Roadha Mihaaru
ސީދާ ތިން ސެޓުން ބަލިވެގެން މަރޭ މުބާރާތުން ކަޓައިފި

އޮސްޓްރޭލިއަން އޯޕަން: ސީދާ ތިން ސެޓުން މަރޭ ބަލިވެއްޖެ

20 ޖެނުއަރީ 2022

މެލްބަން (ޖެނުއަރީ 20) - މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގައި ވާދަކުރާ އެންޑީ މަރޭ ދެވަނަ ބުރުގައި ޖަޕާނުގެ ޓާރޯ ޑެނިއަލްއާ ވާދަކޮށް ސީދާ ތިން ސެޓުން ބަލިވެގެން މުބާރާތުން ކަޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެލްބަން (ޖެނުއަރީ 20) - މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގައި ވާދަކުރާ އެންޑީ މަރޭ ދެވަނަ ބުރުގައި ޖަޕާނުގެ ޓާރޯ ޑެނިއަލްއާ ވާދަކޮށް ސީދާ ތިން ސެޓުން ބަލިވެގެން މުބާރާތުން ކަޓައިފި އެވެ.

ރޭންކިންގެ 120 ވަނައިގައި އޮތް ޑެނިއެލް، މަރޭއާ ވާދަކޮށް ސެޓުތައް ގެންދިޔައީ 6-4، 6-4، 6-4 އިންނެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ފެށި މަރޭ ވަނީ ފުރަތަމަ ބުރުގައި 21 ވަނައަށް ސީޑް ކޮށްފައިވާ ޖޯޖިއާގެ ނިކޯލޯޒް ބަސިލަޝިވިލީއާ ދެކޮޅަށް އުންމީދީ މޮޅެއް ހޯދައިފަ އެވެ.

ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ މަރޭ، 34، މިހާރު އޮތީ ރޭންކިންގެ 113 ވަނައިގަ އެވެ. ނަމަވެސް ގްރޭންޑް ސްލޭމް މުބާރާތެއްގައި މިހާތަނާށް އޭނާ ރޭންކިންގެ ގޮތުން ޑެނިއެލް އޮތް ހިސާބުގައި އޮތް ކުޅުންތެރިޔެއް އަތުން ބަލިވެފައެއް ނުވެއެވެ.

މި މޮޅާއެކު ޑެނިއެލް، 28، ވަނީ ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ތިންވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ތިންވަނަ ބުރުގައި އޭނާ ނުކުންނާނީ 11 ވަނައަށް ސީޑްކޮށްފައިވާ ޔަނިކް ސިނާއާ އެވެ. ސިނާ ވަނީ ދެވަނަ ބުރުގައި އެމެރިކާގެ ސްޓީވް ޖޯންސަން ސީދާ ތިން ސެޓުން ބަލި ކޮށްފައެވެ.

މިހާތަނަށް 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް ވެސް ވަނީ ދެވަނަ ބުރުގެ މެޗް ފަސޭހަ ކަމާ އެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ތިންވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ޖަރުމަންގެ ޔަނިކް ހަންފްމަންއާ ދެކޮޅަށް ނަޑާލް ކުޅުނު މެޗުގެ ސެޓްތައް ގެންދިޔައީ 6-2، 6-3، 6-4 އިންނެވެ.