Roadha Mihaaru
ސާނިއާ ގްރޭންޑް ސްލޭމް ކެރިއަރު ނިންމާލައިފި

ރިއްސަކާ އެކު ސާނިއާ ގްރޭންޑް ސްލޭމް ކެރިއަރު ނިންމާލައިފި

28 ޖެނުއަރީ 2023

މެލްބަން (ޖެނުއަރީ 27) - އޮސްޓްރޭލިއަން އޯޕަންގެ މިކްސްޑް ޑަބަލްސް ގެ ދެ ވަނަ ހޯދައި، އިންޑިއާގައި އުފެދުނު އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާ ސާނިޔާ މިރްޒާ އޭނާގެ ގްރޭންޑް ސްލޭމް ކެރިއަރު ނިންމާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެލްބަން (ޖެނުއަރީ 27) - އޮސްޓްރޭލިއަން އޯޕަންގެ މިކްސްޑް ޑަބަލްސް ގެ ދެ ވަނަ ހޯދައި، އިންޑިއާގައި އުފެދުނު އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާ ސާނިޔާ މިރްޒާ އޭނާގެ ގްރޭންޑް ސްލޭމް ކެރިއަރު ނިންމާލައިފި އެވެ.

އުމުރުން 36 އަހަރުގެ ސާނިއާ މިކްސްޑް ޑަބަލްސް ގައި ވާދަކުރީ، މީގެ 22 އަހަރު ކުރިން އޭނާގެ އުމުރުން 14 އަހަރުގައި ފުރަތަމަ ފަހަރަށް މިކްސްޑް ޑަބަލްސް ކުޅުނު އިންޑިއާގެ ރޯހަން ބޯޕަންނާ، 42، އާއެކު އެވެ.

މިއަދު ކުޅުނު ފައިނަލް ގައި ސާނިއާގެ ޕެއާ ބަލިވީ ބްރެޒިލްގެ ލުއިޒާ ސްޓެފާނީ އަދި ރަފައެލް މަޓޯސް އާ ވާދަކޮށް 7-6 (7-2) އަދި 6-2 އިންނެވެ.

ފައިނަލް މެޗަށް ފަހު ސާނިއާ (ވ) އާއި ރޯހަންގެ ޕެއާ، ވެމްޕިއަންކަން ހޯދި ބްރެޒިލްގެ ޕެއާއާ ސަލާން ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފައިނަލް މެޗަށް ފަހު ސާނިއާ (ވ) އާއި ރޯހަންގެ ޕެއާ، ވެމްޕިއަންކަން ހޯދި ބްރެޒިލްގެ ޕެއާއާ ސަލާން ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސާނިއާ ވަނީ ޑަބަލްސް އިވެންޓް ގައި ވެސް ވާދަ ކޮށްފަ އެވެ. ނަމަވެސް ކަޒަކިސްތާނުގެ އަނާ ޑެނިލީނާ އާއެކު އަށްވަނައަށް ސީޑް ކުރެވުނު ޕެއާ ބަލިވީ ދެ ވަނަ ބުރުންނެވެ. އޭނާ ވަނީ 2013 ވަނަ އަހަރު ސިންގަލްސް އިވެންޓުން ރިޓަޔާ ވެފަ އެވެ.

"ރޯހަން އެއީ އަހަރެންގެ އުމުރުން 14 އަހަރުގައި ފުރަތަމަ މިކްސްޑް ޑަބަލްސް ޕާޓްނަރު، އެފަހަރު ޗެމްޕިއަންކަން ހޯދުނު،" ހަ ފަހަރު (ތިން ފަހަރު ޑަބަލްސް އަދި ތިން ފަހަރު މިކްސްޑް ޑަބަލްސް) ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ސާނިއާ މެޗަށް ފަހު ބުންޏެވެ.

"އެއީ ވަރަށް ކުރި، މީގެ 22 އަހަރު ކުރިން. އޭނާ އަށް ވުރެ ރަނގަޅު ޕާޓްނަރެއް އަހަރެންނަކަށް ނުވިސްނުނު. އޭނާ އަކީ އަހަރެންގެ އެންމެ ގާރް އެއް އެކުވެރިޔާ، އަދި މިތާނގައި ފައިނަލް ކުޅެ ކެރިއަރު ނިންމާލަން އެންމެ ރަނގަޅު ޕާޓްނަރު."

ސާނިއާގެ އެންމެ ފަހު ގްރޭންޑް ސްލޭމް މެޗަށް ފަހު ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ސާނިއާގެ އެންމެ ފަހު ގްރޭންޑް ސްލޭމް މެޗަށް ފަހު ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާން ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ޝުއައިބް މާލިކް އާ ކައިވެނިކޮށްގެން އުޅޭ ސާނިއާގެ ހަތަރު އަހަރުގެ ދަރިފުޅު އިޒްހާން ވެސް މެޗު ބަލަން ސްޓޭޑިއަމް ގައި އިނެވެ. އޭނާ ބުނީ ދަރިފުޅު ކުރިމަތީގައި ގްރޭންޑް ސްލޭމް ފައިނަލެއް ކުޅެވުމުން އޭނާ މާ އުފާވާ ކަމަށެވެ.

"އަހަރެން ދުވަހަކު ވެސް ކުރިން އުއްމީދެއް ނުކުރަން އަހަރެންގެ ދަރިފުޅު ކުރިމަތީގައި ގްރޭންޑް ސްލޭމް ފައިނަލެއް ކުޅެވޭނެ ކަމަކަށް. އަހަރެންގެ ހަތަރު އަހަރުގެ ދަރިފުޅާއި މައިންބަފައިން މެޗު ބަލަން ތިބުން އަހަރެންނަށް ވަރަށް ހާއްސަ،" ފެންކަޅިވެފައި ހުރި ސާނިއާ ބުންޏެވެ.

ސާނިއާ އަކީ ވިމެންސް ޓެނިސް އެސޯސިއޭޝަން (އަބްލިއުޓީއޭ) މުބާރާތެއް ކާމިޔާބު ކުރި އެންމެ ފުރަތަމަ އިންޑިއާގެ ޓެނިސް ކުޅުންތެރިޔާ އެވެ. އެއީ 2005 ވަނަ އަހަރު އިންޑިއާގައި އޮތް ހައިދަރުއާބާދު އޯޕަން ކާމިޔާބު ކޮށްގެންނެވެ.

ހަމަ އެ އަހަރު ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް މުބާރާތުގެ ހަތަރު ވަނަ ބުރުން ސާނިއާ ޖާގަ ހޯދި އެވެ. އަދި 2007 ވަނަ އަހަރު އޭނާ ވަނީ އަންހެން ރޭންކިންގެ ގަދަ 30 ގައި ހިމެނިފަ އެވެ.

މިއަދު ކުޅުނު ފައިނަލް މެޗަށް ފަހު ސާނިއާ އަށް މާބޮނޑިއެއް ދެނީ.-- ފޮޓޯ: އޭއެފްޕީ

މިއަދު ކުޅުނު ފައިނަލް މެޗަށް ފަހު ސާނިއާ އަށް މާބޮނޑިއެއް ދެނީ.-- ފޮޓޯ: އޭއެފްޕީ

ސިންގަލްސް ދޫކޮށް ޑަބަލްސް އަށް ސާނިއާ ސަމާލުކަން ދޭން ފެށީ އޭނާގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އޭނާ ވަނީ ސްވިޒަލެންޑްގެ މާޓީނާ ހިންގިސް އާއެކު ތިން ފަހަރު ގްރޭންޑް ސްލޭމް ޑަބަލްސް އިވެންޓް ކާމިޔާބު ކޮށްފަ އެވެ. އެއީ 2015 ވަނަ އަހަރުގެ ވިމްބެލްޑަން އާއި ޔޫއެސް އޯޕަންގެ އިތުރުން 2016 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތެވެ.

ސާނިއާ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރީ ވެސް އޮސްޓްރޭލިއަން އޯޕަންގަ އެވެ. އެއީ 2009 ވަނަ އަހަރުގެ މިކްސްޑް ޑަބަލްސް އިވެންޓެވެ. އެ އަހަރު ކާމިޔާބު ކުރީ އިންޑިއާގެ މަހޭޝް ބުޕަތީ އާއެކު އެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ފްރެންޗް އޯޕަން ގައި މިކްސްޑް ޑަބަލްސް ކާމިޔާބު ކުރީ ވެސް މަހޭޝް އާއެކު އެވެ. އަދި 2014 ވަނަ އަހަރު ޔޫއެސް އޯޕަންގެ މިކްސްޑް ޑަބަލްސް ކާމިޔާބު ކުރީ ބްރެޒިލްގެ ބްރޫނޯ ސޯރެސް އާއެކު އެވެ.

ގްރޭންޑް ސްލޭމް މުބާރާތުގައި ސާނިއާ އެންމެ ގިނަ ފައިނަލް ކުޅުނީ ވެސް އޮސްޓްރޭލިއަން އޯޕަންގަ އެވެ. މި އަހަރުގެ މުބާރާތާ އެކު އޭނާ ވަނީ މުޅިއަކު ފަސް ފަހަރު މިކްސްޑް ޑަބަލްސް ފައިނަލް ގައި ކުޅެފަ އެވެ. އަދި ސެމީ ފައިނަލް ގައި ތިން ފަހަރު ވާދަ ކުރި އެވެ.

ސާނިއާ ޓެނިސް ކުޅުމުން ރިޓަޔާ ކުރާނީ އަންނަ މަހު ދުބާއީ ގައި އޮންނަ ޑަބްލިއުޓީއޭ ދުބާއީ ޓެނިސް ޗެމްޕިއަންޝިޕަށް ފަހު އެވެ. އޭނާ ދުބާއީ ގައި ދިރިއުޅެމުން އަންނަތާ 10 އހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ދާދި ފަހުން ޓެނިސް އެކަޑަމީއެއް ވެސް ވަނީ ހުޅުވައިފަ އެވެ.