Roadha Mihaaru
ދެ ވާދަވެރިން ފުރަތަމަ ފަހަރަށް އެއް ޓީމަކަށް!

ޓެނިހުގެ ދެ ވާދަވެރިން ފުރަތަމަ ފަހަރަށް އެއް ޓީމަކަށް!

24 ސެޕްޓެމްބަރ 2017

ޕްރާގް، ޗެކް ރިޕަބްލިކް (ސެޕްޓެމްބަރު 24) - މިދިޔަ ފަނަރަ ވަރަކަށް އަހަރަށް ބަލާއިރު ޓެނިހުގެ އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާ ރޮޖާ ފެޑެރާ އާއި ރަފައެލް ނަޑާލް ފުރަތަމަ ފަހަރަށް ޑަބަލްސް މެޗެއް އެއް ޓީމަކަށް ކުޅެފި އެވެ.

ޕްރާގް، ޗެކް ރިޕަބްލިކް (ސެޕްޓެމްބަރު 24) - މިދިޔަ ފަނަރަ ވަރަކަށް އަހަރަށް ބަލާއިރު ޓެނިހުގެ އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާ ރޮޖާ ފެޑެރާ އާއި ރަފައެލް ނަޑާލް ފުރަތަމަ ފަހަރަށް ޑަބަލްސް މެޗެއް އެއް ޓީމަކަށް ކުޅެފި އެވެ.

ނަޑާލާއި ފެޑެރާ ޑަބަލްސްގައި އެއް ޓީމަކަށް ކުޅެފައި މިވަނީ ދާދި ފަހުން ފެށި ޓެނިހުގެ ހާއްސަ މުބާރާތް ކަޕް ކަމަށްވާ ލެވާ ކަޕްގަ އެވެ. މި މުބާރާތް ކުޅެނީ ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ ޓީމަކާއި ޔޫރަޕް ނޫން ދެން އޮތް ހުރިހާ ބައްރުތަކުގެ ކުޅުންތެރިންގެ މައްޗަށް ހިމެނޭ ޓީމެއްގެ މެދުގަ އެވެ.

ފެޑެރާ އާއި ނަޑާލް އިއްޔެ ފުރަތަމަ ފަހަރަށް އެއް ޓީމަކަށް ޑަބަލްސް ކުޅުނުއިރު އެ ޓީމުން ވަނީ ފަސޭހަ ކަމާ އެކު އެމެރިކާގެ ސޭމް ކުއޭރޭ އާއި ޖެކް ސޮކްގެ ޓީމު ބަލިކޮށްފަ އެވެ. ފެޑެރާ އާއި ނަޑާލްގެ ޓީމުން މި މެޗު ކާމިޔާބުކުރީ 6–4, 1–6, އިންނެވެ.

ލޭވާ ކަޕްގެ މެޗެއްގެ ތެރެއިން ފެޑެރާ (ވ) އާއި ނަޑާލް.-- ފޮޓޯ: އޭއެފްޕީ

ލޭވާ ކަޕްގެ މެޗެއްގެ ތެރެއިން ފެޑެރާ (ވ) އާއި ނަޑާލް.-- ފޮޓޯ: އޭއެފްޕީ

"މިއީ ހަނދާނުން ފޮހެލަން ދަތިވާނެ ދުވަހެއް. މިވީ ހުރިހާ ދުވަހު ދެކޮޅަށް ކުޅުނު އެންމެ ވާދަވެރި ކުޅުންތެރިއާއާ އެއް ޓީމަކަށް ކުޅެލުމުގެ ފުރުސަތު ލިބުން އެއީ ހީނުކުރާ ކަމެއް ކުރިން. މި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބުމުން އުފާކުރަން،" މެޗަށް ފަހު ނަޑާލް ނޫސްވެރިން ގާތުގައި ބުންޏެވެ.

ފެޑެރާ ބުނީ ނަޑާލާ އެކު ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ހުވަފެނުގައި ވެސް އޭނާ އުއްމީދު ނުކުރާ ކަމަށެވެ.

"މިއީ އަހަރެން ހުވަފެނުގައި ވެސް ނުދެކޭ ކަމެއް. އުއްމީދު ވެސް ނުކުރަން. އަހަރެމެން އެއް ފަހަރު ވޯލްޑް ޓުއާ ފައިނަލްސްގައި އެކުގައި ފަރިތަކުރިން. އެކަމަކު އޭރު ވެސް ހިއެއް ނުކުރަން. މުބާރާތެއްގައި އެއް ޓީމަކަށް މެޗެއް ކުޅެލަން ލިބޭނެ ކަމަށް. މިއީ ތަފާތު ތަޖުރިބާއެއް. އަހަރެމެން އަބަދުވެސް ވާނީ ވާދަވެރިންނަށް،" ފެޑެރާ ބުންޏެވެ.

ޗެކް ރިޕަބްލިކްގެ ކުޅުންތެރިއާ ތޯމަސް ބާޑިޗް ބުނީ ނަޑާލާއި ފެޑެރާ އެއް ޓީމަކަށް ކުޅޭ މެޗެއް ބަލާލުމަކީ ޓެނިސް ސަޕޯޓަރުންނާއި ކުޅުންތެރިން ވެސް ވަރަށް އެދިގެން ތިބި ކަމެއް ކަމަށެވެ.

ލޭވާ ކަޕަކީ ޓެނިހުގެ ލެޖެންޑެއް ކަމަށްވާ އޮސްޓްރިއާގެ ރޮޑް ލޭވާގެ ހަނދާނުގައި ގޮލްފްގެ ރައިޑާ ކަޕާ އެއް ފޯމެޓަށް ކުރިއަށްދާ މުބާރާތެކެވެ. ދެ ޓީމެއްގެ މެދުގައި ކުޅެވޭ މި މުބާރާތުގައި މޮޅުވާނީ އެންމެ ފުރަތަމަ 13 ޕޮއިންޓް ހަމަކުރާ ޓީމެކެވެ. މި ވަގުތު ކުރީގައި އޮތީ ޔޫރަޕްގެ ޓީމެވެ.

ނަޑާލާއި ފެޑެރާ އަނިޔާވުމުންނާއި ފޯމު ގެއްލުމުގެ ސަބަބުން މިދިޔަ އަހަރުތަކުގައި ކުޅުން ދަށްވި ނަމަވެސް މި އަހަރު އަންނަނީ ކާމިޔާބު ހޯދަމުންނެވެ. މި އަހަރުގެ ހަތަރު ގްރާންޑް ސްލޭމް މުބާރާތުގެ ތެރެއިން ދެ މުބާރާތް ނަޑާލް ކާމިޔާބުކުރިއިރު، އަނެއް ދެ މުބާރާތް ގެންދިޔައީ ފެޑެރާ އެވެ. މި ދެ ކުޅުންތެރިން މިހާތަނަށް ޖުމްލަ 35 ގްރޭންޑް ސްލޭމް މުބާރާތް ވަނީ ކާމިޔާބު ކޮށްފަ އެވެ.