Roadha Mihaaru
އެފްއޭއެމުން ރިޒޯޓް ފުޓްސަލް ބޮޑު މުބާރާތެއް ފަށަނީ

އެފްއޭއެމުން ރިޒޯޓް ފުޓްސަލް ބޮޑު މުބާރާތެއް ފަށަނީ

01 މެއި 2017

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ބާއްވާ ރިޒޯޓް ފުޓްސަލް މުބާރާތް އަންނަ ސެޕްޓެމްބަރު މަހު ފަށަން ނިންމައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ބާއްވާ ރިޒޯޓް ފުޓްސަލް މުބާރާތް އަންނަ ސެޕްޓެމްބަރު މަހު ފަށަން ނިންމައިފި އެވެ.

އެފްއޭއެމުން މިއަދު ވަނީ ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއް އަތުން 2000 ޑޮލަރު (30،840 ރުފިޔާ) ގެ އެޑްމިޝަން ފީއެއް ނެގުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނި މި މަހު 11 ވަނަ ދުވަހު އެވެ. އަދި މުބާރާތުގައި ކުޅޭ ކޮންމެ ޓީމެއްގައި ބިދޭސީ އެއް ކުޅުންތެރިއަކު ޖެހޭނެ އެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ މެޓް ނޫނީ ޓާފް ފުޓްސަލް ދަނޑުތަކުގަ އެވެ.

ފީފާގެ އެންގުމުގެ މަތިން މިދިޔަ އަހަރު އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހުކުރިއިރު، ފުޓްސަލް އެސޯސިއޭޝަނެއް ވަނީ އުފައްދަން ވަނީ ހިމަނައިފަ އެވެ. އެ އެސޯސިއޭޝަން އަދި ވުޖޫދު ނުވިޔަސް، ފުޓްސަލް ފުޅާކޮށް ގަވާއިދެއްގެ ދަށުން ކުރިއަށް ގެންދަން ވަނީ ޕްލޭންތަކެއް ހަދައިފަ އެވެ. އެ ގޮތުން މިހާރު އަންނަނީ އަންހެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވީ މި އަހަރު ތެރޭގައި ފުޓްސަލް ގިނަ ހަރަކާތްތަކެއް އެފްއޭއެމުން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ފުޓްސަލް އާއި ފުޓްބޯޅަ ވަކިކޮށް ދެ ކުޅިވަރުން ވެސް ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.

ރިޒޯޓްތަކަށް ހުޅުވާލައިގެން ގައުމީ އެސޯސިއޭޝަނަކުން އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ކުޅިވަރު މުބާރާތަކީ ވޮލީބޯޅަ އެވެ. ފުޓްސަލް މުބާރާތް އެފްއޭއެމުން މި އަހަރު ފެށުމާ އެކު މި ކުޅިވަރުގެ ވާދަވެރިކަން ރިޒޯޓްތަކުގައި ބޮޑުވާނެ އެވެ.