Roadha Mihaaru
ފެޑެރާގެ ހުވަފެން ފެށުނީ ބޯޅަ ހޮވަން އުޅުމުގެ ތެރޭގައި

ފެޑެރާގެ ހުވަފެން ފެށުނީ ބޯޅަ ހޮވަން އުޅުމުގެ ތެރޭގައި

29 އޮކްޓޯބަރ 2019

ބަސެލް (އޮކްޓޫބަރު 29) - ޓެނިސް ކުޅުންތެރިޔެއްގެ ގޮތުގައި ކުރިއަށްދާން ހިތްވަރު ލިބުނީ މީގެ ތިރީސް ވަރަކަށް އަހަރު ކުރިން އަމިއްލަ ގައުމުގައި ކުރިއަށްދިޔަ ބޮޑު މުބާރާތްތަކުގައި ބޯލްބޯއީ އެއްގެ ގޮތުގައި ބޯޅަ ހޮވަން އުޅުމުގެ ތެރޭގައި ކަމަށް ޓެނިސް ލެޖެންޑް ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބަސެލް (އޮކްޓޫބަރު 29) - ޓެނިސް ކުޅުންތެރިޔެއްގެ ގޮތުގައި ކުރިއަށްދާން ހިތްވަރު ލިބުނީ މީގެ ތިރީސް ވަރަކަށް އަހަރު ކުރިން އަމިއްލަ ގައުމުގައި ކުރިއަށްދިޔަ ބޮޑު މުބާރާތްތަކުގައި ބޯލްބޯއީ އެއްގެ ގޮތުގައި ބޯޅަ ހޮވަން އުޅުމުގެ ތެރޭގައި ކަމަށް ޓެނިސް ލެޖެންޑް ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ފެޑެރާ ވަނީ އޭނާގެ އުފަން ގައުމުގެ އެންމެ ބޮޑު ޓެނިސް މުބާރާތް ކަމަށްވާ ބާސެލް ޓްރޮފީ 10 ވަނަ ފަހަރަށް ކާމިޔާބު ކޮށްފަ އެވެ. މިއީ ޓެނިހުގެ ގްރޭންޑް ސްލޭމް 20 ތަށި އުފުލާލައިފައިވާ ފެޑެރާ އޭޓީޕީ މުބާރާތްތަކުގެ ތެރެއިން ކާމިޔާބުކުރި 103 ވަނަ ތަށްޓެވެ.

ބާސެލް މުބާރާތުގެ ފައިނަލުގައި އޮސްޓްރޭލިއާގެ އަލެކްސް ޑި މެނޯ އަތުން ހޯދި މޮޅަށް ފަހު ސްވިޒަލެންޑްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ފެޑެރާ ވަނީ އެ ތަނުގައި ތިބި ބޯޅަ ހޮވާ ކުދިންނަށް އިޝާރާތްކޮށް ވާހަކަ ދައްކައިފަ އެވެ.

"އަހަރެން ހިތްހަމަ ޖެހުން ލިބޭ އެންމެ ބޮޑު ސަބަބަކީ ޓެނިހުގެ ޝައުގުވެރިކަން ހުރި ގިނަ ކުދިންތަކެއް ބޯޅަ ހޮވަން ގެންނާތީ. ހަގީގަތުގައި މިއީ އަހަރެން ދެކެން ބޭނުންވާ ކަމެއް. އަހަރެން ޕްރޮފެޝަނަލްކޮށް ޓެނިސް ކުޅެން ބޭނުންވެ މިކަމުގެ ޝައުގުވެރިކަން ބޮޑުވީ ވެސް މިހެން ބޮޑެތި މުބާރާތްތަކުގައި ބޯޅަ ހޮވަން އުޅުމުގެ ތެރޭގައި. މޮޅު ޓެނިސް ކުޅުންތެރިޔަކަށް ވުމުގެ ހުވަފެން ފެށުނީ ވެސް މި ތަނުންނޭ ބުނެވިދާނެ. އަދިވެސް ހަނދާން ހުރޭ މި މުބާރާތް (ބާސެލް ޓްރޮފީ) ގައި އަހަރެން ބޯޅަ ހޮވި ދުވަސް މަތިން،" ފެޑެރާ ބުންޏެވެ.

ފައިނަލް މެޗުގެ ތެރެއިން ފެޑެރާ. -- ފޮޓޯ: އޭއެފްޕީ

ފައިނަލް މެޗުގެ ތެރެއިން ފެޑެރާ. -- ފޮޓޯ: އޭއެފްޕީ

ފައިނަލް މެޗަށް ފަހު ފެޑެރާ ވަނީ އެ މުބާރާތުގައި ބޯޅަ ހޮވަން އުޅުނު ހުރިހާ ކުޅުންތެރިންނަށް އޭނާގެ ހަރަދުގައި ޕިއްޒާ ދީފަ އެވެ.

މި ކާމިޔާބީ އަށް ފަހު އުމުރުން 38 އަހަރުގެ ފެޑެރާ ދިނީ އޭނާގެ ސަޕޯޓަރުން އަޑު އަހަން އެންމެ ބޭނުންވާނެ މެސެޖެއް ނޫނެވެ. އެއީ ކުރިއަށް އޮތް ޕެރިސް މާސްޓާސް މުބާރާތުގައި ވާދަނުކުރާނެ ކަމުގެ މެސެޖެވެ.

"ފްރާންސްގައި ތިބި އަހަރެންގެ ސަޕޯޓަރުންނަށް މާފަށް އެދެން. އަންނަ އަހަރުގެ ފްރެންޗް އޯޕަންގައި އަހަރެން ނުފެންނާނެ،" ފެޑެރާ ބުންޏެވެ.

މިދިޔަ އަހަރުގެ ޕެރިސް މާސްޓާސްގައި ފެޑެރާ ވާދަކުރީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ފަހަރު ސެމީގައި ފެޑެރާ ބަލިވީ މިހާރު ދުނިޔޭގެ އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް އަތުންނެވެ. މި ވަގުތު ރޭންކިންގެ ތިން ވަނައިގައި އޮތް ފެޑެރާ ދެން ކުޅޭނެ މުބާރާތަކީ އަންނަ މަހު 10 ވަނަ ދުވަހު ލަންޑަނުގައި ފަށާ އޭޓީޕީ ޓުއާ ފައިނަލްސްގަ އެވެ.