Roadha Mihaaru
ގައުމީ ފުޓްސަލް ޓީމުން މޮންގޯލިއާ ބަލިކޮށްފި

ތައިލެންޑް ފުޓްސަލް މުބާރާތުގައި ރާއްޖެއިން މޮންގޯލިއާ ބަލިކޮށްފި

19 މާޗް 2022

ތައިލެންޑްގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ ފުޓްސަލް އިންވިޓޭޝަން ޗެމްޕިއަންޝިޕްގެ ފަސްވަނަ ހޮވަން ކުޅުނު މެޗުގައި މޮންގޯލިއާ ބަލިކޮށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކާމިޔާބު ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ތައިލެންޑްގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ ފުޓްސަލް އިންވިޓޭޝަން ޗެމްޕިއަންޝިޕްގެ ފަސްވަނަ ހޮވަން ކުޅުނު މެޗުގައި މޮންގޯލިއާ ބަލިކޮށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކާމިޔާބު ހޯދައިފި އެވެ.

މުބާރާތުގެ ފަސްވަނަ ޓީމު ހޮވަން މިއަދު ހެނދުނު ކުޅުނު މެޗުގައި ބައްދަލުކުރީ ހަ ޓީމު ވާދަކުރި މުބާާރާތުގެ ދެ ގުރޫޕުން އެންމެ ފުލަށް ދިޔަ ދެ ޓީމެވެ. ތައިލެންޑާއި އޮމާން އާއެކު ކުޅެ ގުރޫޕް އޭ ގެ ތިންވަނައިގައި ރާއްޖޭން ނިންމާލި އިރު، އިރާން އާއި މިޔަންމާ ފަހަތުން ގުރޫޕް ބީގެ ތިންވަނައިގައި ނިންމީ މޮންގޯލިއާ އެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން ސްޓާޓް ކުރީ ގުރޫޕް ސްޓޭޖުގެ ދެ މެޗުގަައި ވެސް ފެށި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އާއި ހުސެން ޝަރީފް (އޮންލީ) ގެ އިތުރުން، ހުޒެއިފަތު ރަޝީދު (ހުޒޭ) އާއި އަލީ ހާފިޒް (ހާއްޕެ) ހިމަނައިގެންނެވެ. އަދި މެޗުގައި ރާއްޖޭގެ ގޯލު ބެލެހެއްޓީ އަބްދުﷲ ނާސިހެވެ. ނާސިހު ވަނީ މެޗުގައި އިދިކޮޅުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް މަތަ ކޮށްފަ އެވެ.

މެޗު ފެށިގެން ރާއްޖޭހެ ޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޕާސް ކޮށްގެން ކުޅެން މަސައްކަތް ކުރި ނަމަވެސް މޮންގޯލިއާ އިން ވަނީ ކައުންޓާ އެޓޭކެއްގެ ބޭނުން ހިފައި މެޗުގައި ފުރަތަމަ ލަަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ރާއްޖެއަށް އެއްވަރު ކޮށްދިނީ ހާއްޕެ ތަނަވަސް ކޮށްދިން ފުރުސަތަކުން އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ކުޅެން އަރައި ބޯޅައިގައި ޖެއްސި ފުރަތަމަ ޓަޗުން ޝާއްޕެ ކާމިޔާބުކުރި މި ލަނޑަކީ އޭނާ ގައުމީ ޓީމަށް ޖެހި ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މޮންގޯލިއާ އިން ވަނީ ކޯނަރެއްގެ ބޭނުން ހިފައި، ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިފަ އެވެ. ހާފް ނިމުުގެ ކުރިން ރާއްޖޭގެ އިޝާން އިބްރާހިމް (ސައްޓު) އާއި ހާއްޕެ ފޮނުވާލި ދެ ހަމަލާއެއް މޮންގޯލިއާގެ ކީޕަަރު ވަނީ ދިފާއު ކޮށްފަ އެވެ. އަދި އޭގެ ފަހުން ހާއްޕެ ގެ ކަކުލަށް އަނިޔާވެގެން ވަނީ މެޑިކަލް އޮފިޝަލުންގެ އެހީގައި ދަނޑުން ބާލައިފަ އެވެ.

ދެވަނަ ހާފުފެށިގެން މާ ގިނައިރެއް ނުވެ ޝާއްޕެ ވަނީ އިތުރު ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ރާއްޖެއަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އަދި ކުޑަ އިރުކޮޅެއް ޝާއްޕެ އާއި އޮންލީ ވެގެން އުފެއްދި އެޓޭކެއްގައި މުހައްމަދު ޔަފާއު (ޔާ) ވަނީ ރާއްޖޭގެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަަގައިދީފަ އެވެ. ނަމަވެސް މި ހާފް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް މޮންގޯލިއާ އިން ވަނީ ލަނޑެއް ޖަހައި 3-3 އިން ނަތީޖާ އެއްވަރު ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު ސިކުންތު ކޮޅުގައި ޝާއްޕެ އަށް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށް ރާއްޖެ މޮޅުކޮށްދޭން ވަރަށް ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވީ އޭނާ ހުސްކޮށް އަރައި ބޯޅަ ގޯލަށް ފޮނުވާލަނިކޮށެވެ.

ނަތީޖާ އެއްވަރުވުމުން ޕެނަލްޓީގައި ރާއްޖޭން މޮންގޯލިއާ ބަލިކުރީ 5-3 އިންނެވެ. ޕެނަލްޓީގައި ރާއްޖޭގެ ގޯލަށް އެރީ ކީޕަރު ޒައިދާން އަހުމަދު (އަސޫ) އެވެ. އަސޫ ވަނީ މޮންގޯލިއާ އިން ފޮނުވާލި ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. ކޮންމެ ޓީމަކުން ހަތް ޕެނަލްޓީ ޖެހިއިރު، ރާއްޖޭގެ ފުރަތަމަ ދެ ޕެނަލްޓީ އަބްދުﷲ ޝައްފާން (ޝާކާ) އާއި އޮންލީ ކާމިޔާބު ކުރިއިރު، ތިންވަނަ ޕެނަލްޓީ ހުޒޭ ފޮނުވާލުމުން ބޭރުވީ ގޯލު ދަނޑީގައި ޖެހިފަ އެވެ. އަދި ޔާ ފޮނުވާލި ހަތަރުވަނަ ޕެނަލްޓީ މޮންގޯލިއާގެ ކީޕަަރު ވަނީ ދިފާއު ކޮށްފަ އެވެ. އޭގެ ފަހުން އިންމި އާއި ސާމިން މުހައްމަދު ނަސީރު އަދި ސައްޓު ފޮނުވާލި ޕެނަލްޓީތައް ރާއްޖޭން ކާމިޔާބު ކުރި އެވެ.

މޮންގޯލިއާގެ ތިން ޕެނަލްޓީ ނާކާމިޔާބު ވިއިރު ފުރަތަމަ ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ. ކީޕަރު އަސޫ ދިފާއުކުރީ އެޓީމުން ފޮނުވާލި ހަތަރުވަނަ ޕެނަލްޓީ އާއި ހަތްވަނަ ޕެނަލްޓީ އެވެ. ރާއްޖެއަށް މުބާރާތުގެ ފަސްވަނަ ލިބުނީ މޮންގޯލިއާގެ ހަތްވަނަ ޕެނަލްޓީ އަސޫ ދިފާއު ކުރުމުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖެއަށް މެޗުގައި ދެ ލަނޑު ޖަހައިދިން ޝާއްޕެ އެވެ. އެމަގާމާއެކު ވެފައި ވަނީ ބައިނަލްއަގުވާމީ ފުޓްސަލް މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދިވެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި މިއީ ފުޓްސަލްގައި ބައިނަލްއަގުވާމީ މެޗެއް ރާއްޖޭން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތަކީ ރާއްޖޭން އަންނަ މަހު ވާދަކުރާ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފިކޭޝަންގައި ވާދަކުރުމުގެ ކުރިން ތަޖުރިބާ ހޯދުމުގެ ގޮތުން ބައިވެރިވި މުބާރާތެކެވެ.