Roadha Mihaaru

ޓެނިހުން ގޮލްފަށް؛ އެންޑީ މަރޭ ގޮލްފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ

މިދިޔަ އަހަރު ޓެނިހުން ރިޓަޔާ ކުރީ އެންޑީ މަރޭ، ގޮލްފްގެ އޯޕަން މުބާރާތުގައި ވާދަކުރަން ނިންމައިފި އެވެ.

އެންޑީ މަރޭ ގޮލްފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

12 ސެޕްޓެމްބަރ 2025

މިދިޔަ އަހަރު ޓެނިހުން ރިޓަޔާ ކުރީ އެންޑީ މަރޭ، ގޮލްފްގެ އޯޕަން މުބާރާތުގައި ވާދަކުރަން ނިންމައިފި އެވެ.

ދުނިޔޭގެ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، އެ ކުޅިވަރުން ރިޓަޔާ ކުރީ މިދިޔަ އަހަރު ބޭއްވި ޕެރިސް އޮލިމްޕިކްސް އަށް ފަހު އެވެ.

ގްރޭންޑް ސްލޭމް ތިން ފަހަރު ކާމިޔާބު ކުރީ މަރޭ، މިހާރު ވެސް ހުސްވަގުތުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން ގޮލްފް ކުޅެ އެވެ.

އިނގިރޭސިވިލާތުގެ ގޮލްފް މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިންނާ އެކު ވެސް މަރޭ ދަނީ ކުޅެމުންނެވެ.

އޭނާ ބުނީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ގޮލްފް މުބާރާތް "އޯޕަން ޗެމްޕިއަންޝިޕްގައި" ކޮލިފައިން މަރުހަލާގައި ވާދަކުރުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށެވެ.

އޯޕަން ޗެމްޕިއަންޝިޕްގެ ކޮލިފައިން ފަށާނީ ސަރަހައްދީ މުބާރާތްތަކުންނެވެ. މަރޭ ބުނީ އޭނާ އަށް އޯޕަން މުބާރާތަށް ކޮލިފައި ވެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"އެކަމަކު އަހަރެން ވާދަކުރާނަން ސަރަހައްދީ މުބާރާތްތަކުގައި،" މަރޭ ބުންޏެވެ.

"އަހަރެންގެ ބައެއް ރަށްޓެހިން ކުޅޭ (ސަރަހައްދީ މުބާރާތްތަކުގައި) އެއީ ވަރަށް މަޖާކަމަކަށް ވާނީ އެކި ލެވަލްތަކުގައި ވާދަކުރުން. އަހަރެން އެކަން ކުރާނަން. އެކަމަކު އަހަންނަކަށް ހީއެއްނުވޭ އޯޕަން މުބާރާތަށް އަހަންނަށް ކޮލިފައިވެވިދާނެ ހެނެއް."

އުމުރުން 38 އަހަރުގެ މަރޭ ބުނީ ސަރަހައްދީ މުބާރާތުގައި އޭނާ ވަދަކުރާނީ 2027 ގައި ކަމަށެވެ.