Roadha Mihaaru
ޒުވާން ތަރި ސިޓްސިޕާސް އަށް ތާރީހީ ކާމިޔާބެއް

ޒުވާން ތަރި ސިޓްސިޕާސް އަށް ތާރީހީ ކާމިޔާބެއް

18 ނޮވެމްބަރ 2019

ލަންޑަން (ނޮވެމްބަރު 18) - ފައިނަލުގައި ޑޮމިނިކް ތިއެމް ބަލިކޮށް މިދިޔަ 18 އަހަރު ތެރޭ އޭޓީޕީ ފައިނަލްސް ތަށި އުފުލާލި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ގްރީސްގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ސްޓެފަނޯސް ސިޓްސިޕާސް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 18) - ފައިނަލުގައި ޑޮމިނިކް ތިއެމް ބަލިކޮށް މިދިޔަ 18 އަހަރު ތެރޭ އޭޓީޕީ ފައިނަލްސް ތަށި އުފުލާލި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ގްރީސްގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ސްޓެފަނޯސް ސިޓްސިޕާސް ހޯދައިފި އެވެ.

އުމުރުން 21 އަހަރުގެ ސިޓްސިޕާސްގެ ކުރިން ސީޒަނުގެ އެންމެ ފަހު މުބާރާތް ކަމަށްވާ އޭޓީޕީ ފައިނަލްސް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިއަކީ 2001 ވަނަ އަހަރުގެ ތަށި އުފުލާލި ލޭޓަން ހެވިޓް އެވެ. އޭރު އޭނާގެ އުމުރަކީ 20 އަހަރެވެ.

ތިއެމްގެ މައްޗަށް ފައިނަލުގައި 6-7 (6-8) 6-2 7-6 (7-4) އިން ކުރި ހޯދުމުގެ ކުރިން ސެމީގައި ސިޓްސިޕާސް ވަނީ ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ބަލިކޮށްފަ އެވެ. ފައިނަލްސްގެ ތަށި އުފުލާލައި ޓެނިސް ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަށް ފަހު ސިޓްސިޕާސް ބުނީ ދެން ބޭނުންވަނީ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ތަފާތު ދައްކަން ކަމަށެވެ.

"މިއީ އަހަރެންގެ ފެށުމެއް ކަމަށް ބަލަމާ. މިއީ އަހަރެން ދުނިޔޭގެ ބޮޑު މުބާރާތެއްގެ ތަށީގައި އަތްލަން ކުރި ދަތުރުގެ ނިމުމެއް. މިހާރު ޕްރެޝަރަށް ހައްލެއް ލިބިއްޖެ. ދެން އޮތީ ކުރިއަށްދިއުން. ގްރޭންޑް ސްލޭމް މުބާރާތްތަކަށް ޓާގެޓް ހުރީ،" ސިޓްސިޕާސް ބުންޏެވެ.

ދުނިޔޭގެ ރޭންކިން ހަ ވަނައިގައި މި ވަގުތު އޮތް ސިޓްސިޕާސް އަކީ ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ދުނިޔޭގެ ޓެނިހުގައި ވިދާލާނެ ކުޅުންތެރިޔެކެވެ. ފަހަކަށް އައިސް ޓެނިހުގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ފެޑެރާ އާއި ރަފައެލް ނަޑާލް އަދި ނޮވަކް ޖޮކޮވިޗް ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ސިޓްސިޕާސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭންކިން އެއް ވަނައިގައި އޮތް ނަޑާލަށް އޭޓީޕީ ފައިނަލްސްގައި ކާމިޔާބެއް ނުލިބުނު ނަމަވެސް އޭނާ ވަނީ އެއް ވަނަ މަގާމު ދިފާއު ކޮށްފަ އެވެ. އެއީ އޭނާއާ އެއް ވަަނަ މަގާމަށް ވާދަކުރަން ހުރި ރޭންކިން ދެ ވަނައިގައި އޮތް ޖޮކޮވިޗަށް ވެސް މި މުބާރާތުގައި އެދެވޭ ނަތީޖާއެއް ނުނެރެވުމުންނެވެ.