Roadha Mihaaru
އޮމާން އަތުން ބަލިވެ ގައުމީ ފުޓްސަލް ޓީމު ކަޓައިފި

އޮމާން އަތުން ވެސް ބަލިވެ ގައުމީ ފުޓްސަލް ޓީމަށް މުބާރާތް ނިމިއްޖެ

16 މާޗް 2022

ތައިލެންޑްގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އޮމާން އަތުން 7-4 ން ބަލިވެ، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް މުބާރާތް ނިމިއްޖެ އެވެ.

ތައިލެންޑްގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އޮމާން އަތުން 7-4 ން ބަލިވެ، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް މުބާރާތް ނިމިއްޖެ އެވެ.

ބެންކޮކުގެ ޝޯޑީސީ އިންޑޯ ސްޕޯޓްސް ކޮމްޕެލްކްސްގައި ކުޅުނު މެޗުގެ ކުރީކޮޅު ވައްދާލި ލަނޑުތަކުން އޮމާން އިން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި އެޓީމަށް ލީޑް ނަގައިދިނީ އަލްހަބަސީ އެވެ. އޭގެ މިނެޓެއް ފަހުން އޭނާ އަނެއްކާ ވެސް ލަނޑެއް ޖަހައި ނަތީޖާ 2-0 ށް ބަދަލު ކުރި އެވެ.

އޮމާންގެ ތިންވަނަ ލަނޑު 10 ވަނަ މިނެޓްގައި ޖެހީ އަލްސަމްސީ އެވެ. ހަތަރުވަނަ ލަނޑު ޖެހީ އަލްވާތީ އެވެ. ރާއްޖޭގެ އަލީ ހާފިޒު (ހާއްޕެ) ވަނީ 34 ވަނަ މިނެޓްގައި ރާއްޖެ އަށް ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ.

ކައިރިކިއިރީގައި ރާއްޖެ އާ އޮމާންއިން ރާއްޖެ އަށް ލަނޑެއް ޖެހިގެން ހަމަޔަކަށް ނޭޅި އުޅެނިކޮށް އޮމާންގެ އަލް ޝިބްލީ ވަނީ އެޓީމުގެ ފަސްވަނަ ލަނޑު ޖަހައިފަ އެވެ. ދެން ޖެހިގެން އައި މިނެޓްގައި އަނެއްކާ ވެސް ހާއްޕެ ރާއްޖެ އަށް ލަނޑެއް ޖަހައިދިނެވެ. އޭގެ ފަހުން އަލް ޝަމްސީ އޮމާންގެ ހަވަނަ ލަނޑު ޖެހި އެވެ.

ރާއްޖޭގެ ތިންވަނަ ލަނޑަކީ އޮމާންގެ އަލާ ވަތީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޮމާންގެ ހަތްވަނަ ލަނޑު ޖެހީ އަލް ބަލައުޝީ އެވެ. ރާއްޖޭގެ ހަތަރުވަނަ ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ.

ތައިލެންޑްގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވީ އަންނަ މަހު ބާއްވާ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފިކޭޝަންގައި ވާދަކުރުމުގެ ކުރިން ތަޖުރިބާ ހޯދުމުގެ ގޮތުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ތައިލެންޑް އަތުން ރާއްޖެ ބަލިވީ 8-3 ންނެވެ.