Roadha Mihaaru
އެފްއޭއެމުން އަންނަ މަހު ފުޓްސަލް މުބާރާތެއް ބާއްވަނީ

އެފްއޭއެމުން އަންނަ މަހު ފުޓްސަލް މުބާރާތެއް ބާއްވަނީ

18 އެޕްރީލް 2019

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ މަހު އަންހެން އަދި ފިރިހެން ފުޓްސަލް ކުޅުންތެރިންނަށް ހާއްސަކޮށްގެން މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ މަހު އަންހެން އަދި ފިރިހެން ފުޓްސަލް ކުޅުންތެރިންނަށް ހާއްސަކޮށްގެން މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރޯދަ މަހު ދެ ވަނަ ހަފްތާގައި ފަށަން ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ކޮމިޝަނަ އޮފް ސްޕޯޓްސް އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ކްލަބްތަކާއި ޖަމިއްޔާތަކަށެވެ. ފިރިހެން 16 ޓީމަށާއި އަންހެން 8 ޓީމަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޓީމުތަކަށް ދިނުމުގައި އެފްއޭއެމްގެ މެމްބަރު ކްލަބްތަކަށް އިސްކަންދޭނެ ކަމަށް އެ އިދާރާއިން ރޭ ނެރުނު ބަޔާނުގައިވެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭނީ މި މަހު 25 ވަނަ ދުވަހުގެ މެންދުރު 14:00 ކުރިންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި މުބާރާތުގެ ގަވައިދު އެފްއޭއެމް ބަންދު ނޫން ގަޑިތަކުގައި އެ އިދާރާގެ ރިސެޕްޝަނުން ލިބޭނެ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނޭމެއް ދޭނެ އެވެ. އަދި ރަނަރަޕް ޓީމަކަށް 25،000 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ގަވާއިދަށް ބަލާއިރު މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގެ މާލޭ ލީގައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް ކުޅުންތެރިއަކު މުބާރާތުގައި ރަޖިސްޓްރީ ނުކުރެވޭނެ އެވެ. ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ފުޓްސަލް އަށް ނުދިއުމަށް މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ބާރު އަޅައިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ފުޓްސަލަށް ނުދިއުމަށް އެފްއޭއެމުން އަބަދުވެސް ބާރު އަޅާނެ ކަމަށާއި އެ ގޮތުން އެފްއޭއެމުން ރާވާ ހިންގާ އެއްވެސް ފުޓްސަލް މުބާރާތެއްގައި ފުޓްބޯޅަ ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށެވެ.

އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ފުޓްސަލް ރެކްރިއޭޝަނަލް ކަޕްގެ ނަމުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް މުބާރާތެއް ބާއްވައިފަ އެވެެ. އެ ފަހަރު މުބާރާތް ބޭއްވީ ސަރުކާރާއި އަމިއްލަ އޮފީސްތަކަށް ހާއްސަކޮށްގެންނެވެ. އެއީ އެފްއޭއެމް އިސްވެ އޮވެ ފުޓްސަލް މުބާރާތްތައް ބޭއްވުމުގެ ފެށުމެއް ކަމަށް އޭރު ބުނި ނަމަވެސް މިދިޔަ އަހަރު ފުޓްސަލް މުބާރާތެއް ނުބާއްވަ އެވެ.

ރާއްޖޭގައި މި ވަގުތު އެންމެ ބޮޑު ފޯރިއެއް އޮތް ފުޓްސަލް އަށް އެފްއޭއެމުން އެހާ ބޮޑު އަހައްމިއްޔަތުކަމެއް ނުދޭ ކަމުގެ ޝަކުވާ ބޮޑެވެ. އެކަމަކު އަމިއްލަ ފަރާތްތަކާއި ކްލަބްތަކުން ބާއްވާ މުބާރާތްތަކަށް އެފްއޭއެމުން އެކި ގޮތްގޮތުން އެހީތެރިކަން ފޮރުކޮށްދެ އެވެ.

އެފްއޭއެމުގެ އަސާސީ ގަވާއިދު އިސްލާހުކުރިިއިރު އެކި އެސޯސިއޭޝަންތައް ހިންގަން ވަނީ އަންގައިފަ އެވެ. އެގޮތުން ފުޓްސަލް ކަންތައްތައް ކުރިއަށް ގެންދިއުމަށް ވަކި އެސޯސިއޭޝަނެއް އޭގެ ތެރޭގައި ހިމެނުމަށް އެންގި އެވެ. އެކަމަކު އެހާ ބޮޑަށް އެފްއޭއެމް އިސްވެ އޮވެ ފުޓްސަލްގެ ހަރަކާތްތަކެއް ނުފެނެ އެވެ.

ތުރުކުމެނިސްތާނުގައި 2017 ވަނަ އަހަރު އޮތް އޭޝިއަން އިންޑޯ ގޭމްސްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ވާދަކުރި އެވެ. މިއީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތެއްގައި ރާއްޖޭގެ ފުޓްސަލް ޓީމެއް ކުޅުނު ފުރަތަމަ ފަހަރެވެ.