Roadha Mihaaru
މެޑްވެޑޭވް ދިނީ ކުޑަކުދިންނަށް މެސެޖެއް

ފައިނަލުގެ ޖާގަ ހޯދައި މެޑްވެޑޭވް ދިނީ ކުޑަކުދިންނަށް މެސެޖެއް

20 ފެބުރުއަރީ 2021

މެލްބަން (ފެބްރުއަރީ 20) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި އިއްޔެ ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ބަލިކޮށް ފައިނަލުގެ ޖާގަ ކަށަވަރުކުރި ރަޝިއާގެ ޑެނީލް މެޑްވެޑޭވް އެ ގައުމުގެ ކުޑަކުދިންނަށް ހާއްސަ މެސެޖެއް ދީފި އެވެ.

މެލްބަން (ފެބްރުއަރީ 20) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި އިއްޔެ ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ބަލިކޮށް ފައިނަލުގެ ޖާގަ ކަށަވަރުކުރި ރަޝިއާގެ ޑެނީލް މެޑްވެޑޭވް އެ ގައުމުގެ ކުޑަކުދިންނަށް ހާއްސަ މެސެޖެއް ދީފި އެވެ.

މަނާބޭސް ބޭނުންކުރި އެކި އެތުލީޓުންގެ މައްސަލަތަކާ ހެދި ރަޝިއާ އަށް ދީފައިވާ ސަސްޕެންޝަނުގެ ސަަބަބުން ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތަކުގައި ރަޝިއާގެ ގައުމީ ސަލާމް ޖެހުމާއި ދިދަ ބޭނުންކުރުން އޮތީ މަނާކޮށްފަ އެވެ. އުމުރުން 25 އަހަރުގެ މެޑްވެޑޭވް ބުނީ އެ ގޮތަށް އެކަން އޮތް ސަބަބެއް އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"އަހަރެން ބޭނުން (ރަޝިއާގެ) ކުޑަކުދިން ޓެނިސް ކުޅެން. އަހަރެމެން ބޭނުން ރަޝިއާގެ ކުޑަކުދިންނަށް ޓެނިސް އިން ކުރިއަށް ދެވިދާނެކަން އަންގައިދޭން. އެއީ ގައިމުވެސް އަހަންނަށް ވަރަށް މުހިއްމު ކަމެއް. އަހަރެމެންގެ ކާމިޔާބީގެ އަސްލު މަގްސަދަކީ އަމިއްލަ ގައުމުގައި ވެސް މި ކުޅިވަރުން މުސްތަގުބަލެއް އޮތްކަން އަންގައިދިނުން،" ސިޓްސިޕާސްއާ ވާދަކޮށް 6-4, 6-2, 7-5 އިން މޮޅުވި މެޗަށް ފަހު މެޑްވެޑޭވް ބުންޏެވެ.

"ޓެނިހުގެ ވާހަކަ ދައްކާއިރު މި އަދަބު ތަކުގެ ވާހަކަ ނުދައްކާނަން. ޓެނިހުގެ ވާހަކަ ދައްކަން ބޭނުންވަނީ. އަހަންނަށް ނޭނގެ މިސާލަކަށް އަހަރެން އޮލިމްޕިކްސް އަށް ދާއިރު ރަޝިއާ ދިދަ ނުފެންނަންވީ ސަބަބެއް. އަހަންނަކީ ރަޝިއާ މީހެއް. ކީއްވެ އަހަންނަށް އެހެން ނުބުނެވެންވީ. މިއީ ސިޔާސީ ކަންކަން. އަހަރެމެން މި ވާހަކަ އިތުރަށް ދައްކަން ނެތިން،"

ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ރަޝިއާ އަށް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް އަދަބު ދިނީ ހަތަރު އަހަރަށެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން މައްސަލަ ބެލުމަށް ފަހު ވަނީ ރަޝިއާގެ އަދަބު ދެ އަހަރަށް ކުޑަކޮށްދީފަ އެވެ.

އޮސްޓްރޭލިއަން އޯޕަން ފައިނަލުން މެޑްވެޑޭވް ފުރުސަތު ހޯދިއިރު، އެންމެ ފަހުން އޭނާ ކުޅުނު 20 މެޗުން ވެސް ބަލިވެފައިނުވެ އެވެ. ފައިނަލުގައި އޭނާއާ ދެކޮޅަށް ނުކުންނަ ސާބިއާގެ ނޮވަކް ޖޮކޮވިޗް، އަށް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު، ފައިނަލުގައި އޭނާގެ ރެކޯޑް ފުރިހަމަ އެވެ.

މެޑްވެޑޭވް ބުނީ މާދަމާ ކުޅޭ ފައިނަލުގައި ޕްރެޝަރު އޮންނާނީ ޖޮކޮވިޗަށް ކަމަށެވެ. މެޑްވެޑޭވް މީގެ ކުރިން ކުޅުނު ހަމައެކަނި ގްރޭންޑްސްލޭމް ފައިނަލަކީ 2019 ވަނަ އަހަރު ޔޫއެސް އޯޕަން އެވެ. އެ ފަހަރު އޭނާ ބަލިވީ ސްޕެއިނުގެ ރަފައެލް ނަޑާލް އަތުންނެވެ.