Roadha Mihaaru
އިންތިޚާބީ މެމްބަރު އުޝާމް ރައީސާ ބައްދަލުކުރައްވައިފި

އިންތިޚާބީ މެމްބަރު އުޝާމް، ރައީސާ ބައްދަލުކުރައްވައިފި

17 އެޕްރީލް 2019

ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިންތިޚާބީ މެމްބަރު އަހުމަދު އުޝާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިންތިޚާބީ މެމްބަރު އަހުމަދު އުޝާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަމިއްލަ ގޮތުން ވިލިމާލެ ދާއިރާ އަށް ވާދަކުރެއްވި އުޝާމް ރައީސާ ބައްދަލުކުރެއްވީ ރައީސް އޮފީހުގަ އެވެ. އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ވިލިމާލެ އަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އުޝާމް ކުރެއްވި ޓުވީޓު.

އުޝާމް "މިހާރު" އަށް ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން މަޖިލިހުގެ ތެރެއިން ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ވިލިމާލޭގައި ހުރި މައްސަލަތައް ރައީސްގެ ސަމާލު ކަމަށް ގެންނަވާފައިވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ރައީސްގެ އެޖެންޑާ އަށް ތާއީދު ކުރައްވާނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުޝާމް މިއަދު ބޭއްވި ބައްދަލުކުރެއްވުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުޝާމް މިއަދު ބޭއްވި ބައްދަލުކުރެއްވުން.

"ރައީސް ވެސް ވަރަށް ޕޮޒިޓިވްކޮށް ހުންނެވީ. ވިލިމާލޭގައި ހުރި މައްސަލަތައް ހައްލު ކުރަން ލަފާ އާއި ހިޔާލު ހޯދަން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި."

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އުޝާމް ހޮވިވަޑައިގަތީ، ޖުމްހޫރީ ޕާޓީން ވާދަ ކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އެމްޑީޕީގެ ކެންޑިޑޭޓު ޔާމީން އަހުމަދު ބަލި ކުރެއްވުމަށް ފަހު އެވެ. ނުފޫޒުގަދަ ދެ ޕާޓީގެ ކެންޑިޑޭޓުން ވާދަ ކުރެއްވި ދާއިރާ އިން އުޝާމަށް ވިލިމާލޭގެ ރައްޔިތުން ކުރި އިތުބާރަށް ދާދި ފަހުން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އުޝާމް ވިދާޅުވީ މަޖިލީހުގެ ފަސް އަހަރު އޭނާ ހުންނަވާނީ މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އޭނާ އަށް ތާއީދު ކުރި މީހުންނާއި ނުކުރާ މީހުންނާ މެދު ވެސް އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން އުޝާމް ދެއްވި އެވެ.