Roadha Mihaaru
އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި

އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި

22 ޖުލައި 2024

އޮލިމްޕިކްސް އިން ތިން ވަނަ ރަން މެޑެއްޔެއް ހޯދުމުގެ އަޒުމުގައި މި ފަހަރުގެ ގޭމްސްއާ ކުރިމަތިލާއިރު، އޭނާ ހުރީ ހުންނަން ޖެހޭ ވަރަށް ވުރެ ދަށް ފޯމެއްގައި ކަމަށް ސްޕެއިނުގެ ޓެނިސް ލެޖެންޑް ރަފައެލް ނަޑާލް ބުނެފި އެވެ.

އޮލިމްޕިކްސް އިން ތިން ވަނަ ރަން މެޑެއްޔެއް ހޯދުމުގެ އަޒުމުގައި މި ފަހަރުގެ ގޭމްސްއާ ކުރިމަތިލާއިރު، އޭނާ ހުރީ ހުންނަން ޖެހޭ ވަރަށް ވުރެ ދަށް ފޯމެއްގައި ކަމަށް ސްޕެއިނުގެ ޓެނިސް ލެޖެންޑް ރަފައެލް ނަޑާލް ބުނެފި އެވެ.

ނަޑާލް ވަނީ 2022 ވަނަ އަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކުރި ފަހުން ކުޅުނު ފުރަތަމަ ފައިނަލުގައި އިއްޔެ ސްވިޑިޝް އޯޕަންގައި ޕޯޗުގަލްގެ ނޫނޯ ބޯޖެސް އަތުން ބަލިވެފަ އެވެ.

"އަހަރެންގެ ފެންވަރު މިހުރީ ހުންނަން ޖެހޭ ވަރަށް ވުރެ މާ ދަށުގައި. ހަކަތަ ވެސް ހުރީ އެހާ ދަށުގައި ކަންނޭގެ،" އުމުރުން 38 އަހަރުގެ ނަޑާލް ބުންޏެވެ.

ނަޑާލް ބުނީ ޖެހިޖެހިގެން ހަތަރު ދުވަހު، ދިގު މެޗުތަކެއް ކުޅުމަށް އޭނާ ހޭނިފައި ނުވާ ކަމަށާއި އެހެންވެ މި މުބާރާތުގެ މެޗުތަކާ އެކު ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ބަލިވެފައިވާ ކަމަށެވެ.

މި މުބާރާތަކީ މޭ މަހު ފްރެންޗް އޯޕަންގެ ފުރަތަމަ ބުރުން ކެޓި ފަހުން ނަޑާލް ކުޅުނު ފުރަތަމަ މުބާރާތެވެ. އޭނާ ދާދި ފަހުން ނިމުނު ވިމްބަލްޑަންގައި ނުކުޅުނީ ވެސް، އޮލިމްޕިކްސް އަށް ތައްޔާރުވާން ކްލޭ ކޯޓު މެޗުތަކަށް ސަމާލުކަން ދޭށެވެ.

އޮލިމްޕިކްސްގެ ޓެނިސް އިވެންޓް އޮންނާނީ ނަޑާލް އޭނާގެ 22 ގްރޭންޑް ސްލޭމުގެ ތެރެއިން 14 މުބާރާތް ނިސްބަތްވާ ފްރެންޗް އޯޕަން ވެސް އޮންނަ ޕެރިހުގެ ރޮލެންޑް ގެރޯސް ސްޓޭޑިއަމުގަ އެވެ.

ނަޑާލް ވަނީ 2008 ގެ ބެއިޖިން އޮލިމްޕިކްސް އިން ސިންގަލްސް ރަން މެޑަލް އަދި 2016 ގެ ރިއޯ ޑި ޖެނެއިރޯ އޮލިމްޕިކްސް އިން ޑަބަލްސް ރަން މެޑަލް ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގެ ސިންގަލްސްގެ އިތުރުން ނަޑާލް ސްޕެއިން ވެސް ތަމްސީލުކުރާނެ އެވެ. އޭނާގެ ބައިވެރިޔަކީ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ކާމިޔާބުކުރި ޒުވާން ކުޅުންތެރިޔާ ކާލޯސް އަލްކަރާޒް އެވެ.

ނަޑާލް ބުނީ ފޯމު ދަށްވެފައި ވިޔަސް، އޮލިމްޕިކްސްގެ ކުރިން ފައިނަލެއްގައި ކުޅެލެވުމަކީ ޕޮޒިޓިވް ކަމެއް ކަމަށާއި އަނިޔާއެއް ނުވެ ގިނަ ވަގުތު ކުޅެވުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށެވެ.

ދުނިޔޭގެ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ނަޑާލް އަށް މި ފަހަކަށް އައިސް ކުރިމަތިވި އަނިޔާގެ ގިނަ މައްސަލަތަކާ ހެދި ރޭންކިން ވެސް ވަނީ ދަށްވެފަ އެވެ. އޮލިމްޕިކްސް އަކީ ރިޓަޔާކުރުމުގެ ކުރިން އަނެއްކާ ވެސް ދުނިޔޭގެ އުހަށް ޖެހިލުމަށް އޭނާ އަށް ލިބޭނެ ފުރުސަތެކެވެ.