Roadha Mihaaru
މަރޭ ފުރަތަމަ ފަހަރަށް ޗައިނާ އޯޕަން ކާމިޔާބުކޮށްފި

މަރޭ ފުރަތަމަ ފަހަރަށް ޗައިނާ އޯޕަން ކާމިޔާބުކޮށްފި

10 އޮކްޓޯބަރ 2016

ބެއިޖިން (އޮކްޓޫބަރު 10) - އުނދަގޫ މެޗަކަށް ފަހު ފައިނަލުގައި ގްރިގޯ ޑިމިޓްރޯވް ބަލިކުރުމަށް ފަހު އެންޑީ މަރޭ ފުރަތަމަ ފަހަރަށް ޗައިނާ އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބެއިޖިން (އޮކްޓޫބަރު 10) - އުނދަގޫ މެޗަކަށް ފަހު ފައިނަލުގައި ގްރިގޯ ޑިމިޓްރޯވް ބަލިކުރުމަށް ފަހު އެންޑީ މަރޭ ފުރަތަމަ ފަހަރަށް ޗައިނާ އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މިއީ މަރޭގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 40 ވަނަ ސިންގަލްސް މުބާރާތެވެ. އޭގެ ތެރެއިން ފަސް ތަށި އޭނާ ކާމިޔާބުކުރީ މި އަހަރު އެވެ.

އުމުރުން 29 އަހަރުގެ މަރޭ މި މުބާރާތް ކާމިޔާބުކުރިއިރު، މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން އޭނާ އަތުން ސެޓެއް ނުގެއްލެ އެވެ. ފައިނަލުގައި ޑިމިޓްރޯވްއާ ވާދަކޮށް މަރޭ ސެޓުތައް ގެންދިޔައީ 6-4 7-6 އިންނެވެ.

މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރި ފަހުން މަރޭ ހުރީ ރަނގަޅު ފޯމެއްގަ އެވެ. އޭގެ ފަހުން އޭނާ ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ.

"އަަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ މިއީ އަހަރެންގެ އެންމެ ކާމިޔާބު ސީޒަން ކަމަށް. ކޮންމެ މުބާރާތެއްގައި އަހަރެންނަށް ފައިނަލުގައި ކުޅެން ފުރުސަތު އެބަލިބޭ. ކޮންމެ މެޗެއް ވެސް މިހާރު އަހަންނަށް ވަރަށް ހާއްސަ،" ސްކޮޓްލެންޑަށް އުފަން މަރޭ ބުންޏެވެ.

މަރޭ މިހާރު އަމާޒުހިފާފައިވަނީ ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރުމަށެވެ. އަނިޔާގެ ސަބަބުން ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް މި ފަަހަރު ޗައިނާ އޯޕަންގައި ނުކުޅެ އެވެ.

މިއަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި މަރޭ އަތުން ޖޮކޮވިޗް މޮޅުވި ނަމަވެސް އޭގެ ފަހުން ކުޅުނު އެއްވެސް މުބާރާތެއްގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އެހެން ނަމަވެސް ފްރެންޗް އޯޕަން އަށް ފަހު މަރޭ އައީ ކުޅުން ރަނގަޅު ކުރަމުންނެވެ. މަރޭ ވަނީ އޭގެ ފަހުން ވިމްބަލްޑަން އާއި އޮލިމްޕިކްސް ކާމިޔާބު ކޮށްފަ އެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި ޖޮކޮވިޗް މި ވަގުތު އޮތީ 13,540 ޕޮއިންޓާ އެކު އެވެ. ޗައިނާ އޯޕަން އިން ލިބުނު 500 ޕޮއިންޓާ އެކު މަރޭ ދެ ވަނައިގައި އޮތީ 9,845 ޕޮއިންޓް ހޯދައިގެންނެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ކުޅޭ އަށް މުބާރާތުން ޖޮކޮވިޗަށް ވުރެން މަރޭގެ ނަތީޖާ ރަނގަޅުވެއްޖެނަމަ ރޭންކިން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.

ޗައިނާ އޯޕަން އަންހެން ބައިގެ ޗެމްޕިއަންކަން އިނގިރޭސިވިލާތުގެ ޖޮހާނާ ކޮންޓާ ބަލިކުރުމަށް ފަހު ހޯދީ ޕޮލެންޑްގެ އަގްނިއެސްކާ ރަޑްވަންސްކާ އެވެ.