Roadha Mihaaru
ތިން ވަނަ އޮޕަރޭޝަނަށް ފެޑެރާ ސީޒަން ނިންމާލައިފި

ކަކުލުގެ ތިން ވަނަ އޮޕަރޭޝަން ކުރަން ޖެހި ފެޑެރާ އަށް ސީޒަން ނިމިއްޖެ

16 އޯގަސްޓް 2021

ޒިޔުރިކު (އޮގަސްޓް 16) - ކަނާތު ކަކުލުގެ ތިން ވަނަ އޮޕަރޭޝަން ކުރަން ޖެހި ޓެނިހުގެ ތަރި ރޮޖާ ފެޑެރާ އަށް ސީޒަން ނިމިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޒިޔުރިކު (އޮގަސްޓް 16) - ކަނާތު ކަކުލުގެ ތިން ވަނަ އޮޕަރޭޝަން ކުރަން ޖެހި ޓެނިހުގެ ތަރި ރޮޖާ ފެޑެރާ އަށް ސީޒަން ނިމިއްޖެ އެވެ.

މި މަހުގެ 8 ވަނަ ދުވަހު، 40 އަހަރު ފުރުނު ފެޑްރާ އެންމެ ފަހުން ކުޅުނީ މިދިޔަ މަހު ބޭއްވި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓަ ފައިނަލުގަ އެވެ. ފެޑްރާގެ ފިޓްނަސް ލެވަލްއާ މެދު ސުވާލު އުފެދުނީ މި މަހު ނިމިގެން ދިޔަ އޮލިމްޕިކް ގޭމްސްގައި ވާދަނުކުރާނެ ކަމަށް އޭނާ ކުރިން އިއުލާން ކުރުމުންނެވެ. އަދި އޭގެ ފަހުން ފެޑެރާ ވަނީ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ވެސް ވާދަނުކުރާނެ ކަމަށް ބުނެފަ އެވެ.

މި އަހަރު އެއްވެސް މުބާރާތަކުން އޭނާ ދެން ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އޮޕަރޭޝަން ކުރަން ޖެހޭކަން އިއުލާން ކުރަމުން އިންސްޓަގްރާމްގައި ހިއްސާ ކުރި ވީޑިއޯއެއްގައި ފެޑެރާ ބުނީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އޭނާ އޮޕަރޭޝަން ކުރަން ކޮންމެހެން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ.

އުމުރުން 40 އަހަރު ފުރުނަސް އެހާ އަވަހަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެ އެވެ.

"އަހަރެންގެ އަމިއްލަ ނަފުސަށް ވެސް އަހަރެން ބޭނުން އުންމީދެއް ދޭން،" ސްވިޒަލެންޑްގެ ކުޅުންތެރިޔާ ބުންޏެވެ. "އަދި އަހަރެން ބޭނުން ޓެނިސް ޓުއާތަކުގައި އަލުން ވާދަކުރުމަށް ކޯޓަށް ނުކުންނަން."

ޓެނިހުގެ އެންމެ ޝަރަފުވެރި މުބާރާތް، ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން 20 ފަހަރު ފެޑެރާ ވަނީ ހޯދައިފަ އެވެ.