Roadha Mihaaru
ފެޑެރާ ޓެނިހުން ރިޓަޔާކުރަން ނިންމައިފި

ފެޑެރާ ޓެނިހުން ރިޓަޔާކުރަން ނިންމައިފި

15 ސެޕްޓެމްބަރ 2022

ކަކުލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ކުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށާއި އަންނަ ހަފުތާގައި ފަށާ ލެވާ ކަޕަށް ފަހު އެއްކޮށް ކުޅުން ހުއްޓާލާނެ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކަކުލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ކުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށާއި އަންނަ ހަފުތާގައި ފަށާ ލެވާ ކަޕަށް ފަހު އެއްކޮށް ކުޅުން ހުއްޓާލާނެ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ބުނެފި އެވެ.

ގްރޭންޑް ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ އުމުރުން 41 އަހަރުގެ ކުޅުންތެރިޔާ މިދިޔަ އަހަރުގެ ވިމްބަލްޑަންގެ ކުއާޓާ ފައިނަލުން ކެޓި ފަހުން ހުރީ ކުޅުމާ ދުރުގަ އެވެ. އެ މުބާރާތަށް ފަހު އޭނާ ދޮޅު އަހަރު ތެރޭ ތިން ވަނަ ފަހަރަށް ކަކޫ އޮޕަރޭޝަންކުރި އެވެ.

މިދިޔަ ތިން އަހަރު ފެޑެރާ ހޭދަކުރީ ކަކުލުގެ އަނިޔާގަ އެވެ. އޭނާ އަށް 2020 ވަނަ އަހަރުގެ ފަހުން ބޭއްވި 11 ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން ބައިވެރިވެވުނީ އެންމެ ތިން މުބާރާތުގަ އެވެ.

ފެޑެރާ ސޯޝަލް މީޑިއާގައި ލިޔުނު ގޮތުގައި މިދިޔަ 24 އަހަރު ޓެނިހުގައި ކުރެވުނީ އާދަޔާހިލާފު ތަޖުރިބާއެއް ކަމަށެވެ.

"ބައެއް ފަހަރު ހީވޭ ވޭތުވެގެންދިޔައީ 24 ގަޑިއިރޭ ވެސް. އެކަމަކު އެ ތަޖުރިބާގެ ފުންކަމާއި ޖާދުވީ ކަމުން ބައެއް ފަހަރު އިހުސާސްކުރެވޭ ވޭތުވެގެންދިޔައީ ހަޔާތެއްގެ ދިގުމިނޭ،" ފެޑެރާ ލިޔުނެވެ.

ފެޑެރާ ބުނީ އަނިޔާ އިން ސަލާމަތްވެ ސަތޭކަ ޕަސެންޓް ފިޓުވާން މަސައްކަތްކުރި ކަމަށާއި އެކަމަކު އޭނާގެ ހަށިގަނޑު އެކަމަށް ތަބާނުވި ކަމަށެވެ.

"އަހަރެން ހުވަފެނުން ވެސް ނުދެކޭ ހާ ރަނގަޅަށް މި ކުޅިވަރު އަހަންނާ މެދު އަމަލުކުރީ. އެހެންވެ ވާދަވެރި ކެރިއަރު ނިންމަންވީ ވަގުތު ޖެހުމުން އެކަން ގަބޫލުކުރަން ޖެހޭ،" ފެޑެރާ ލިޔުނެވެ.

ޕްރޮފެޝަނަލް ޓެނިހުގެ ތެރެއަށް 1998 ވަނަ އަހަރު ނުކުތް ފެޑެރާ ވިދާލީ 2003 ވަނަ އަހަރު ވިމްބަލްޑަން ކާމިޔާބުކުރުމުންނެވެ. އޭނާ އެ މުބާރާތް ޖުމްލަ އަށް ފަހަރު ކާމިޔާބުކުރި އެވެ. މީގެ އިތުރުން އޮސްޓްރޭލިއަން އޯޕަން ހަ ފަހަރު، ފްރެންޗް އޯޕަން އެއް ފަހަރު އަދި ޔޫއެސް އޯޕަން ހަތަރު ފަހަރު ހާސިލްކުރި އެވެ.

ފެޑެރާގެ 20 ގްރޭންޑް ސްލޭމްއާ އެކު އޭނާ އަކީ ފިރިހެން ކުޅުންތެރިންގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. މި ލިސްޓުގެ އެއް ވަނައިގައި 22 ތަށްޓާ އެކު އޮތީ ސްޕެއިނުގެ ރަފައެލް ނަޑާލް އެވެ. އަދި ތިން ވަނައިގައި އޮތީ 21 ތަށްޓާ އެކު ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ.