Roadha Mihaaru
ރިޓަޔާކުރުމުގެ ވިސްނުމެއް ފެޑެރާގެ ނެތް

ރިޓަޔާކުރުމުގެ ވިސްނުމެއް ފެޑެރާގެ ނެތް

11 މާޗް 2021

ދޯހާ، ގަތަރު (މާޗް 11) - އަނިޔާގެ ސަބަބުން 14 މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން މޮޅުވުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ބުނެފި އެވެ.

ދޯހާ، ގަތަރު (މާޗް 11) - އަނިޔާގެ ސަބަބުން 14 މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން މޮޅުވުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ނޮވަކް ޖޮކޮވިޗާ ދެކޮޅަށް އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުގައި ކުޅުނު ފަހުން ދެން ފެޑެރާ ރަސްމީ މެޗެއްގައި ނުކުޅެ އެވެ. އުމުރުން 39 އަހަރުގެ ފެޑެރާ އެނބުރި ކުޅުމަށް އައީ ކަކުލުގެ ބޮޑު ދެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

އެނބުރި އައި މެޗުން ފެޑެރާ ވަނީ އިއްޔެ ގަތަރު އޯޕަންގައި ޑޭން އެވަންސް އަތުން މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 7-6 (10-8) 3-6 7-5 އިންނެވެ. މި ނަތީޖާއާ އެކު ފެޑެރާ ވަނީ އެ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދައިފަ އެވެ.

"ވަރަށް އުފާވޭ ވާދަވެރި މެޗެއްގައި އަލުން ކުޅެލެވުމުން. އަހަރެން މޮޅުވިޔަސް ބަލިވިޔަސް ޓެނިސް ކޯޓުގައި ކުޅެލެވުމަކީ ވެސް ވަރަށް ބޮޑު އުފަލެއް. މީގެ އަހަރެން ބޭނުންވަނީ މި ހިތްހަމަޖެހުމާ އެއްގޮތަށް ކުރިއަށްދާން. ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް،" މި އަހަރު އޮގަސްޓް މަހު 40 އަހަރު ފުރޭ ފެޑެރާ ބުންޏެވެ.

ޓެނިހުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ގްރޭންޑްސްލޭމްގެ 20 ތަށި އުފުލާލައިގެން ފެޑެރާ ހަދާފައިވާ ރެކޯޑާއި ސްޕެއިނުގެ ތަރި ރަފައެލް ނަޑާލް ހަމަކޮށްފައިވާއިރު، އެ ރެކޯޑާ ދެން އެންމެ ގާތުގައި އޮތީ 18 ތަށި އުފުލާލައިފައިވާ މި ވަގުތުު ދުނިޔޭގެ ރޭންކިން އެއް ވަނަ ޖޮކޮވިޗް އެވެ.

"އަހަަރެން ވަކި ރެކޯޑެއްގެ ވިސްނުން ގެންގުޅުން މި ވަގުތު މުހިއްމެއް ނޫން. މި ވަގުތު އަހަރެން ބޭނުމީ ވީހާ ވެސް ގިނަ މެޗެއް ކުޅެވޭ ވަރަށް ފިޓްކޮށް ހުރުން،" ފެޑެރާ ބުންޏެވެ.

ފެޑެރާ ބުނީ އޭނާ ވިސްނަނީ މެޗަކަށް ފަހު މެޗެއް މުބާރާތްތަކަށް ފަހު މުބާރާތެއް ކުޅުމަށް ކަމަށާއި ބޮޑެތި ޓާގެޓްތަކެއް ނޫނީ ރެކޯޑްތަކެއްގެ ޕްރެޝަރުގައި ދެން ކުޅެން ބޭނުމެއްނުވާ ކަމަށާއި ސަބަބަކީ އަނިޔާއިން ރިކަވާވެގެން ހުރެވޭނީ ވެސް އެގޮތަށް ކުރިއަށް ގޮސްގެން ކަމަށެވެ.