވެސް ކުޅުއްވި އެވެ.

އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ސީރީސް މެޗުގައި ކުޅުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައްޔާރުވެވަޑައިގެން: ކްލަބް ލެވެލްގައި ވެސް ކްރިކެޓް ކުޅުއްވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ސީރީސް މެޗުގައި ކުޅުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައްޔާރުވެވަޑައިގެން: ކްލަބް ލެވެލްގައި ވެސް ކްރިކެޓް ކުޅުއްވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް ބެންގަލޫރަށް މިދިޔަ އޭޕްރިލް މަހު ވަޑައިގެން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ޗެންނާއީ ސުޕަ ކިންގްސް އާއި ރޯޔަން ޗެލެންޖާސް ބެންގަލޯ ކުޅުނު މެޗު ބައްލަވާލައްވައިފަ އެވެ. އެ މެޗުގެ ކުރިން ރޯޔަލް ޗެލެންޖާސްގެ ކެޕްޓަން ވިރާތު ކޯލީ އާއި ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ދެ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީ އާއި ކްރިކެޓް ބެޓެއް ހަދިޔާކޮށްފަ އެވެ.

ބީސީސީއައިގެ ސީއީއޯ ރާހުލް ޖޯހްރީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި ކްރިކެޓް ފުޅާކުރުމާ ބެހޭގޮތުންނާއި ގައުމީ ކްރިކެޓް ޓީމުގެ ތަމްރީންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އަދި އެއާ ވިދިގެން އިންޑިއާގެ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމާއި ންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށް ކްރިކެޓް ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި އެސެސްމަންޓް ހަދައި ވަސީލަތްތައް ބަލައި އަދި ކުޅުންތެރިންގެ ފެންވަރު ވެސް ވަޒަންކޮށްފަ އެވެ. އެ ހޯދުންތަކުގެ މައްޗަށް ބަލައި، ރާއްޖޭން ކުރިއަށް ދިއުމަށް މަގުޗާޓެއް އެކުލަވާލައި ވަރަށް އަވަހަށް ރާއްޖޭގެ ކްރިކެޓް ބޯޑާ ހިއްސާކޮށް އެންމެން ގުޅިގެން ކްރިކެޓް ކުރިއެރުވަމަށް މަސައްކަތް ފަށާނެ ކަމަށް ބީސީސީއައި އިން ބުނެ އެވެ.

ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.