Roadha Mihaaru
ކޯޓުން ނިންމީ ޖޮކޮވިޗާ އެއްކޮޅަށް، މުބާރާތުން ފެނިދާނެ

ކޯޓުން ނިންމީ ޖޮކޮވިޗާ އެއްކޮޅަށް، މުބާރާތުން ފެނުމުގެ ފުރުސަތު އެބައޮތް

10 ޖެނުއަރީ 2022

މެލްބަން (ޖެނުއަރީ 10) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރަން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް އެ ގައުމަށް ދިޔުމުން އޭނާގެ ވިސާ ކެންސަލް ކުރުމުން އޭނާ ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެލްބަން (ޖެނުއަރީ 10) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރަން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް އެ ގައުމަށް ދިޔުމުން އޭނާގެ ވިސާ ކެންސަލް ކުރުމުން އޭނާ ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުކޮށްފި އެވެ.

ކޯޓުން ބުނި ގޮތުގައި ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދަތުރުކުރީ ސައްހަ ވިސާއެއްގަ އެވެ. ނަމަވެސް ވިސާ ކެންސަލްކޮށްފައި ވަނީ އޭނާއަށް ޖަވާބުދާރީވާން ފުރުސަތު ނުދީ ކަމަށް ކޯޓުން ބުނެ އެވެ. މައްސަލައިގެ ފައިނަލް އަޑުއެހުންތައް މިއަދު ފަށަންދެން އޭނާ ހުރީ އޮސްޓްރޭލިއާގެ އިމިގްރޭޝަނުގެ ޑިޓެންޝަނުގަ އެވެ.

ޖޮކޮވިޗާ އެއްކޮޅަށް މައްސަލަ ނިންމައި، ކޯޓުން ވަނީ އޭނާ ޑިޓެންޝަނުން ދޫކޮށްލައި، ޑިޓެންޝަނުގައި ބެހެއްޓިއިރު އޭނާ އަތުން ދިޔަ ހަރަދުގެ ބަދަލު ދޭން ވެސް އެގައުމުގެ ސަރުކާރަށް އަންގައިފަ އެވެ. ނަމަވެސް ޖޮކޮވިޗަށް މުބާރާތުގައި ވާދަކުރެވޭނީ އޮސްޓްރޭލިއާގެ އިމިގްރޭޝަނުން އޭނާގެ ވިސާއާ މެދު ގޮތެއް ނިންމުމުންނެވެ. އަދި ކޯޓު މަރުހަލާއަށް ފަހު އޭނާ ވަނީ އަދިވެސް މުބާރާތުގައި ވާދަކުރަން ބޭނުންވާކަން، އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ހާމަކޮށްފަ އެވެ.

https://twitter.com/DjokerNole/status/1480529173789696001

އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގަވާއިދު ބުނާ ގޮތުން މުބާރާތުގައި ވާދަކުރާ ހުރިހާ ކުޅުންތެރިންނާއި ސްޓާފުން ވެސް ކޮވިޑް-19 އިން ދިފާއު ވާން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިކަން ކަށަވަރު ކޮށްދޭން ޖެހޭ އެވެ. ވެކްސިން ނުޖަހާ ނަމަ މުބާރާތުގައި ބައިވެރިވާން މަގުބޫލު އުޒުރެއް އޮވެގެންކަން އަންގައިދޭ ސިއްހީ މާހިރެއްގެ ލިޔެކިޔުން ހުށަހަޅަން ޖެހެއެވެ. އެހެން ނަމަވެސް އޮސްޓްރޭލިއާ ސަރުކާރުން ބުނެފައި ވަނީ ވެކްސިން ދެ ޑޯޒް ފުރިހަމަ ނުކުރާ އެއްވެސް ކުޅުންތެރިޔަކަށް އަދި އޮފިޝަލަކަށް ވެސް ގައުމަށް އެތެރެ ނުވެވޭނެ ކަމަށެވެ.

އެންމެ ގިނަ ފަހަރު އޮސްޓްރޭލިއަން އޯޕަން މުބާރާތް ކާމިޔާބު ކޮށްފައިވާ ސާބިއާގެ ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދިޔައީ ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކޮށް، މެޑިކަލް އެގްޒެމްޝަނަކާ އެކު މުބާރާތުގައި ބައިވެރިވާން ވިސާ ހޯދައިގެންނެވެ. ނަމަވެސް އޭނާ އޮސްޓްރޭލިއާ އަށް އެރުމާ އެކު އެ ގައުމުގެ ބޯޑާފޯސް އިން ވަނީ އޭނާގެ ވިސާ ކެންސަލްކޮށް، އަނބުރާ ގައުމަށް ފޮނުވާލަން ނިންމައިފަ އެވެ.

ވިސާ ކެންސަލް ކުރުމާ ގުޅިގެން އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު ވަނީ، ޖޮކޮވިޗް ބޭނުން ނަމަ މައްސަލަ ކޯޓަށް ހުށަހެޅިދާނެ ކަން ހާމަކޮށްފަ އެވެ. މި މައްސަލަ އެޕީލްކޮށް އަލުން ވިސާ ހޯދަން ޖޮކޮވިޗް އޮސްޓްރޭލިއާގެ ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ނިމެންދެން އޭނާ އެނބުރި ގައުމަށް ފޮނުވާލަން ކުރާ މަސައްކަތް ހުއްޓާލަން އަންގައިފަ އެވެ.

ޖޮކޮވިޗްގެ މެޑިކަލް އެގްޒެމްޝަނާ ބެހޭގޮތުން އޭނާގެ ވަކީލުން ކޯޓަށް ހުށަހަޅައިފައިވާ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި އޭނާ އަށް އޮސްޓްރޭލިއާއިން ވިސާ ދިނީ ޓެނިސް އޮސްޓްރޭލިއާގެ ހުއްދައާ ވެސް އެކު އެވެ. އެއީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ޖޮކޮވިޗް ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ ކަމަށް އެ ލިޔުންތަކުގައިވެ އެވެ.

ޖޮކޮވިޗްގެ ވަކީލުން ކޯޓަށް ހުށަހެޅި ޕީސީއާރު ޓެސްޓުގައިވާ ގޮތުން އޭނާގެ ސާމްޕަލް ނެގީ 16 ވަނަ ދުވަހުގެ މެންދުރު 1 ޖެހި ފަހުންނެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ނަތީޖާ ލިބިފައި ވަނީ އެރޭގެ 8:30 ގަ އެވެ.

ސާމްޕަލްގެ ނަތީޖާ ލިބުމުގެ ކުރިން ޖޮކޮވިޗް ވަނީ، ސާބިއާގައި ޓެނިސްގެ ޑިސްކަޝަން ޕެނަލްއެއްގައި ބައިވެރިވުމުގެ އިތުރުން، އޭނާއަށް ހާއްސަކޮށް އެގައުމުގައި ތައާރަފް ކުރި ސްޓޭމްޕް ދައްކާލުމުގެ ރަސްމިއްޔާތުގައި ވެސް މާސްކު ނާޅާ ބައިވެރިވެފަ އެވެ. އަދި ސްޓޭމްޕް ދައްކާލުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ޖެހިގެން އައި ދުވަހު ސޯޝަލްމީޑިއާ އެކައުންޓުގައި ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

https://twitter.com/DjokerNole/status/1471843717271150592

މީގެ އިތުރުން، ޕޮޒިޓިވް ނަތީޖާ ލިބުމުން ވެސް، ޑިސެމްބަރު 17 ވަނަ ދުވަހު ޖޮކޮވިޗް ވަނީ ސާބިއާގެ ޓެނިސް އެސޯސިއޭޝަނުން ބޭއްވި ޒުވާން ޓެނިސް ކުޅުންތެރިންނަށް އިނާމުދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ. އަދި ޖެހިގެން އައި ދުވަހު ފްރާންސްގެ ނޫހެއް ކަމަށްވާ ލެކީޕް އިން ކުރިޔަށް ގެންދިޔަ ފޮޓޯޝޫޓެއްގައި ވެސް ޖޮކޮވިޗް ބައިވެރިވި އެވެ.

މެޑިކަލް އެގްޒެމްޝަން ހުށަހެޅުމާ ބެހޭ ގޮތުން ޓެނިސް އޮސްޓްރޭލިއާގެ ޗީފް މެޑިކަލް އޮފިސަރު އޭރު އާއްމުކުރި ގަވާއިދުގައިވާ ގޮތުން، ވިސާ ހޯދަން މެޑިކަލް އެގްޒެމްޝަން ހުށަހަޅާނަމަ އެންމެ ލަސްވެގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ރިޕޯޓް ހުށަހަޅަން ވާނެ އެވެ.

މިހާތަނަށް ނުވަ ފަހަރު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހު ވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިދިޔަ އަހަރު ވެކްސިން ޖެހުމާ ދެކޮޅަށް ވާހަކަ ދެއްކި ޖޮކޮވިޗް ވަނީ އޭނާ އަދި ކޮވިޑް ވެކްސިން ޖަހާފައި ނުވާ ކަމަށް އޮސްޓްރޭލިއާ ބޯޑާ ކޮންޓްރޯލާ އެކު ކުރިޔަށް ގެންދިޔަ އިންޓަވިއުގައި ބުނެފަ އެވެ.