Roadha Mihaaru
48،000 ޓިކެޓް 10 މިނިޓް ތެރޭ ވިިކިއްޖެ!

ނަޑާލާއި ފެޑެރާގެ މެޗު: 48،000 ޓިކެޓް 10 މިނިޓް ތެރޭ ވިިކިއްޖެ!

06 ސެޕްޓެމްބަރ 2019

ޖޮހޭނަސްބާގް، ދެކުނު އެފްރިކާ (ސެޕްޓެމްބަރު 6) - ޓެނިސް ލެޖެންޑުން ކަމަށްވާ ސްޕެއިނުގެ ރަފައެލް ނަޑާލާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އަންނަ އަހަރު ފެބްރުއަރީގައި ދެކުނު އެފްރިކާގައި ކުޅޭ ދައްކާލުމުގެ މެޗުގެ 48،000 ޓިކެޓް އެންމެ 10 މިނިޓް ތެރޭ ވިކި ހުސްވެފައިވާ ކަމަށް މެޗު އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޖޮހޭނަސްބާގް، ދެކުނު އެފްރިކާ (ސެޕްޓެމްބަރު 6) - ޓެނިސް ލެޖެންޑުން ކަމަށްވާ ސްޕެއިނުގެ ރަފައެލް ނަޑާލާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އަންނަ އަހަރު ފެބްރުއަރީގައި ދެކުނު އެފްރިކާގައި ކުޅޭ ދައްކާލުމުގެ މެޗުގެ 48،000 ޓިކެޓް އެންމެ 10 މިނިޓް ތެރޭ ވިކި ހުސްވެފައިވާ ކަމަށް މެޗު އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރުކުރި ކޭޕް ޓައުން ސްޓޭޑިއަމްގައި ކުޅޭ މި މެޗާ އެކު ޓެނިސް މެޗެއް ބަލަން މިހާތަނަށް އެންމެ ގިނަ މީހުންގެ ރެކޯޑް ވެސް މުގުރާލާނެ އެވެ. މިހާތަނަށް ޓެނިސް މެޗެއް ބަލަން އެންމެ ގިނަ ބަޔަކު ވަނީ ބެލްޖިއަމްގެ ބްރުސެލްސްގައި 2010 ވަނަ އަހަރު ކިމް ކްލައިޝާސް އާއި ސެރީނާ ވިލިއަމްސް ބައްދަލުކުރި މެޗަށެވެ. އެ މެޗަށް ވަނީ 35،681 ސަޕޯޓަރުންނެވެ.

ނަޑާލާއި ފެޑެރާ ބައްދަލުކުރާ މެޗު އިންތިޒާމްކުރާ ޓީމުގެ ތަރުޖަމާނު މީޑިއާ އަށް ބުނީ ޓިކެޓް ވިއްކާ ތަންތަނުންނާއި އޮންލައިންކޮށް ޓިކެޓް ގަތް މީހުން ފުރުސަތު ހުޅުވާލިތާ 10 މިނިޓް ތެރޭ 48،000 ޓިކެޓް ގަނެފައިވާ ކަމަށެވެ.

"އަހަރެމެން މި ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި. އެއީ 10 މިނިޓުން މިހުރިހާ ޓިކެޓެއް ހުސްވެއްޖެ. އަދިވެސް އެވަރަކަށް މީހުންގެ ރިކުއެސްޓް އެބައާދޭ. މި ވަރުގެ ސަޕޯޓެއް ފެނުމުން ހައިރާންވޭ،" ރޮޖާ ފެޑެރޭ ފައުންޑޭޝަންގެ ޗީފް އެގްޒެކްޓިވް ޖެނީން ހެންޑަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެޗު ބެލުމުގެ އިންތިޒާމް އެކި ކެފޭތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މިއީ ނަޑާލާއި ފެޑެރާގެ ފޯރިގަދަ ކުރިމަތިލުމެއް ފެނިގެންދާނެ މެޗެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ހަތް ވަނަ ދުވަހަށް ތާވަލުކޮށްފައިވާ މި މެޗުގެ ޓިކެޓްތަކުގެ އަގުތައް އުޅެނީ 50 ޔޫރޯ އާއި 150 ޔޫރޯއާ ދެމެދުގެ އަގުތަކުގަ އެވެ. އަދި ވީއައިޕީ އާއި ހާއްސަ ޓިކެޓްތަކުގެ އަގުތައް 300 ޔޫރޯ އާއި 500 ޔޫރޯގެ ދެމެދުގެ އަގުތަކެއްގަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ބްލެކް މާކެޓްގައި މިހާރު ވެސް މި މެޗުގެ ޓިކެޓްތަކުގެ އަގު ވަނީ 700 ޔޫރޯ އަށް އުފުލިފަ އެވެ.

މި ވަގުތުގެ ދުނިޔޭގެ ރޭންކިން އަށް ބަލާއިރު ނަޑާލް އޮތީ ދެ ވަނައިގަ އެވެ. އަދި އުމުރުން 38 އަހަރުގެ ފެޑެރޭ އޮތީ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ސާބިއާގެ ނޮވަކް ޖޮކޮވިޗް އެޗެ. މިދިޔަ ވިއްސަކަށް އަހަރު ދުނިޔޭގެ ޓެނިހުގައި އެންމެ ނަން ހިނގި ދެ ކުޅުންތެރިންގެ ތެރޭގައި ފެޑެރާ އާއި ނަޑާލް ހިމެނޭނެކަން ޔަގީނެވެ.

ނަޑާލާއި ފެޑެރާ ބައްދަލުކުރާ މެޗުތައް ދުނިޔޭގެ އެހެން މަޝްހޫރު ކުޅިވަރުގެ ތަރިންގެ މެދުގައި ވެސް މަގުބޫލެވެ. އެގޮތުން ފުޓްބޯޅަ ކުޅުންތެރިންނާއި ބާސްކެޓްބޯޅަ ތަރިންގެ އިތުރުން ގޮލްފް ކުޅުންތެރިން ވެސް މި ދެ ކުޅުންތެރިން ވާދަކުރާ މެޗުތައް ބަލަން ދެ އެވެ. މިހާރު ކުރިއަށްދާ ޔޫއެސް އޯޕަންގެ ފައިނަލުގައި ފެޑެރާ އާއި ނަޑާލްގެ ފައިނަލެއް ފެނިދާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކޮށް ފައިނަލުގެ ޓިކެޓް ނެގި ނަމަވެސް ފެޑެރާ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ. އުމުރުން 33 އަހަރުގެ ނަޑާލް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވާއިރު، އޭނާ އަކީ މިހާރު މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެވެ.