Roadha Mihaaru
101 ވަނަ ތަށި: ފެޑެރާ ހުއްޓުމެއް ނެތް!

101 ވަނަ ތަށި: ފެޑެރާ ހުއްޓުމެއް ނެތް!

01 އެޕްރީލް 2019

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 1) - މިއާމީ އޯޕަން ޓެނިސް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޖޯން އިސްނާގެ މައްޗަށް ފަސޭހަކަމާ އެކު ކުރިހޯދުމަށް ފަހު ރޮޖާ ފެޑެރާ، އޭނާގެ ކެރިއަރުގެ 101 ވަނަ އޭޓީޕީ މުބާރާތް ކާމިޔާބުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 1) - މިއާމީ އޯޕަން ޓެނިސް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޖޯން އިސްނާގެ މައްޗަށް ފަސޭހަކަމާ އެކު ކުރިހޯދުމަށް ފަހު ރޮޖާ ފެޑެރާ، އޭނާގެ ކެރިއަރުގެ 101 ވަނަ އޭޓީޕީ މުބާރާތް ކާމިޔާބުކޮށްފި އެވެ.

ފިރިހެން ކުޅުންތެރިންގެ ތެރެއިން ޓެނިހުގައި އެންމެ ގިނަ ތަށި ހޯދުމުގެ ރެކޯޑް އޮތީ 1970 އާއި 1980 ގެ އަހަރުތަކުގައި ކުޅުނު އެމެރިކާގެ ޓެނިސް ކުޅުންތެރިޔާ ޖިމީ ކޮނޯ އަތުގަ އެވެ. އޭނާ ވަނީ 109 ތަށި ހަމަކޮށްފަ އެވެ. ކޮނޯގެ ރެކޯޑާ ހަމަކުރުމުގެ ސީދާ ޓާގެޓެއް ފެޑެރޭގެ ނެތް ނަމަވެސް އޭނާ އެ ރެކޯޑާ ހަމަކުރާނެ ކަމަށް ޓެނިހުގެ ތަޖުރިބާކާރުން ބުނެ އެވެ.

ޓެނިހުގެ ގްރޭންޑް ސްލޭމް 20 މުބާރާތް ކާމިޔާބުކުރި އުމުރުން 37 އަހަރުގެ ފެޑެރާ މި ފަހަރުގެ މިއާމީ އޯޕަން އަށް ނުކުތީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްގައި ހުރެ އެވެ. އެކަމަކު މެޗަކަށް ފަހު މެޗެއް ފިޓްނަސް ރަނގަޅުކޮށް އިއްޔެގެ ފައިނަލުގައި އޭނާ ވަނީ އިސްނާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފައިނަލް މެޗުގެ ސެޓުތައް ދިޔައީ 6-1، 6-4 އިންނެވެ.

ފެޑެރާ ބުނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ ފަސް ބެލުމެއް ނެތި ކުރިއަށްދިއުމަށް ކުރާ ހިތްވަރު ކަމަށެވެ.

"މިއީ ވަރަށް އާދަޔާހިލާފުކޮށް ދިޔަ ހަފްތާއެއް. އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެން 1999 ވަނަ އަހަރު މި ތަނުގައި ކުޅުނުއިރު ދެއްކި ވަރުގެ ކުޅުމެއް 2019 ވަނަ އަހަރު މި ތަނުގައި ހުރެ ދެއްކުމަކީ އަހަރެން ހުވަފެނުން ވެސް ނުދެކޭ ވަރުގެ ކަމެއް. މިއީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކަމެއް،" ފެޑެރާ ބުންޏެވެ.

މިދިޔަ ދެ އަހަރު ކްލޭ ކޯޓުގައި އޮތް ގިނަ މުބާރާތްތަކެއްގައި ފެޑެރާ ނުކުޅެ އެވެ. އެކަމަކު މި އަހަރު ކުރިއަށް އޮތް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ކުޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފެޑެރާ ވަނީ ބުނެފަ އެވެ.

"ކްލޭ ކޯޓުގައި އަހަރެން ނުފަރިތައެކޭ ނުބުނާނަން. މީގެ އަހަރެންގެ ފިޒިކަލް ފިޓްނަސް ހުންނަ މިންވަރަކުން ކުރިއަށްދާނަން. ވަކި ޓާގެޓެއް ނެތް. ކޮންމެ މުބާރާތަކަށް ވެސް ތައްޔާރުވުން އޮތީ،" އަންނަ މަހު 26 ވަނަ ދުވަހު ފަށާ އަހަރުގެ ދެ ވަނަ ގްރޭންޑް ސްލޭމް ކަމަށްވާ ފްރެންޗް އޯޕަންއާ ބެހޭގޮތުން ފެޑެރާ ބުންޏެވެ.

މި އަހަރު ހުރިހާ މުބާރާތްތަކެއް ކުޅުމުގެ ވިސްނުމެއް ނެތް ކަމަށާއި ބޭނުންވަނީ ފިޓްކޮށް ހުރެ، ކުޅެވޭނެ މުބާރާތްތަކުގައި ވާދަކުރަން ކަމަށް އޭނާ ބުންޏެވެ.